29 Dec 2010, 20:42
ކުރިޔަށްއޮތް ފަސް ވަރަކަށް އަހަރުތެރޭގައި ނޫނީ އެއަށްވުރެ އަވަހަށް އިނގިރޭސިވިލާތާއި އިޓަލީއާ އަދި ފަރަންސޭސިވިލާތް ފަހަތަށް ޖައްސާލުމަށްފަހު ދުނިޔޭގެ ފަސްވަނަ އިޤްތިސާދުގެ މަޤާމް ބްރަޒީލް ހޯދާނެ ކަމަށް އެޤައުމުގެ ރައީސް ލުވިސް އިނާސިޔޯ ޑިސިލްވާ ވިދާޅުވެއްޖެ އެވެ. ރިޔާސީ ދެ ދައުރު ފުރިހަމަ ކުރެއްވުމަށްފަހު އަންނަ ހޮނިހިރު ދުވަހު މަޤާމުން ވަކިވެވަޑައިގަންނަވާ ޑިސިލްވާ ވިދާޅުވީ އޭނާގެ ވެރިކަމުގައި ބްރަޒީލް ކުރިޔަށް ގޮސްފައިވާ މިންވަރާމެދު ހިތްހަމަޖެހިވަޑައިގަންނަވާ ކަމަށެވެ.
ބްރަޒީލަކީ މިހާރު ދުނިޔޭގެ އަށްވަނަ އިޤްތިސާދެވެ. ޗައިނާ، އިންޑިޔާ، ރަޝިޔާ އަދި ތުރުކީއާއެކު ބްރަޒީލް ހިމެނެނީ އިޤްތިސާދީ ގޮތުން ދުނިޔޭގައި އެންމެ ބާރަށް ކުރިއަރަމުން އަންނަ މަދު ޤައުމުތަކުގެ ލިސްޓުގެ ކުރީގައެވެ.
މި ޤައުމުތައް ކައިރި މުސްތަޤްބަލެއްގައި ހުޅަނގު ޔޫރަޕަށްވުރެ އިޤްތިސާދީ ގޮތުން ކުރިޔަށްދާނެ ކަމަށް ތަޖްރިބާކާރުން ދެކެއެވެ. އިޤްތިސާދީ ލަފާކުރުންތައް ބުނާގޮތުން 2014 ވަނަ އަހަރު ނޫނީ 2015 ވަނަ އަހަރު އިނގިރޭސިވިލާތާއި ފަރަންސޭސިވިލާތާ އަދި އިޓަލީ ފަހަތަށް ޖައްސާލުމަށްފަހު ދުނިޔޭގެ ފަސްވަނަ އިޤްތިސާދީ ބާރުގެ މަޤާމް ބްރަޒީލް ހޯދާނެއެވެ.
މިހާރު ދުނިޔޭގެ އެއްވަނަ އިޤްތިސާދަކީ އެމެރިކާއެވެ. ދެވަނަ އިޤްތިސާދަކީ ޗައިނާއެވެ. ތިންވަނަ އިޤްތިސާދަކީ ޖަޕާނެވެ. އަދި ހަތަރުވަނަ އިޤްތިސާދަކީ ޖަރުމަނުވިލާތެވެ. - ޖަވާދު