13 May 2014, 10:32
އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓް(އައިއެންއައިއޭ)ގައި ހުންނަ އަކުއާ ރެސްޓޯރެންޓް ބަންދުކޮށް އެ ސަރަހައްދަށް ޓާމިނަލް އިތުރު ކުރުމަށް މަޝްވަރާކުރަމުން އަންނަ ކަމަށް އެއާޕޯޓް ހިންގާ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އިން ބުނެފި އެވެ.
އަކުވާ ރެސްޓޯރެންޓް މިހާރު ވަނީ އެރެސްޓޯރެންޓް ހިންގަން ހަވާލުކުރި ފަރާތްތަށް ދީފައިވާ މުއްދަތު ހަމަވެފައި ވާތީ ބަންދުކޮށްފަ އެވެ.
އެމްއޭސީއެލްގެ އޮފިޝަލަކު މިއަދު ވިދާޅުވީ އަކުއާ ރެސްޓޯރެންޓް އަލުން ބަޔަކާ ހަވާލުކުރާނީތޯ ނުވަތަ އެ ރެސްޓޯރެންޓް ހުރި ތަނަށް ޓާމިނަލް ބޮޑުކުރާނީތޯ ކަނޑައެޅުމަށް މަޝްވަރާ ކުރަމުން އަންނަ ކަމަށެވެ.
"އަދި އަޅުގަނޑުމެން ވަކި ގޮތެއް ނުނިންމަން. ވަރަށް ބޮޑަށް މަޝްވަރާ އެބަކުރެވޭ އަކުވާ ރެސްޓޯރެންޓް ހުރިތަނަށް ޓާމިނަލް ބޮޑުކުރުމަށް ވެސް،" އެމްއޭސީއެލްގެ އޮފިޝަލް ވިދާޅުވި އެވެ.
އެކަމުގައި ގޮތެއް ނިންމޭނެ ވަކި ތާރީހެއް އޭނާ ވިދާޅެއްނުވެ އެވެ.
އަކުއާ ރެސްޓޯރެންޓަކީ އެއާޕޯޓަށް އެކި ބޭނުންތަކަށްދާ ގިނަ ބަޔަކާއި އެއާޕޯޓްގެ މުވައްޒިފުންގެ ކެއިންބުއިމުގެ ހިދުމަތް ހޯދަމުން ދިޔަ ރެސްޓޯރެންޓެކެވެ.