ޑޮނެތްސިކް (މޭ 12) :ޔުކްރޭންގެ އިރުމަތީގެ ދެސަރަހައްދު ކަމަށްވާ ދޮނިތްސިކް އާއި ލޮހާންސްކް، ޔުކްރޭންގެ ދައުލަތުން ވަކިވެ މިނިވަންކަން އިޢުލާން ކުރަންފެނޭތޯ ބެލުމަށް އާދީއްތަ ދުވަހު ނެގި ފެންނަ ނުފެންނަ ވޯޓަކީ ގާނޫނީ އެއްވެސް ބުރަދަނެއްނެތް ބޭކާރު ވޯޓެއް ކަމަށް ޔުކްރޭންގެ އިންތިޚާބީ ވެރިކަން ވައްޓާލުމަށް ފަހު ވެރިކަމާ ހަވާލުވެ ހުންނެވި އެގައުމުގެ ވަގުތީ ރައީސް އެލެގްޒެންޑާ ތުރްޗިނޯވް ވިދާޅުވެއްޖެ އެވެ.

ތުރްޗިނޯވް ވިދާޅުވީ ޔުކްރޭންގެ އިރުމަތީ ސަރަހައްދުތަކުގައި ހަރަކާތްތެރިވާ ރަޝިޔާ އަށް ތާއީދުކުރާ ފަރާތްތަކަކީ ޓެރަރިސްޓުން ކަމަށާ އެމީހުން ވަކިވެގަތުމަށް މަސައްކަތްކުރަމުން ގެންދަނީ އެމީހުން ހިންގާފައިވާ ޖަރީމާތައް ފޮރުވުމުގެ ބޭނުމުގައި ކަމަށެވެ. ޔުކްރޭންގެ އެއްވެސް ސަރަހައްދެއްގައި ވޯޓުލުންފަދަ ކަމެއް އިންތިޒާމް ކުރުމުގެ ގާނޫނީ ބާރެއް އެފަރާތްތަކަށް ނެތް ކަމަށް ވެސް ތުރްޗިނޯވް ވިދާޅުވި އެވެ.

ތުރްޗިނޯވް މިހެން ވިދާޅުވިއިރު ރަޝިޔާއަށް ތާއީދުކުރާ އެގައުމުގެ އިދިކޮޅު ފަރާތްތަކުން (ވަކިވެގަތުމަށް މަސައްކަތްކުރާ ފަރާތްތަކުން) ބުނަނީ ތުރްޗިނޯވް އާއި އޭނާގެ ސަރުކާރަކީވެސް ޣައިރު ގާނޫނީ ސަރުކާރެއް ކަމަށާ އެއީ ޔުކްރޭންގެ ރައްޔިތުން އިންތިޚާބު ކޮށްފައިނުވާ އަދި އެއްވެސް ހައިސިއްޔަތެއްނެތް ބޭކާރު ސަރުކާރެއް ކަމުގަ އެވެ. ދޮނިތްސިކް އާއި ލޮހާންސްކް، ޔުކްރޭންގެ ދައުލަތުން ވަކިވެ މިނިވަންކަން އިޢުލާން ކުރަންފެނޭތޯ ބެލުމަށް އިއްޔެނެގި ފެންނަ ނުފެންނަ ވޯޓުގައި އެދެސަރަހައްދުގެ ރައްޔިތުންގެ ގާތްގަނޑަކަށް 90 އިންސައްތަ މީހުން ވޯޓުދީފައި ވަނީ މިނިވަންކަން އިޢުލާން ކުރުމަށްކަމަށް މިވޯޓު އިންތިޒާމްކުރުމުގައި އިސްކޮށްއުޅޭ ރަޝިޔާ އަށް ތާއީދުކުރާ ފަރާތްތަކުން ވަނީ އިއުލާންކޮށްފަ އެވެ.
ރަޝިޔާ އަށް ތާއީދުކުރާ ޔުކްރޭންގެ ވަކިވެގަތުމަށް މަސައްކަތްކުރާ ހަތިޔާރުއެޅި ޖަމާއަތްތަކާއި އެދެސަރަހައްދުގެ ލޯކަލް ސަރުކާރުތަކުގެ ބެލުމުގެ ދަށުންކުރިޔަށްދިޔަ މިވޯޓުގެ ނަތީޖާ އަދި އިޢުލާންކޮށްފައި ނުވި ނަމަވެސް ރަޝިޔާ އަށް ތާއީދުކުރާ ފަރާތްތަކުން ބުނީ މިހާތަނަށް ވޯޓުގެ 95 އިންސައްތަ ގުނާފައިވާ ކަމަށާ އޭގެތެރެއިން 90 އިންސައްތަ މީހުން ވޯޓު ދީފައި ވަނީ ޔުކްރޭނުން ވަކިވެ މިނިވަންކަން އިޢުލާން ކުރުމަށް ތާއީދުކޮށް ކަމުގައެވެ. މިދެސަރަހައްދުގެ ވޯޓުގައި ވޯޓުލުމުގެ ހައްގުލިބިފައިވާ 75 އިންސައްތަ މީހުން ބައިވެރިވެފައިވާ ކަމަށް ވެސް އެފަރާތްތަކުން ބުނެ އެވެ.

