ދެހާސް ދިހަ ވަނަ އަހަރު އިމާރާތް ކުރަންފަށައި، ހުއްޓިފައިވާ ފްލެޓުތަކުގެ މަސައްކަތް އަވަހަށް ނިންމުމަށް އިންޑިއާގެ ޓާޓާ ކުންފުންޏާ އެކު މަޝްވަރާ ކުރަމުން އަންނަ ކަމަށް ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ސަން އަށް މައުލޫމާތު ދެއްވަމުން ހައުސިން މިނިސްޓަރު މުއިއްޒު ވިދާޅުވީ ގާ ކޮއްޓާއި ކުރީގެ އަރަބިއްޔާ ހުރި ބިމުގައި އިމާރާތްކުރާ ފްލެޓުތަކުގެ މަސައްކަތް އަވަހަށް ނިންމުމަށް ސަރުކާރުން ޓާޓާ ކުންފުންޏާ އެކު މަޝްވަރާ ކުރަމުން އަންނަ ކަމަށެވެ. އަދި ވިދާޅުވީ އެކަމުގެ ތަފްސީލް ދެވޭނީ މަޝްވަރާތައް ނިމުމުން ކަމަށެވެ.

"އެ ފްލެޓުތަކުގެ މަސައްކަތް ވީހާވެސް އަވަހަކަށް ނިންމުމަށްޓަކައި ޓާޓާ ކުންފުންޏާ އެކު ސަރުކާރުން މިދަނީ މަޝްވަރާ ކުރަމުން،" ޑރ. މުއިއްޒު ވިދާޅުވި އެވެ.

* ގާ ކޮށީގައި އިމާރާތް ކުރަން ފަށާފައިވާ ފްލެޓުތައް ---- ސަން ފޮޓޯ/ ޔޫސުފް ސޮފްވާން

ގާ ކޮއްޓާއި ކުރީގެ އަރަބިއްޔާ ހުރި ބިމުގައި ފްލެޓު އިމާރާތްކުރުމަށް ޓާޓާ އެކު ސަރުކާރުން އެއްބަސްވުމުގައި ސޮއިކޮށްފައި ވަނީ 2010 ވަނަ އަހަރުގެ މެއި 26 ވަނަ ދުވަހު އެވެ.

ގާ ކޮށީގައި އިމާރާތް ކުރަން ފަށާފައިވާ 198 ފްލެޓުގެ މަސައްކަތާއި ކުރީގެ އަރަބިއްޔާ ހުރި ބިމުގައި އިމާރާތްކުރާ 45 ފްލެޓުގެ މަސައްކަތް ހުއްޓިފައި ވަނީ 2011 ވަނަ އަހަރުގެ ފެބްރުއަރީ ހަތް ވަނަ ދުވަހު އެވެ.

* ކުރީގެ އަރަބިއްޔާ ހުރި ބިމުގައި އިމާރާތް ކުރަން ފަށާފައިވާ ފްލެޓުތައް ---- ސަން ފޮޓޯ/ ޔޫސުފް ސޮފްވާން

ހައުސިން މިނިސްޓްރީން ބުނީ ގާ ކޮށީގައި އިމާރާތްކުރާ 198 ފްލެޓުގެ ނިމިފައި ވަނީ 33 ޕަސެންޓް ކަމަށެވެ. އަދި ކުރީގެ އަރަބިއްޔާ ހުރި ބިމުގައި އިމާރާތްކުރާ 45 ފްލެޓުގެ 35 ޕަސެންޓްގެ މަސައްކަތް ނިމިފައިވާ ކަމަށް ވެސް އެ މިނިސްޓްރީން ބުންޏެވެ.

މުއިއްޒު ވިދާޅުވީ ފްލެޓުތަކުގެ މަސައްކަތް މުޅިން ނިންމުމުން ނޫނީ އެކުންފުންޏާ އެކު ސަރުކާރުން މަޝްވަރާ ކުރަން ބޭނުންނުވާ ކަމަށް ބުނެ ބައެއް މީޑިއާތަކުގައި ޚަބަރު ފަތުރާފައިވާ ކަމަށާއި އެއީ ހަގީގަތެއް ނޫން ކަމަށެވެ.

"ފްލެޓުތަކުގެ މަސައްކަތް މުޅިން ނިންމުނުން ނޫނީ ޓާޓާއާ އެކު މަޝްވަރާ ކުރަން ބޭނުންނުވާ ކަމަށް ސަރުކާރުން ބުނެފައިނުވާނެ. އެއީ ހަގީގަތެއް ނޫން،" ޑރ. މުއިއްޒު ވިދާޅުވި އެވެ.

* ކުރީގެ އަރަބިއްޔާ ހުރި ބިމުގައި އިމާރާތް ކުރަން ފަށާފައިވާ ފްލެޓުތައް ---- ސަން ފޮޓޯ/ ޔޫސުފް ސޮފްވާން

ފްލެޓުތަކުގެ މަސައްކަތް ނިންމަންޖެހޭ މުއްދަތު ފަހަނައަޅައި ގޮސްފި ކަމަށާއި ނަމަވެސް މަސައްކަތް ނިމިފައިނުވާތީ ސަރުކާރުން ބޭނުންވަނީ އެކުންފުންޏާ ވާހަކަދައްކައިގެން އަވަހަށް ފްލެޓުތައް ނިންމޭތޯ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

ގާ ކޮއްޓާއި ކުރީގެ އަރަބިއްޔާ ހުރި ބިމުގައި އިމާރާތްކުރާ ފްލެޓުތަކާ އެކު ބޮޑެތި ޝޮޕިން މޯލްތަކެއް އެޅުމަށް ވެސް ވަނީ ނިންމާފަ އެވެ.

* ކުރީގެ އަރަބިއްޔާ ހުރި ބިމުގައި އިމާރާތް ކުރަން ފަށާފައިވާ ފްލެޓުތައް ---- ސަން ފޮޓޯ/ ޔޫސުފް ސޮފްވާން