12 May 2014, 23:38
އާ މަޖިލީހަށް އިންތިހާބު ވެވަޑައިގެންފައިވާ މެމްބަރުންގެ މައްޗަށް އެކުލެވޭ އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުގެ އިންތިހާބު އަންނަ މަހުގެ އެކެއްގައި ބާއްވަން ނިންމައިފި އެވެ.
މި މަހުގެ 28 ވަނަ ދުވަހު ފަށާ 18 ވަނަ ރައްޔިތުންގެ މަޖިލީހަށް އަލަށް ހޮވިވަޑައިގެންފައިވާ މެމްބަރުންގެ މައްޗަށް އެކުލެވޭ، އެމްޑީޕީ ޕީޖީ ގްރޫޕުގެ މަގާމުތަކަށް ކުރިމަތިލުމުގެ ފުރުސަތު މިއަދު ވަނީ ހުޅުވާލާފަ އެވެ.
އެ ޕާޓީގެ ޕީޖީ ގްރޫޕުގެ ލީޑަރު ކަމާއި ދެ ޑެޕިއުޓީ ލީޑަރުންގެ މަގާމަށާއި އަމީން އާންމުގެ މަގާމާއި އަމީން އާންމުގެ ނައިބުގެ މަގާމުގެ އިތުރުން ޕީޖީ ގްރޫޕުގެ ތިން ވިޕުންގެ މަގާމަށް ކުރިމަތިލުމަށް ވަނީ ހުޅުވާލާފަ އެވެ.
އެމްޑީޕީން ބުނީ އެ މަގާމުތަކަށް ކުރިމަތިލުމުގެ ފުރުސަތު މި މަހުގެ 27 ވަނަ ދުވަހުގެ މެންދުރުފަހު 3:00 ގެ ނިޔަލަށް ހުޅުވާލާފައިވާ ކަމަށެވެ. މަގާމުތަކަށް ކުރިމަތިލައްވާ ބޭފުޅުން ކުރިމަތިލައްވާ މަގާމް އެނގޭނެ ގޮތަށް އެމްޑީޕީ ސެކްރެޓޭރިއަޓަށް ސިޓީ ފޮނުއްވުމަށް އެ ޕާޓީން ވަނީ އިއުލާންކޮށްފަ އެވެ.
ނިމިދިޔަ 17 ވަނަ ރައްޔިތުންގެ މަޖިލީހުގައި އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕުގެ ލީޑަރުކަން ދެ ބޭފުޅަކު ކުރައްވާފައިވެ އެވެ. ނިމިދިޔަ މަޖިލިސް އެކުލަވާލި އަހަރު، މެއި 28، 2009 އިން ފެށިގެން ޖޫން، 2011 ނިޔަލަށް އެ ޕާޓީގެ ޕާލަމެންޓްރީ ގްރޫޕުގެ ލީޑަރުކަން ކުރައްވާފައި ވަނީ ހުޅުހެންވޭރު ދާއިރާގެ މެމްބަރު ރީކޯ މޫސަ މަނިކެވެ. ޕާލަމެންޓްރީ ގްރޫޕުގެ ލީޑަރު ކަމުގެ މަގާމުން އޭނާ ދުރަށް ޖެހިވަޑައިގަތީ ޕާޓީގެ ޗެއާޕާސަންގެ މަގާމަށް ވަޑައިގަތުމަށެވެ.
އޭގެ ފަހުން ޖޫން 22، 2011 އިން ފެށިގެން މިއަދާ ހަމަޔަށް އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރުކަން ކުރައްވަމުން ގެންދަވަނީ ހިންނަވަރު ދާއިރާގެ މެމްބަރު އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) އެވެ.
އެ ދެ ބޭފުޅުން ވެސް އާ މަޖިލީހުގެ އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕުގެ ލީޑަރު ކަމަށް ކުރިމަތިލައްވާނެ ކަމެއް އައި އިއުލާނެއް ނުކުރެ އެވެ.