13 May 2014, 09:18
އިންޑިޔާގެ ދިގުލީ އާންމު އިންތިޚާބުގެ އެންމެ ފަހުގެ މަރްހަލާ އިއްޔެ ނިމިފައިވާ އިރު މިއިންތިޚާބުގެ ނަތީޖާ އިޢްލާން ކުރުމަށް ހަމަޖެހިފައި ވަނީ މި މަހުގެ 16 ވާ ހުކުރު ދުވަހު އެވެ.
އިންޑިޔާގެ އާންމު އިންތިޚާބުގެ ނަތީޖާއަށް އެގައުމުގެ ރައްޔިތުންނާއި ސިޔާސީ ފަރާތްތަކުން އިންތިޒާރުކުރަމުން ގެންދާއިރު އިންޑިޔާގައި އެންމެފަހުން ނަގާފައިވާ ޢާންމު ޚިޔާލު ހޯދުމުގެ ހަތަރު ސާވޭން ވެސް ހާމަވެފައި ވަނީ އެގައުމުގެ އިންތިޚާބު ކާމިޔާބު ކުރާނީ ހިންދޫ ހަރުކަށި ޚިޔާލުގެ ޕާޓީ ކަމަށްވާ ބީޖޭޕީ ކަމަށާ އައު ބޮޑުވަޒީރަކަށް ވެވަޑައިގަންނަ ވާނީ ބީޖޭޕީގެ ކެންޑިޑޭޓް ނަރަންދުރަ މޮޑީ ކަމުގަ އެވެ.
ނުވަ މަރްހަލާއަކަށް ބަހާލައިގެން ފަސް ހަފްތާގެ މުއްދަތަށް ދިގު ދެމިގެން ދިޔަ އިންޑިޔާގެ އާންމު އިންތިޚާބު އިއްޔެ ނިމިފައިވާ އިރު އިންތިޚާބުގެ ވާދަވެރިކަން އެންމެ ބޮޑަށް ހޫނުވެގެން ދިޔައީ ބީޖޭޕީ އަށް އިންތިޚާބު ކާމިޔާބު ކުރެވިއްޖެ ނަމަ އިންޑިޔާގެ ރައްޔިތުން ހީނުކުރާ ފަދަ އިގްތިސާދީ ކުރިއެރުމާއި އުމްރާނީ ތަރައްގީއާއި ވަޒީފާގެ ފުރްސަތުތައް ފަހިކޮށްދޭނެ ކަމަށް ވައުދާ އެކު ބީޖޭޕީގެ ކެންޑިޑޭޓް ނަރަންދުރަ މޮޑީ، މީޑީޔާ މެދުވެރިކޮށް ހިންގެވި އާދަޔާ ޚިލާފު ވަރުގަދަ ކޭންޕޭނުގެ ސަބަބުންނެވެ. ބީޖޭޕީގެ ވަރުގަދަ ކޭންޕޭނާ އެކު ކޮންގްރެސްގެ ކޭންޕޭންގެ އަޑު މަޑުވެގެން ދިޔަކަން މަސްރަހު ދިރާސާކުރާ ފަރާތްތަކުން ފާހަގަކޮށްފައިވެ އެވެ.
ހަގީގަތަކީ ބީޖޭޕީ އަށް އިންތިޚާބު ކާމިޔާބު ކުރެވުނު ނަމަވެސް މޮޑީ ވިދާޅުވި ވައުދު އޭނާ އަށް ފުއްދޭނީ އެހެން ޕާޓީތަކާނުލައި އެޕާޓީ އަށް ވެރިކަން ކުރެވޭވަރުގެ ތަނަވަސް އަޣްލަބިއްޔަތެއް ޕާލަމެންޓްގައި ލިބިގެންނެވެ. އިންޑިޔާގެ ޕާލަމެންޓް ކަމަށްވާ ލޮކްސަބާގެ އެންމެ ކުޑަ އަޣްލަބިއްޔަތަކީ ދުއިސައްތަ ހަތްދިހަ ދެ ގޮނޑި ކާމިޔާބު ކުރެވުމެވެ. އާންމު ޚިޔާލު ހޯދުމުގެ ސާވޭ ކުރުމަށް މަޝްހޫރު ސީއެސްޑީއެސް ގްރޫޕުން އެންމެ ފަހުން ކުރި ސާވޭތަކުގެ ނަތީޖާ ދައްކާގޮތުން ބީޖޭޕީ އާއި އެ ޕާޓީއާ ގުޅިފައިވާ އެލަޔަންސަށް އިންޑިޔާގެ ޕާލަމެންޓްގެ 270 ގޮނޑިއާއި 282 ގޮނޑި އާ ދެމެދުގެ އަދަދަކަށް ގޮނޑި ލިބޭނެ އެވެ.
