13 May 2014, 10:08
ދިވެހިބަހުގެ އެކެޑެމީ އިން އިންތިޒާމުކޮށްގެން ބޭއްވި، "އެލައިޑް އިންޝުއަރެންސް ގައުމީ ވާހަކަ ދެއްކުމުގެ މުބާރާތް 2014"ގެ ނަތީޖާ ފާޅުކޮށްފި އެވެ.
އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި ރޭ ބޭއްވި ރަސްމިއްޔާތުގައި މުބާރާތުގެ އެކި އުމުރު ފުރާތަކުންނާއި އެކި ދާއިރާތަކުން އެއްވަނަ ހޯދި ފަރާތްތަކަށް އިނާމު ހަވާލުކޮށްދެއްވީ ރަސްމިއްޔާތުގެ ޝަރަފްވެރި މެހްމާން ޑރ. މުހައްމަދު ހަނީފެވެ.
މުޅި މުބާރާތުން 13 އަހަރުންދަށުގެ ބައިން އެއް ވަނަ ހޯދި ދަރިވަރަކީ، ޖަމާލުއްދީން ސްކޫލްގެ އައިޝަތު އީފާ އެވެ. ދެ ވަނަ އަށް ހޮވުނީ، ތާޖުއްދީން ސްކޫލްގެ އަހުމަދު ނައީމް އެވެ. ތިން ވަނަ އަށް ވަނީ ދެ ކުއްޖަކު ހޮވިފަ އެވެ. އެއީ އިޔާޘުއްދީން އިންޓަނޭޝަނަލް ސްކޫލްގެ ފާތިމަތު ޒިވާ މުމްތާޒް އާއި އިސްކަންދަރު ސްކޫލްގެ ނިހްލަތު ނަސްރުﷲ އެވެ.
ޖުމްލަ ހަތް ސްކޫލަކުން ބައިވެރިވި، އެ އުމުރު ފުރައިން އެއްވަނަ ސްކޫލަކަށް ހޮވުނީ އިޔާޘުއްދީން އިންޓަނޭޝަނަލް ސްކޫލެވެ. ދެ ވަނަ އިސްކަންދަރު ސްކޫލް ހޯދިއިރު، ތިން ވަނަ ހޯދާފައި ވަނީ ތާޖުއްދީން ސްކޫލެވެ.
މުޅި މުބާރާތުން 13 އަހަރާއި 16 އަހަރާއި ދެމެދުގެ އުމުރު ފުރައިން އެއް ވަނަ ދަރިވަރަކަށް ހޮވުނީ، ތާޖުއްދީން ސްކޫލްގެ އިނާރާ މުހައްމަދު ސައީދެވެ. ދެ ވަނަ އަށް ހޮވުނީ ހިރިޔާ ސްކޫލްގެ އާމިނަތު ޔަމާނީ މުހައްމަދެވެ. އަދި ތިން ވަނަ އަށް ހޮވުނީ ތާޖުއްދީން ސްކޫލްގެ ފާތިމަތު ލައިޝާ އެވެ.
އެ އުމުރު ފުރައިން އެއް ވަނަ ސްކޫލަކަށް ހޮވިފައިވަނީ ތާޖުއްދީން ސްކޫލެވެ. އަދި ދެވަނަ އަށް ހިރިޔާ ސްކޫލް ހޮވުނު އިރު، ތިން ވަނަ އަށް ހޮވުނީ އަމީނިއްޔާ ސްކޫލެވެ. އެ އުމުރު ފުރާގައި ވަނީ 10 ސްކޫލަކުން ބައިވެރިވެފަ އެވެ.
