12 May 2014, 22:24
މޯލްޑިވްސް އޮލިމްޕިކް ކޮމިޓީން ފާސް ކުރި 57.8 މިލިއަން ރުފިޔާގެ ތެރެއިން ބޮޑު ބައެއް ހޭދަވާނީ އެ ކޮމިޓީގެ ބިލްޑިންގް އިމާރާތް ކުރުމަށް ކަމުގައި މޯލްޑިވްސް އޮލިމްޕިކް ކޮމިޓީގެ ޖެނެރަލް ސެކްރެޓަރީ އަހްމަދު މަރްޒޫގް (މަރޭ) ވިދާޅުވެއްޖެ އެވެ.
މިއަދު ހެނދުނު ޓްރޭޑާސް ހޮޓެލްގައި ބޭއްވި އޮލިމްޕިކް ކޮމިޓީގެ އަހަރީ އާންމު ޖަލްސާގައި ފާސްކުރެވިގެންދިޔަ ކަންތައްތަކުގެ ތެރެއިން އެންމެ ފާހަގަކޮށްލެވެނީ ފާސްކުރެވުނު ބަޖެޓާއި 30 މިލިއަން ރުފިޔާގެ ލޯނެއް ހޯދުމަށް ނިންމި ނިންމުމެވެ.
'ސަން' އަށް މައުލޫމާތު ދެއްވަމުން މަރޭ ވިދާޅުވީ، ފާސްކުރެވުނު ބަޖެޓްގެ ތެރެއިން 41 މިލިއަން ރުފިޔާ އޮލިމްޕިކް ކޮމިޓީގެ ބިލްޑިންގް އިމާރާތް ކުރަން ހަރަދުވާނެ ކަމަށެވެ.
"އޮލިމްޕިކް ކޮމިޓީގެ މިއަހަރުގެ ބަޖެޓަކަށް ފާސްވެގެން ދިޔައީ 57.8 މިލިއަން ރުފިޔާ. ޖަލްސާގައި 30 މިލިއަން ރުފިޔާ ލޯނެއް ހޯދުމަށް ވެސް ފާސްކުރި. ބަޖެޓުގެ ތެރޭގައި ކޮމިޓީގައި ރިޒާވްގައި ހުރި 1.8 މިލިއަން ރުފިޔާ ހިމެނޭ. ބަޖެޓްގެ ތެރެއިން 41 މިލިއަން ރުފިޔާ ހަރަދުވާނީ އޮލިމްޕިކް ކޮމިޓީގެ ބިލްޑިންގް އިމާރާތް ކުރަން،" މަރޭ ވިދާޅުވި އެވެ.
އޮލިމްޕިކް ކޮމިޓީގެ ޖެނެރަލް ސެކްރެޓަރީ ވިދާޅުވީ، އިމާރާތް ކުރަން ނަގާ ހަރަދު ކެނޑުމަށްފަހު ބާކީވާ 17 މިލިއަން ރުފިޔާ ހަރަދުވާނީ އެ ކޮމިޓީގެ މިއަހަރުގެ ހަރަކާތްތަކަށް ކަމަށާއި ލޯނު ނަގަން ޖެހުނީ ސަރުކާރުގެ އެހީތެރި ކަމެއް ނުލިބުމުން ކަމަށެވެ.
"މިއަހަރު ވަރަށް ގިނަ ބައިނަލްއަގްވާމީ ކުޅިވަރުތައް އެބައޮތް. ބަޖެޓުގެ ބާކީ 17 މިލިއަން ރުފިޔާ ހަރުދުވާނީ އަޅުގަނޑުމެންގެ މިއަހަރުގެ ހަރަކާތްތަކަށް. އަޅުގަނޑުމެން އެތުލީޓުންތަކަކަށް ސްކޮލާޝިޕެއް ވާނީ ދީފަ. އެކަމަށް އެބަ 2.7 މިލިއަން ރުފިޔާ ހަރަދުވޭ، އަޅުގަނޑުމެންނަށް 30 މިލިއަން ރުފިޔާގެ ލޯނެއް ނަގަން ޖެހުނީ ސަރުކާރުގެ އެހީތެރިކަމެއް ނުލިބުމުގެ ސަބަބުން،" އޭނާ ވިދާޅުވި އެވެ.
މިއަދު އޮތް އޮލިމްޕިކް ކޮމިޓީގެ އަހަރީ އާންމު ޖަލްސާގައި ވަނީ އެ ކޮމިޓީގެ އެމްބެސެޑަރެއް ފުރަތަމަ ފަހަރަށް ކަނޑައަޅައިފަ އެވެ. އެ ކޮމިޓީގެ އެމްބެސެޑަރަކަށް ހަމަޖެއްސީ ރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓީމުގެ ކެޕްޓަން އަލީ އަޝްފާގް (ދަގަނޑޭ) އެވެ.