ނަމަވެސް ދޮނިތްސިކް އާއި ލޮހާންސްކް، ރަޝިޔާގެ އިއްތިޙާދުގައި ބައިވެރިވާނީ މިނިވަންކަން އިއުލާން ކުރުމަށް ފަހު މިނިވަން މުސްތަގިއްލު ދައުލަތެއްގެ ގޮތުގައި ކަމަށް ވަކިވެގަތުމަށް މަސައްކަތްކުރާ ރަޝިޔާ އަށް ތާއީދުކުރާ ޖަމާއަތްތަކުން ބުނެއެވެ. ދޮނިތްސިކް އާއި ލޮހާންސްކްގެ އާބާދީއަކީ ގާތްގަނޑަކަށް ހަތް މިލިޔަނެވެ. މި ދެސަރަހައްދާ އެކު ޔުކްރޭންގެ ޖުމްލަ އާބާދީއަކީ ގާތްގަނޑަކަށް 45 މިލިޔަނެވެ.

މިވޯޓަށް ޔުކްރެއިންގެ ސަރުކާރުގެ އިތުރުން އެމެރިކާއާއި ވިލާތުގެ އިއްތިޙާދުންވެސް ދެކޮޅު ހަދާފައިވާއިރު ވިލާތުގެ އިއްތިޙާދުން އިއްޔެ ބުނެފައިވަނީ މިއީ ޣައިރު ގާނޫނީ ވޯޓެއް ކަމަށާ މިވޯޓުގެ ނަތީޖާ ގަބޫލުނުކުރާނެ ކަމުގައެވެ. ނަމަވެސް މިވޯޓުގެ ނަތީޖާ ރަޝިޔާއިން ގަބޫލުކުރުމުގެ އިތުރުން އަދި ވޯޓުނެގި ދެސަރަހައްދު މިނިވަންކަން އިއުލާންކޮށްފިނަމަ އެކަންވެސް ރަޝިޔައިން ގަބޫލުކުރާނެ ކަމަށް ވަނީ ބެލެވިފައެވެ. ޔުކްރެއިންގައި މިހާރު ވެރިކަންކުރާ ހުޅަނގަށް ތާއީދުކުރާ ފަރާތްތަކުން އެގައުމުގެ އިންތިޚާބީ ސަރުކާރު، ވައްޓާލުމާގުޅިގެން ޔުކްރެއިންގެ ކްރައިމިޔާ ސަރަހައްދުވެސް ވަނީ މިފަދަ ވޯޓެއް ނަގައިގެން މިނިވަންކަން އިޢުލާންކުރުމަށްފަހު ރަޝިޔާގެ އިއްތިޙާދީ ދައުލަތުގައި ބައިވެރިވެފައެވެ. (ނޫސްއެޖެންސީތައް)