ކުޑަކުދިންނާ ގުޅޭ ހަބަރާއި މައުލޫމާތު ހާމަކުރާ އިރު، ނޫސްވެރިން އަމަލުކުރާ މިންގަނޑާ ގުޅޭ ގޮތުން ފުވައްމުލަކު ރައްޔިތުންނަށާއި ސްކޫލްތަކުގެ ދަރިވަރުންނަށް މައުލޫމާތު ދީފި އެވެ.

މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ އެމްއެމްސީ އާއި ޔުނިސެފާ ގުޅިގެން ހިންގާ ޕްރޮގްރާމެއްގެ ދަށުން ފުވައްމުލަކަށް އެ ކައުންސިލުން ކުރި ދަތުރުގައި އެ ރަށު ރައްޔިތުންނަށާއި ސްކޫލްތަކުގެ ދަރިވަރުންނަށް އަމާޒުކޮށްގެން ކުޑަކުދިންގެ ހަބަރުތައް މީޑިއަމްތަކުން ގެންނަ މިންގަނޑާ ގުޅޭ ގޮތުން މައުލޫމާތު ދީފައިވާ ކަމަށެވެ. އަދި ކުޑަކުދިންނާ އިންޓަވިއުކުރަން ޖެހޭ މިންގަނޑުތަކާ ބެހޭ ގޮތުންނާއި ކުޑަ ކުއްޖެއްގެ ހައްގަކަށް ގެއްލުން ލިބޭ ފަދަ ގޮތަކަށް މީޑިއަމަކުން އަމަލުކޮށްފި ނަމަ ކަން ކުރަން ޖެހޭ ގޮތްތަކާ ބެހޭ ގޮތުން ވެސް މައުލޫމާތު ދިން ކަމަށް އެ ކައުންސިލުން ބުންޏެވެ.

މިދިޔަ ބުރާސްފަތި ދުވަހުން އިއްޔެގެ ނިޔަލަށް ފުވައްމުލަކުގައި ކުރިއަށް ގެންދިޔަ އެ ޕްރޮގްރާމްގައި ފުވައްމުލަކު ކައުންސިލަރުންނާއި ސްކޫލްތަކުގެ ބެލެނިވެރިންނަށާއި ސްކޫލްތަކުގެ ދަރިވަރުންނަށް މައުލޫމާތު ދިނުމަށް 10 ބައްދަލުވުމެއް ބާއްވާފައިވާ ކަމަށް ވެސް އެމްއެމްސީން ބުންޏެވެ.

އެގޮތުން ފުވައްމުލަކުގެ ޏ. އަތޮޅު ތައުލީމީ މަރުކަޒާއި ހާފިޒް އަހުމަދު ސްކޫލުގެ އިތުރުން ފުވައްމުލަކު ސްކޫލް އަދި މަދްރަސަތުއް ޝައިހް މުހައްމަދު ޖަމާލުއްދީން ސްކޫލުގެ ދަރިވަރުންނަށް މައުލޫމާތު ދީފައިވާ ކަމަށް އެމްއެމްސީ އިން ބުންޏެވެ.

ސްކޫލް ނިންމާ ކުދިންނަކީ މީޑިއާ އަށް އަހުލުވެރި ބަޔަކަށް ހެދުމަށް އެމްއެމްސީ އިން އަންނަނީ އަތޮޅު ތެރޭގެ ބައެއް ސްކޫލްތަކުގައި މީޑިއާ ކްލަބްތަކެއް ވެސް އުފައްދަމުންނެވެ. އެގޮތުން މިހާތަނަށް އައި އިރު އެމްއެމްސީ އިން ވަނީ ބ. ދަރަވަންދޫގައި ހުންނަ އެ އަތޮޅު މަދަރުސާގައި އާއި އައްޑޫ ސިޓީގެ ހިތަދޫ ސްކޫލުގައި ކްލަބް ގާއިމްކޮށްފަ އެވެ.