އުމުރުން 13 އަހަރުގެ ނުކުޅެދޭ އަންހެން ކޮއްކޮއަށް ޖިންސީ ގޯނާ ކުރި ކަމުގެ ތުހުމަތުގައި ހައްޔަރުކުރި ބޭބެ ފުލުހުންގެ ތަހުގީގަށް 15 ދުވަހު ބަންދުގައި ބެހެއްޓުމަށް ކްރިމިނަލް ކޯޓުން އަމުރުކޮށްފި އެވެ.

ޖިންސީ ޝިކާރަޔަކަށްވެފައިވާ ނުކުޅެދޭ އަންހެން ކުއްޖާއަކީ ކ. އަތޮޅު ރަށަކަށް ނިސްބަތްވާ ކުއްޖެކެވެ. އަދި އެކަން ކޮށްފައިވާ ކަމަށް ތުހުމަތު ކުރެވޭ މީހާ ހައްޔައްރުކޮށްފައި ވަނީ އިއްޔެ މާލެ އައިސްއުޅެނިކޮށް ރޭގެ ވަގުތެއްގަ އެވެ. ޖިންސީ ގޯނާ ކޮށްފައިވާ ކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައި ވަނީ އުމުރުން 25 އަހަރުގެ ފިރިހެނެކެވެ. ސަން އަށް ކަށަވަރުވެފައިވާ ގޮތުން އެ ފިރިހެން މީހަކީ ނުކުޅެދޭ ކުއްޖާއާ ތިމާގެ ގުޅުން ހުރި މީހެކެވެ.

ޖިންސީ ގޯނާ ކޮށްފައިވާ ކުއްޖާ އިއްޔެ އިރުއޮއްސުންއިރު ވަނީ ފުލުހުންގެ އެހީތެރިކަމާއެކުގަ މާލެ ގެނެސްފަ އެވެ. އަދި އެ ކުއްޖާ ޖިންސީ އަނިޔާކޮށްފައިވުމުން، އޭނާގެ ސިއްހީ ހާލަތު ސަރުކާރު ކަމާބެހޭ ފަރާތްތަކާ ގުޅިގެން ދަނީ ބަލަމުންނެވެ.