13 May 2014, 09:38
ސުޕްރީމް ކޯޓުގެ އަމުރާ އެއްގޮތަށް ޕްރޮސިކިއުޓާ ޖެނެރަލް އޮފީހުގެ ވަކީލުން ކޯޓުތަކަށް ހާޒިރުވާން ފަށައިފި އެވެ.
ސަން އަށް މައުލޫމާތު ދެއްވަމުން ކްރިމިނަލް ކޯޓުގެ މީޑިއާ އޮފިޝަލް އަހްމަދު މުހައްމަދު މަނިކު މިއަދު ވިދާޅުވީ މިއަދު ހެނދުނު 9:00 އިން ފެށިގެން އެ ކޯޓުގައި ތާވަލްކޮށްފައިވާ މައްސަލަތަކަށް ޕީޖީ އޮފީހުގެ ވަކީލުން ހާޒިރުވަމުން އަންނަ ކަމަށެވެ.
ޕީޖީ އޮފީހުގެ ވަކީލުން މީގެ ކުރިން ކޯޓުތަކަށް ހާޒިރުވާ އުޒުރުވެރިވެފައި ވަނީ ޕްރޮސިކިއުޓާ ޖެނެރަލް އާއި އޭނާގެ ނާއިބް މަގާމުގައި ނެތް ހާލަތުގައި އެބޭފުޅުން ކޯޓުތަކަށް ހާޒިރުވުމަކީ ގާނޫނު ހުއްދަކުރާ ކަމެއް ނޫން ކަމަށް ވިދާޅުވެ އެވެ.
ނަމަވެސް ސުޕްރީމް ކޯޓުން އިއްޔެ ނެރުނު އަމުރުގައި ޕްރޮސިކިއުޓާ ޖެނެރަލް އާއި އޭނާގެ ނައިބުގެ މަގާމަށް މީހަކު އައްޔަންކުރެވިފައި މިވަގުތު ނެތްކަމުގައި ވިޔަސް، ހާލަތުއް ޟަރޫރާ އާއި ކޮންޓިނިއުޓީ އޮފް ލީގަލް ގަވާމެންޓްގެ މަބްދައުގެ ދަށުން، ޖިނާއީ ދައުވާތައް އުފުލުމާއި އެ ދައުވާތަކާ ގުޅިގެން ކުރަންޖެހޭ އެންމެހައި އިންތިޒާމުތައް ހަމަޖައްސަން ޖެހޭނެ ކަމަށެވެ.
ދައުލަތުގެ ނަމުގައި ޖިނާއީ ދައުވާތައް އުފުލުމާއި އެ ދައުވާތަކަށް ޖަވާބުދާރީވުމަށް ކޯޓުތަކަށް ވަޑައިގަތުމަށް ޕީޖީ އޮފީހުގެ ވަކީލުންނަށް ސުޕްރީމް ކޯޓުން ވަނީ އަމުރުކޮށްފަ އެވެ.
އެ އަމުރުގައި ބުނެފައި ވަނީ މުޖުތަމައުގެ ހައްގުތައް ނިގުޅިގެންގޮސް އެ މުޖުތަމައެއްގެ އަމަންއަމާން ކަމަށް ބުރޫއަރާ ފަދަ އެއްވެސް ކަމެއް ދުސްތޫރީ ވެރިކަމެއް ހިނގާ ދިމިގުރާތީ މުޖުތަމައެއްގައި ހުއްދަކުރެވިދާނެ ޝަރުއީ އަދި ގާނޫނީ ހަމައެއްނެތް ކަމަށެވެ.
ސުޕްރީމް ކޯޓުގެ އަމުރުގައި ބުނެފައި ވަނީ، އެ ކޯޓުން އެ އަމުރު ނެރެފައި ވަނީ ރާއްޖޭގެ އަދުލު އިންސާފު ގާއިމްކުރުމުގެ ބާރުގެ އެންމެ އިސްފަރާތުގެ ހައިސިއްޔަތުން ސުޕްރީމް ކޯޓަށް ލިބިދޭ ގާނޫނު އަސާސީ އާއި ގާނޫނުތަކުގެ ބެލެނިވެރިޔާގެ ހައިސިއްޔަތުން ކަމަށެވެ.