13 May 2014, 11:04
ލ. ކުނަހަންދޫ ރައްޔިތުން ބޭނުންކުރަމުން އަންނަ މިސްކިތުގައި ޖާގައިގެ ދަތިކަން ވަރަށް ބޮޑަށް ކުރިމަތިވެފައިވާ ކަމަށް އެ ރަށު ކައުންސިލުން ބުނެފި އެވެ.
ކުނަހަންދޫ ކައުންސިލްގެ ނައިބް ރައީސް ލިރުގާމް ސައީދު މިއަދު ވިދާޅުވީ، މިހާރު ހުރި މިސްކިތަކީ މީގެ 40 ވަރަކަށް އަހަރު ކުރިން އެ ރަށުގައި ހަދާފައި ހުރި މިސްކިތެއް ކަމަށާއި އެ މިސްކިތް މިހާރު ވަރަށް ބޮަޑަށް ބާވެ، މިސްކިތުގެ ޖާގަ ވެސް ނެތް ކަމަށެވެ.
މިދިޔަ އަހަރު ސަރުކާރުން ވަނީ އެރަށުގެ މިސްކިތުގެ ޖާގައިގެ ދަތިކަން ހައްލުކޮށްދިނުމަށް މިސްކިތުގެ ފެންޑާއަށް ބައެއް އިތުރުކޮށްފަ އެވެ. ނަމަވެސް އެތަނުގައި ވެސް ވިއްސާރަވެއްޖިއްޔާ ނަމާދު ނުކުރެވޭ ކަމަށް ލިރުގާމް ވިދާޅުވި އެވެ. އަދި އެ މިސްކިތަކީ 60 މީހުންގެ ޖާގަ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"މިސްކިތުގެ ދޮރުތައް ވެެސް މިހާރު ހުރީ ފީވެ ހަލާކުވެފައި. ވިއްސާރަ ވެއްޖިއްޔާ ފުރާޅުން ސީލިންއަށް ފެން ފައިބާ. އަނެއްކޮޅުން މިސްކިތުތެރެއަށް ފެން ވިއްސައި، ފެންޑާގައި ހުރި ބައިގައި މިހުންނަނީ ފުރާޅު އެކަނި، އެހެންވެ ވަށައިގެން ފެން ވިއްސާނެ ވާރޭ ވެހިއްޖިއްޔާ، ރަމަޟާން މަހު އެކަމުގެ ދަތިކަން އިންތިހާއަށް ކުރިމަތިވާނެ،" ލިރުގާމް ވިދާޅުވި އެވެ.
އާބާދީގައި 800 އެއްހާ މީހުން ދިރިއުޅޭ ކުނަހަންދޫއަށް ހުކުރު ކުރުމަށް، އެ އަތޮޅު ތެރޭގައި މަހަށް ނުކުމެ އުޅޭ އެހެން ރަށްރަށުގެ މީހުން ވެސް އަންނަ ކަމަށާއި ހުކުރު ދުވަސް ދުވަހު ގާތްގަނޑަކަށް 300 އާއި 350 އާ ދެމެދުގެ އަދަދަކަށް އެެރަށުގައި މީހުން ހުކުރު ކުރާ ކަމަށް އޭނާ ވިދާޅުވި އެވެ.