29 Dec 2010, 20:32
އިސްރާއީލުން ހިފާފައިވާ ޣައްޒާ އާއި ހުޅަނގު އައްސޭރީގައި ފަލަސްތީނުގެ މިނިވަން މުސްތަޤިއްލު ދައުލަތެއް އިޢްލާން ކުރުމުގެ މަޝްރޫޢެއްގެ ދެލިކޮޕީ އދ. ގެ ސަލާމަތީ މަޖިލީހަށް ވަރަށް އަވަހަށް ހުށަހަޅާނެކަން ފަލަސްތީނުގެ ޒާތީ އިދާރާއިން ހާމަކޮށްފި އެވެ.
ޒާތީ އިދާރާގެ އިސްވެރިއެއް ކަމަށްވާ ސާއިބު ޢުރައިޤާތު ވިދާޅުވީ މި މަޝްރޫޢާ ދެކޮޅަށް އެމެރިކާ ވީޓޯގެ ބޭނުން ނުކުރާނެ ކަމަށް އުންމީދުކުރާ ކަމަށާ ވީޓޯގެ ބޭނުންކޮށްފިނަމަ ފަލަސްތީނުގެ މިނިވަން ދައުލަތަކަށް ތާއީދު ކުރާކަމަށްބުނެ އެމެރިކާ ދައްކަމުން ގެންދާ ވާހަކަތަކަކީ ދޮގެއްކަން ދުނިޔެއަށް ހާމަވެގެންދާނެ ކަމަށެވެ.
ޢުރައިޤާތު ވިދާޅުވީ ހިފާފައިވާ ބިންތަކުގައި ޔަހޫދީން ވަޒަންވެރިކޮށް ފަލަސްތީނުގެ ދައުލަތެއް އުފެއްދުމުގެ ފުރްސަތު އިސްރާއީލުން ނައްތާލަން އުޅޭކަން އެމެރިކާއަށާއި ޔޫރަޕްގެ ޤައުމުތަކުގެ ރައްޔިތުންނަށްވެސް މިހާރު އެނގިފައިވާތީ ހުޅަނގުގައިވެސް އިސްރާއީލު އެކަހެރިވަމުންދާ ކަމަށެވެ. އަދި އިސްރާއީލުގެ އަނިޔާވެރިކަން ހުޅަނގަށްވެސް ހާމަވަމުން ދިޔުމުގެ ސަބަބުން އިންސާނީ ޙައްޤުތަކަށް މަސައްކަތްކުރާ ހުޅަނގުގެ ޖަމާއަތްތައްވެސް އިސްރާއީލާ ދެކޮޅަށް އަޑުއުފުލައި އިސްރާއީލުގެ ވެރިން ބައިނަލްއަޤްވާމީ ޢަދަލަތަށް ޙާޒިރުކުރުމަށް ގޮވާލަމުންދާކަމަށެވެ.
ހައްޔަރު ކޮށްފާނެ ކަމުގެ ބިރަށް އިސްރާއީލުގެ ބައެއް ވެރިންނަށް އިނގިރޭސިވިލާތްފަދަ ޔޫރަޕްގެ ބައެއް ޤައުމުތަކަށް ނޭރޭތީ އިސްރާއީލުގެ ޒަޢާމަތު ކަންބޮޑުވެފައިވާ ކަމަށްވެސް ޢުރައިޤާތު ވަނީ ވިދާޅުވެފަ އެވެ.
މިނިވަން ދައުލަތެއް އިޢްލާން ކުރުމުގެ ކޭންޕޭނެއް ފަލަސްތީނުން ފެށީ އިސްރާއީލާއެކު ސުލްޙައިގެ ވާހަކަތައް ދައްކައިގެން ފަލަސްތީނުގެ ބިންތައް މިނިވަންކުރެވޭތޯ ވޭތުވެދިޔަ 16 ވަރަކަށް އަހަރުވަންދެން ކުރި މަސައްކަތް ނާކާމިޔާބުވުމާ ގުޅިގެންނެވެ. މިކޭންޕޭންގެ ދަށުން ބްރަޒިލްއާއި އާޖެންޓީނާއާއެކު ލެޓިން އެމެރިކާގެ ފަސް ޤައުމަކުންވަނީ މިނިވަން އަދި މުސްތަޤިއްލު ދައުލަތެއްގެ ގޮތުގައި ފަލަސްތީން ބަލައިގަނެ ފަލަސްތީނަށް އިޢްތިރާފު ވެފައެވެ - ޖަވާދު