މިވަރަށް ގޮނޑި ކާމިޔާބު ކުރެވިއްޖެ ނަމަ އެހެން ޕާޓީތަކާ ކޯލިޝަން ހެދުމަކާ ނުލައި ބީޖޭޕީއާއި އެ ޕާޓީގެ ހަރުކަށި ޚިޔާލުގެ ފިކުރާ ގުޅޭ އެލަޔަންސަށް ބާރުގަދަ ސަރުކާރެއް އިންޑިޔާގައި ގާއިމްކުރެވޭނެ އެވެ. ނަމަވެސް އިންޑިޔާގައި ކުރާ އާންމު ޚިޔާލު ހޯދުމުގެ ސާވޭތަކަކީ މިހާތަނަށް ކުރެވިފައިވާ ތަޖްރިބާތަކަށް ބަލާ އިރު އިންތިޚާބުތަކުގެ ނަތީޖާތަކާ އެއްގޮތަކަށް ވެސް ދިމާވާ ސާވޭތަކެއްނޫންނެވެ. އިންޑިޔާއަކީ ދުނިޔޭގެ އެންމެ ބޮޑު ޑިމޮކްރަސީ ކަމަށްވީ ނަމަވެސް އިންޑިޔާގެ ގިނަ ރައްޔިތުންގެ ހޭލުންތެރިކަމާއި ތައުލީމީ ހާލަތާއި ދިރިއުޅުމުގެ ޙާލަތުވަނީ ވަރަށްދަށުގަ އެވެ. ޚިޔާލު ހޯދުމުގެ ސާވޭތަކާއިއިންތިޚާބުތަކުގެ ނަތީޖާތަކާ ދިމާނުވުމުގެ އެއްސަބަބު ކަމުގައި ގިނަބަޔަކު މިކަން ފާހަގަކުރެ އެވެ.
އެހެންކަމުން ބީޖޭޕީއާއި އެޕާޓީއާ ގުޅިފައިވާ އެލަޔަންސަށް އިންޑިޔާގެ ޕާލަމެންޓްގެ އަޣްލަބިއްޔަތު ލިބޭނެކަން ޚިޔާލު ހޯދުމުގެ ސާވޭން ދެއްކި ނަމަވެސް އިންޑިޔާގެ މަސްރަހު ދިރާސާކުރާ ފަރާތްތަކުން ބުރަވަނީ އެހެންޕާޓީތަކާއެކު ކޯލިޝަން ނަހަދައި ސަރުކާރެއް އެކުލަވާލެވޭ ވަރަށް ބީޖޭޕީގެ އެލަޔަންސަށް ޕާލަމެންޓްގެ ގޮނޑި ކާމިޔާބު ނުކުރެވޭނެ ކަމުގަ އެވެ. ނަމަވެސް އިންތިޚާބު ކާމިޔާބުކޮށްގެން އިންޑިޔާގެ އައު ބޮޑުވަޒީރަކަށް ވެވަޑައިގަންނަވާނީ ބީޖޭޕީގެ މޮޑީ ކަމަށް ސާވޭތަކުގެ އިތުރުން މުހައްލިލުންވެސް ދެކެ އެވެ.
ނަވާރަސަތޭކަ ސާޅީސް ހަތް ވަނަ އަހަރުގައި އިންޑިޔާ އަށް މިނިވަންކަން ލިބުމަށް ފަހު މިވީ 67 އަހަރުގެ ތެރެއިން 50 އަހަރު އިންޑިޔާގައި ވެރިކަން ކޮށްފައި ވަނީ ބީޖޭޕީ އާ އިދިކޮޅު ކޮންގްރެސް ޕާޓީންނެވެ. ނަމަވެސް މިފަހަރުގެ އިންތިޚާބާ އިންޑޔާ ކުރިމަތިލި އިރު ކޮންގްރެސްގެ މަގްބޫލުކަން އިންޑިޔާގެ އާންމުންގެ މެދުގައި ވަނީ ވަރަށް ބޮޑަށް ދަށަށް ގޮސްފަ އެވެ. މިކަމުގެ ސަބަބުތައް ވަރަށް ގިނަ އެވެ. މައިގަނޑު ސަބަބުތަކުގެ ތެރޭގައި އިންޑިޔާގެ އިގްތިސާދީ ދުވެލި ފާއިތުވި ހައެއްކަ އަހަރު ތެރޭގައި މަޑުޖެހިގެންދިޔުމާއި ތަކެތީގެ އަގުތައް ވަރަށްބޮޑަށް އުފުލިގެން ދިޔުމާއި ފަގީރުންނާއި މެދުފަންތީގެ މީހުންނަށް ވީވައުދުތައް ފުއްދައިދިނުމުގައި ކޮންގްރެސް ވަރަށް ބޮޑަށް ނާކާމިޔާބުވުމެވެ. ނަމަވެސް ބީޖޭޕީގެ ފިކުރަކީ ހިންދޫ ހައްދުފަހަނަޅާފައިވާ ފިކުރެކެވެ.
