އަބޫޖާ (މޭ 13) : ނައިޖީރިޔާގެ ހައްދު ފަހަނަޅާފައިވާ ޖަމާއަތެއް ކަމަށްވާ ބޯކޯ ހަރާމް ޖަމާއަތުން ވަގަށްނަގާފައިވާ 200 އަށް ވުރެ ގިނަ އަންހެންކުދިން މިނިވަން ކުރުމަށް ޓަކައި ނައިޖީރިޔާގެ ޖަލުތަކުގައިވާ އެޖަމާއަތުގެ ހަނގުރާމަވެރިން މިނިވަން ކުރުމަށް އެދި އެ ޖަމާއަތުގެ ވެރިޔާ ހުށަހެޅި ހުށަހެޅުމަކަށް އެގައުމުގެ ސަރުކާރުން ދެކޮޅު ހަދައިފި އެވެ.

ބޯކޯ ހަރާމް ޖަމާއަތުން ނައިޖީރިޔާ ސަރުކާރަށް މިކަން ހުށަހަޅާފައި ވަނީ އެޖަމާއަތުން ނެރުނު ވީޑީޔޯ އެއްގަ އެވެ. މިވީޑިޔޯގައި އެޖަމާއަތުގެ ވެރިޔާ އަބޫބަކުރު ޝިކެއޯ ބުނެފައި ވަނީ ނައިޖީރިޔާގެ ޖަލުތަކުގައިވާ އެޖަމާއަތުގެ ހުރިހާ ހަނގުރާމަވެރިން މިނިވަންކޮށްދޭ ނަމަ، ވަގަށް ނަގާފައިވާ 200 އަށް ވުރެ ގިނަ އަންހެންކުދިން މިނިވަން ކޮށްދެވިދާނެ ކަމުގަ އެވެ. ނައިޖީރިޔާގެ ސަރުކާރުން ބުނީ ބޯކޯ ހަރާމް ޖަމާއަތަކީ ޓެރަރިސްޓް ޖަމާއަތެއް ކަމަށާއި އެ ޖަމާއަތުގެ ހުށަހެޅުން ގަބޫލުނުކުރާނެ ކަމުގަ އެވެ.

ބޯކޯ ހަރާމް ޖަމާއަތުން ނެރުނު ވީޑިޔޯގައި ވަގަށްނަގާފައިވާ އަންހެންކުދިން ވެސް ދައްކާލާފައިވެ އެވެ. އޭގެ ތެރެއިން ބައެއް ކުދިން ބުނެފައި ވަނީ އެ ކުދިންނަށް ބޯކޯ ހަރާމް ޖަމާއަތުގެ ހަނގުރާމަވެރިންގެ ފަރާތުން އެއްވެސް އަނިޔާއެއް ލިބިފައިނުވާ ކަމަށާއި އެ ކުދިންގެ ހާލު ރަނގަނޅު ކަމުގަ އެވެ. ނަމަވެސް މިއީ މިނިވަން މާހައުލެއްގައި ތިބެގެން އެކުދިން ދައްކާފައިވާ ވާހަކަ ތަކަކަށްނުވާތީ މިއީ މަޖްބޫރުކަމެއް ނެތި އެ ކުދިން ދައްކާފައިވާ ވާހަކަތަކާ މެދު ވަނީ ސުވާލު އުފެދިފަ އެވެ.

އެވީޑީޔޯގައި ބޯކޯ ހަރާމް ޖަމާއަތުގެ ވެރިޔާ އަބޫބަކުރު ޝިކެއޯ ބުނެފައި ވަނީ ވަގަށް ނަގާފައިވާ 200 އަށް ވުރެ ގިނަ ކުދިންގެ ތެރެއިން 130 ކުދިންނަކީ ނަސާރާކުދިން ކަމަށާއި ނަމަވެސް މިހާރު އެކުދިން އިސްލާމް ވެފައިވާކަމުގަ އެވެ. އެކުދިން އިސްލާމްވީ ބިރުދައްކައިގެންކަން ނުވަތަ އެކުދިންގެ އަމިއްލަ އިޚްތިޔާރުގައި ކަން އޭނާ ހާމަކޮށްފައެއް ނުވެ އެވެ. އަދި ވަގަށްނަގާފައިވާ އަންހެންކުދިން ކިޔަވަން ބޭނުންނުވާ ކަމަށާއި އެކުދިން ބޭނުން ވަނީ މީހުންނާ އިނުމަށް ކަމަށް ވެސް އަބޫބަކުރު ޝިކެއޯ ބުނެފައިވެ އެވެ. ބޯކޯ ހަރާމުން ނެރުނު ވީޑިޔޯގައި އެހުރިހާ އަންހެންކުދިން ވެސް ފެންނަނީ ބުރުގާ އަޅައިގެން ތިއްބަ އެވެ.

ބޯކޯ ހަރާމް ޖަމާއަތުން ނައިޖީރިޔާގެ އެކި ކަންކޮޅުތަކުގައި ދިން އެކިބާވަތުގެ ހަމަލާތަކުގައި މިދިޔަ އަހަރު ވެސް ކުށެއްނެތް ދޮޅު ހާހެއްހާ މީހުން މަރުވެފައިވާ އިރު މިހަމަލާތަކުގެ މަސްއޫލިއްޔަތު އެޖަމާއަތުން ވަނީ އުފުލާފަ އެވެ. (ރޮއިޓާސް