13 May 2014, 11:04
މިމަހު 19 އިން 30 އަށް ރާއްޖޭގައި ބާއްވާ އޭއެފްސީ ޗެލެންޖް ކަޕްގެ ސަލާމަތީ ކަންކަން ބެލެހެއްޓުމަށް ފުލުހުން ހާއްސަ އޮޕަރޭޝަނެއް ފަށައިފި އެވެ.
ޗެލެންޖު ކަޕްގެ ސަލާމަތީ ކަންކަން ބެލެހެއްޓުން ކުރިއަށް ގެންދާ ގޮތާ ބެހޭ ގޮތުން މީޑިއާއަށް މައުލޫމާތު ހިއްސާ ކުރަމުން ފުލުހުންގެ ޗީފް ސުޕްރިންޓެންޑެންޓް އިސްމާއީލް ނަވީން މިއަދު ވިދާޅުވީ، އޭއެފްސީ ޗެލެން ކަޕަކީ މި އަހަރުގެ ތެރޭގައި ރާއްޖޭގައި ބޭއްވޭ އެންމެ ބޮޑު ކުޅިވަރު މުބާރާތް ކަމަށްވާ އިރު މި މުބާރާތް ސަލާމަތާއި ރައްކާތެރިކަމާ އެކު ކުރިއަށް ގެންދެވޭނެ އަމާން މާހައުލެއް ގާއިމުކޮށްދިނުމަކީ ފުލުހުންގެ މިހާރުގެ އެންމެ ބޮޑު އެއް ޒިންމާ ކަމަށެވެ.
"އަޅުގަނޑުމެން މި އޮޕަރޭޝަން ކުރިއަށް ގެންދާ އިރު ކަމާ ބެހޭ ހުރިހާ ފަރާތްތަކާ އެކު މިހާރު ވާނީ މަޝްވަރާތައް ކުރިއަށް ގެންގޮސްފައި،" އޭފްސީ ޗެލެންޖް ކަޕަށް ފުލުހުން ކަނޑައަޅާފައިވާ ކޮމާންޑަރު ނަވީން ވިދާޅުވި އެވެ. "އިވެންޓާ ބެހޭ މައުލޫމާތު، މާލެ ސިޓީ ކައުންސިލާއި އައްޑޫ ސިޓީ ކައުންސިލާއެކު ވެސް ވާނީ ހިއްސާ ކުރެވިފައި. އަދި އެބޭފުޅުން ވެސް އަޅުގަނޑުމެންނަށް ދޭން ޖެހޭ އެއްބާރުލުމާއި އަޅުގަނޑުމެން ވެސް އެބޭފުޅުންނަށް ދޭންޖެހޭ އެއްބާރުލުން ދެމުން، މިކަންތައްތައް ކާމިޔާބުކަމާ އެކު ނިންމާލެވޭނެ ކަމުގެ އުންމީދުގައި އަޅުގަނޑުމެން މި އޮޕަރޭޝަން ވަރަށް ހަލުއިކަމާ އެކު ކުރިއަށް މިގެންދަނީ."
ނަވީން ވިދާޅުވީ، ޗެލެންޖް ކަޕަށް ތައްޔާރުވުމުގެ ގޮތުން ފުލުހުން ވަނީ އައްޑޫ ޒޯން ސްޓޭޑިއަމާއި މާލޭ ރަސްމީ ދަނޑުގެ އެސެސްމެންޓް ހަދައި ނިމިފައި ކަމަށާއި އަދި އެ މައުލޫމާތު ވާނީ އެފްއޭއެމް އާއި ޔޫތު މިނިސްޓްރީއާ ވެސް ހިއްސާކޮށްފައި ކަމަށެވެ.
"އަޅުގަނޑުމެން މި އޮޕަރޭޝަނަށް ބޭނުންވާ ހުރިހާ އާލާތާ އެއްޗެހި މިހާރުވަނީ ހޯދައި އަދި މިތަންތަނަށް ފޮނުވަން ޖެހޭ ފުލުހުންނާއި އަދި ތަކެތި ވެސް ވާނީ މިހާރު ފޮނުވުމުގެ މަގުމަތީގައި،" ނަވީން ވިދާޅުވި އެވެ.
ޗެލެންޖް ކަޕް އޮންނަ ދުވަސްވަރު ކުއްތައް އިތުރުވިޔަ ނުދިނުމަށްޓަކައި އައްޑޫ އަދި މާލޭ ސިޓީގައި ވެސް އިތުރު ފުލުހުން ހަރަކާތްތެރިވަމުން ދާނެކަމަށް ނަވީން ވިދާޅުވި އެވެ.
ނަވީން ވިދާޅުވީ، މުބަރާތުގެ މެޗުތައް ކުޅޭ ގަޑިތަކުގައި ދެ ސްޓޭޑިއަމް ކައިރީ ވެސް ގިނަ އަދަދެއްގެ ފުލުހުން ހަރަކާތްތެރިވާނެ ކަމަށާއި އަދި އެ ތަންތަނުގެ ޓްރެފިކް ބަލަހައްޓާނެ ގޮތާއި ކުޅިބަލަންދާ ފަރާތްތަކަށް ދަނޑަށް ވެއްދޭނެ އެއްޗިއްސާއި ނުވެއްދޭނެ އެއްޗެހީގެ މައުލޫމާތު ވެސް މީޑީއާ މެދުވެރިކޮށް ރައްޔިތުންނާ ހިއްސާ ކުރަށްވާނެ ކަމަށެވެ.
"އަޅުގަނޑުމެން ސަޕޯޓަރުންގެ ކިބައިން އެދެން މި މެޗުތައް ކުޅެމުންދާ ވަގުތު ދަނޑުގައި ތިއްބަވާ ފުލުހުންނަށް އެއްބާރުލުން ދެއްވައި، ފުލުހުން އަންގަވާ ގޮތެއްގެ މަތިން އެތަނުގައި ހަރަކާތްތެރިވުމަށް،" ނަވީން ވިދާޅުވި އެވެ.
ނަވީން ވިދާޅުވީ، މި އިވެންޓަކީ ދިވެހިރާއްޖެ ވަރަށް ބޮޑަށް ދުނިޔެއަށް ހާމަވެގެންދާނެ އިވެންޓެއް ކަމުން ކުޅިބަލަން ވަންނަވާ ހުރިހާ ބޭފުޅުން ވެސް، ފުލުހުން ދެއްވާ އިރުޝާދާ އެއްގޮތްވާ ގޮތުގެ މަތިން ސްޓޭޑިއަމް ތަކުގައި ހަރަކާތްތެރިވުމަށް އިލްތިމާސްކުރައްވާ ކަމަށެވެ.
މުބާރާތާ ގުޅިގެން ފުލުހުން ހަރަކާތްތެރިވާނެ ތަންތަނުގެ ތެރޭގައި މުބާރާތް ކުޅޭ ދަނޑުތަކާއި ޕްރެކްޓިސް ގްރައުންޑުތަކާއި ޓީމުތައް ތިބޭ ރިސޯޓުތަކާއި އެއާޕޯޓާއި ޓީމުތައް ދަތުރުކުރާ ސަރަހައްދުތައް ހިމެނޭ އިރު ނަވީން ވިދާޅުވީ، މުބާރާތުގައި ބައިވެރިވާ ކޮންމެ ޓީމަކަށް ވެސް ފުލުހުންގެ ހާއްސަ ޓީމެއް ކަނޑައަޅާފައިވާ ކަމަށެވެ.