މުޅި މުބާރާތުން، 16 އަހަރާއި 21 އަހަރާއި ދެމެދުގެ އުމުރު ފުރައިން ހުރިހާ ވަނައެއް ހޯދާފައިވަނީ ސެންޓަރު ފޯ ހަޔާ ސެކަންޑްރީ އެޑިޔުކޭޝަން (ސީއެޗްއެސްއީ)ގެ ދަރިވަރުންނެވެ. އެގޮތުން އެއް ވަނަ ހޮވިފައި ވަނީ އައިޝަތު މިހުނާ ނާސިހު އެވެ. ދެ ވަނަ އަށް ހޮވުނީ އަހްމަދު ޝައްފާން މުހައްމަދެވެ. އަދި ތިން ވަނަ އަށް ހޮވުނީ އަހްމަދު ސާއިބެވެ.
މުބާރާތުގެ ގަވައިދުގައި ބުނާ ވަރަށް ސްކޫލްތަކުން ބައިވެރިވެފައި ނުވާތީ އެ އުމުރު ފުރާގައި އެއްވަނަ ސްކޫލެއް ހޮވާފަ އެއް ނުވެ އެވެ. މުބާރާތުގެ ގަވާއިދު ބުނާގޮތުން ކޮންމެ އުމުރު ފުރައެއްގައި މަދުވެގެން ތިން ސްކޫލް ބައިވެރިވާންޖެހެ އެވެ. ނަމަވެސް 16 އަހަރާއި 21 އަހަރާއި ދެމެދުގެ އުމުރު ފުރާގައި ބައިވެރިވެފައި ވަނީ ސީއެޗްއެސްއީ އާއި ގަލޮޅު މަދަރުސާ އެކަންޏެވެ.
މުބާރާތުގެ މަތީ ތައުލީމުގެ ބައިން ވެސް ވަނައަށް ހޮވޭ ވަރުގެ އެއްވެސް ދަރިވަރަކު ނެތުމުން ވަނައެއް ހޮވާފަ އެއް ނުވެ އެވެ.
މުބާރާތުގައި އޮފީސް، ކުންފުނި، ޖަމިއްޔާ، ޖަމާއަތްތަކުގެ ބައިން އެއްވަނަ އަށް ހޮވިފައިވަނީ ފެކަލްޓީ އޮފް އާޓްސްގެ ދަރިވަރުންގެ ޖަމިއްޔާގެ މުހައްމަދު ނަސީމެވެ. ދެ ވަނަ އަދި ތިން ވަނަ މަގާމް ހޯދާފައިވަނީ ގައުމީ ޔުނިވާސިޓީގެ ދަރިވަރުންގެ ޔޫނިއަންގެ ދަރިވަރުންނެވެ. އެގޮތުން ދެވަނައަށް އެ ޔޫނިއަންގެ ހަޝްމާ އަދުނާން ހޮވިފައިވާއިރު، ތިން ވަނަ އަށް ހޮވިފައިވަނީ ހާތިމް ޔޫސުފެވެ.
ޖުމްލަ ހަތަރު ފަރާތަކުން ބައިވެރިވި އެ ބައިން އެންމެ މޮޅު ފަރާތަކަށް ހޮވިފައި ވަނީ ފެކަލްޓީ އޮފް އާޓްސްގެ ދަރިވަރުންގެ ޖަމިއްޔާ އެވެ. ދެ ވަނަ އަށް ހޮވުނީ ގައުމީ ޔުނިވާސިޓީގެ ދަރިވަރުންގެ ޔޫނިއަން އެވެ. އަދި ތިން ވަނަ އަށް ހޮވުނީ ކުއްލިއްޔާ ގެ އިސްދަރިވަރުންގެ ޖަމިއްޔާ، ރާބިތަތުއް ތުއްލާބު އެވެ. އެ ބައިން އެއްވެސް އެ އެވޯޑަ ލިބިފައިނުވަނީ، އެޓާނީ ޖެނެރަލްގެ އޮފީހަށެވެ.
