ހުޅުމާލެ ބިން ހިއްކުމުގެ ދެވަނަ ފިޔަވަހި ވީހާވެސް އަވަހަށް ފެށުމަށް ގިނަ މަސައްކަތް ތަކެއް ކުރަމުން އަންނަ ކަމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަންގެ މެނޭޖިންގް ޑިރެކްޓަރު ޝުހައިލް މުހައްމަދު ވިދާޅުވެއްޖެއެވެ.

ހުޅުމާލޭގައި މީހުން އާބާދުވިތާ 10 އަހަރު ފުރުން ފާހަގަ ކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތަކަށް ފަހު މީޑިއާއަށް މައުލޫމާތު ދެއްވަމުން ޝުހައިލް ވިދާޅުވީ ދެވަނަ ފިޔަވަހި ހިއްކުމުގެ މަސައްކަތް ވީހާވެސް އަވަހަކަށް ފަށަން ވަރަށް ގިނަ ގޮތްގޮތުން ބަލަމުން އަންނަ ކަމަށެވެ.

"ދެވަނަ ފިޔަވަހި ވީހާވެސް އަވަހަށް ފެށުމަށް ވަރަށް ގިނަ ގޮތްގޮތުން އެބަ ބަލަން. އޭގެތެރޭގައި ސަރުކާރުންވެސް ގިނަ މަސައްކަތް ތަކެއް ކުރައްވާ. އަދި އަޅުގަނޑުމެން ވެސް އެބަ ކުރަން. އެހެންވީމަ ވަކި ތާރީހެއް އަދި ނުދެންނެވިޔަސް ވީހާވެސް އަވަހަށް ފެށޭތޯ މި އަންނަނީ މަސައްކަތް ކުރަމުން،" ޝުހައިލް ވިދާޅުވިއެވެ.

ޝުހައިލް ވިދާޅުވީ އެ މަސައްކަތަށް އެކި ގޮތްގޮތުން ކުރިއެރުން ލިބެމުން އަންނަ ކަމަށާއި އެ މަޝްރޫއަށް ނެދަލޭންޑްސް ގެ ބޮސްކާލިސް ކުންފުންނަކީ ވެސް ސަރުކާރުން ބަލަމުން އަންނަ އޮޕްޝަނެއް ކަން ޝުހައިލް ފާހަގަކުރެއްވިއެވެ.

ހުޅުމާލޭގައި މީހުން އާބާދުވިތާ 10 އަހަރު ފުރުން ފާހަގަކުރުމަށް މިއަދު ބޭއްވި ހަރަކާތުގައި ހުޅުމާލޭގައި ހިދުމަތްތައް ދެމުން އަންނަ ގިނަ ފަރާތްތަކެއް ބައިވެރިވެފައި ވާއިރު ހުޅުމާލޭގެ ސްކޫލް ތަކުގެ ދަރިވަރުންނާއި ހުޅުމާލޭގެ ގިނަ ރައްޔިތުންތަކެއް ވަނީ ބައިވެރި ވެފައެވެ.