ބީޖޭޕީގެ ފިކުރުގައި ހިންދޫންނަކީ އިންޑިޔާގެ އެހެންދީންތަކުގެ މީހުންނާއި އެހެން ނަސްލުތަކުގެ މީހުންނަށް ވުރެ މާމަތީ އަދި މާމާތް ބައެކެވެ. އެހެންކަމުން ބީޖޭޕީގެ ފިކުރުގައި އިންޑިޔާގެ އެހެންދީންތަކުގެ މީހުންނާއި އެހެން ނަސްލުތަކުގެ މީހުންނަކީ ވަރަށް ދަށްބައެކެވެ. ނޫނީ އެއްވެސް ބައެއްނޫނެވެ. ބީޖޭޕީގެ ފިކުރު މިގޮތަށް ހައްދުފަހަނަޅާފައިވާ އިރު އެޕާޓީ އަށް ވެރިކަން ލިބިއްޖެ ނަމަ އިންޑިޔާގެ މުސްލިމުންނާއި ނަސާރާއިން ފަދަ އެހެންދީންތަކުގެ މީހުންނަށް ބޮޑު ނުރައްކަލެއް ކުރިމަތިވާނެކަމީ ގިނަބަޔަކު ބިރިގަންނަ ހަގީގަތެކެވެ.
އިންޑިޔާގެ އެކި ސްޓޭޓްތަކުގެ މުސްލިމުން ވަނީ ވަރަށް ބޮޑަށް ގުޅިގެން ބީޖޭޕީ އާ ދެކޮޅަށް ވަރަށް ވަރުގަދަ ކޭންޕޭނެއް ހިންގާފަ އެވެ. ނަމަވެސް އިންޑިޔާގެ މުސްލިމުންނަކީ ވޯޓުލުމުގެ ހައްގު ލިބިފައިވާ އާބާދީގެ ކުޑަ ޕަސެންޓެކެވެ. ދެހާސް ދެ ވަނަ އަހަރު އިންޑިޔާގެ ގުޖުރާތުގައި ހަރުކަށި ހިންދޫން، އެސްޓޭޓްގެ ބައިމަދު މުސްލިމުންނާ ދެކޮޅަށް ހިންގި ގަތްލުއާންމުތަކާއި އިންސާނިއްޔަތާ ޚިލާފު ޖަރީމާތަކުގައި ދެހާހެއްހާ މުސްލިމުން މަރާލާފައިވާ އިރު މި ޖަރީމާތަކުގެ ފަހަތުގައި ވަނީ ބީޖޭޕީގެ ފިކުރުގެހައްދުފަހަނަޅާފައިވާ ހިންދޫންނެވެ. އަދި ގުޖުރާތުގެ ޗީފް މިނިސްޓަރަކަށް އެދުވަސްވަރު މޮޑީ ހުންނެވުމާއެކު މުސްލިމުންނާ ދެކޮޅަށް ހިންގި އެޖަރީމާތަކަށް އަޅާނުލެއްވުމާ އަދި އަޑިއަޑިން އެކަމަށް ހިއްވަރު ދެއްވި ކަމުގެ ތުހުމަތު މޮޑީގެ މައްޗަށް ވެސް ވަނީ ކުރެވިފަ އެވެ.
އެހެންކަމުން ބީޖޭޕީ އަށް އިންޑިޔާގެ އިންތިޚާބު ކާމިޔާބު ކުރެވިއްޖެ ނަމަ އިންޑިޔާގައި އޮންނަ ދީނީ ހަމަޖެހުން މުޅިން ގެއްލި ހިންދޫ ހަރުކަށި ފަރާތްތަކުގެ އަނިޔާވެރިކަމުގެ ޝިކާރައަކަށް އިންޑިޔާގެ ބައިމަދު މުސްލިމުންނާއި ނަސާރާއިން ވެ ދީނީ ބޮޑު ހަމަނުޖެހުންތަކެއްގެ ތެރެއަށް އިންޑިޔާ ވެއްޓިގެންދާނެ ކަމުގެ ބިރު އެގައުމުގެ ގިނަ ބަޔަކު އިހްސާސްކުރާއިރު މީގެތެރޭގައި މެދުމިނުގެ ޚިޔާލުގެ ހިންދޫން ވެސް ހިމެނެ އެވެ.