މުބާރާތުގެ އަމިއްލަ ފަރާތްތަކުގެ ތެރެއިން 18 އަހަރުން މަތީގެ ބައިން އެއް ވަނަ އަށް ހޮވުނީ ށ. ކަނޑިތީމު ހަސްތާ، މުހައްމަދު ނާއިފެވެ. ދެވަނަ އަށް ހޮވިފައި ވަނީ ސ. ހުޅުދޫ ޑައިމަންޑްވިލާ އަހްމަދު އަނޫޝް އެވެ. އަދި ތިން ވަނަ މަގާމް ލިބިފައިވަނީ ރ. ހުޅުދުއްފާރު މުނާ ހާތިމް ޔޫސުފެވެ.
މި އަހަރުގެ މުބާރާތުގައި އަމިއްލަ ފަރާތްތަކުގެ ތެރެއިން 18 އަހަރުންދަށުގެ ބައިގައި ބައިވެރިން ހަމަނުވުމުގެ ސަބަބުން ބާއްވާފައެއް ނުވެ އެވެ.
މިރޭގެ ރަސްމިއްޔާތުގައި، ކޮންމެ އުމުރުފުރައެއްގައި ބައިވެރިވި ސްކޫލްތަކުން އެންމެ މޮޅު ވާހަކަދެއްކުންތެރިޔާ އާއި ކޮންމެ އުމުރު ފުރައަކުން އެންމެ މޮޅު ފަސް ވާހަކަދެއްކުންތެރިޔާގެ އިތުރުން އެސްއެމްއެސް ކޮށްގެން ހޮވުނު ކުދިންނަށްވެސް ވަނީ އިނާމާއި ހަނދާނީ ލިޔުން ހަވާލުކޮށްފަ އެވެ.
މީގެ އިތުރުން މިއަހަރުގެ މުބާރާތުގައި އަތޮޅު ތެރެއިން ހަމައެކަނި ބައިވެރިވި ސ. ހިތަދޫ ސްކޫލަށް ވަނީ މިރޭގެ ރަސްމިއްޔާތުގައި ހާއްސަ އިނާމެއްވެސް ދީފައިވާއިރު، ދިވެހި ބަހުގެ އެކަޑަމީން ނެރެމުން އަންނަ "ފަތްތޫރަ" މަޖައްލާގެ 400 ވަނަ ބައި ވެސް ނެރެދެއްވާފަ އެވެ. އެ ފޮތް ނެރެދެއްވީ ޓްރާސްޕޯޓް މިނިސްޓަރު އަމީން އިބްރާހިމް އެވެ.
ނޭޝަނަލް އާޓް ގެލެރީ ގައި މިމަހުގެ ހަ ވަނަ ދުވަހު ފެށި، ވާހަކަދެއްކުމުގެ މުބާރާތުގައި 13 ސްކޫލަކުންނާއި އަމިއްލަ ގޮތުން ޖުމްލަ 150 ދަރިވަރުން ބައިވެރިވެފައި ވެއެވެ. އަދި ވާހަކަދެއްކުމުގެ މުބާރާތުގެ ތެރެއިން ކުރިއަށްދިޔަ ބަހުސް މުބާރާތުގައި ހަތަރު ޖަމިއްޔާއަކުން 20 ދަރިވަރުން ބައިވެރިވެފައިވެ އެވެ.
ތިން އުމުރު ފުރައަކަށް ބަހާލައިގެން ކުރިއަށް ގެންދިޔަ އެ މުބާރާތުގައި، 13 އަހަރުން ދަށުގެ އުމުރު ފުރައިގައި 47 ދަރިވަރުން ވާހަކަ ދައްކާފައިވާއިރު، 13 އަހަރާއި 16 އަހަރާ ދެމެދުގެ އުމުރު ފުރައިގައި ވާހަކަ ދައްކާފައިވަނީ 70 ދަރިވަރުންނެވެ. އަދި 16 އަހަރާއި 21 އަހަރާއި ދެމެދުގެ އުމުރުފުރާގައި ބައިވެރިވެފައިވަނީ 14 ދަރިވަރުންނެވެ.