މިދިޔަ އަހަރު އޯލެވެލް އިމްތިހާނުގައި ފަސް މާއްދާއިން ފާސްވި ނިސްބަތް، އިތުރުވެފައިވާ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފި އެވެ.

އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޑރ. އަބްދުﷲ ނަޒީރު ވިދާޅުވީ، ވޭތުވެދިޔަ ހަތަރު އަހަރު ވެސް އޯލެވެލް އިމްތިހާނުން ފަސް މާއްދާއިން ފާސްވި ދަރިވަރުންގެ ނިސްބަތް އިތުރުވެފައިވާ ކަމަށެވެ.

މިދިޔަ އަހަރު އޯލެވެލް އިމްތިހާނުން ފަސް މާއްދާއިން ފާސްވި ދަރިވަރުންގެ ނިސްބަތަކީ 43 ޕަސެންޓެވެ. އަދި އޭގެ ކުރީ އަހަރު އިމްތިހާނުގައި ބައިވެރިވި ދަރިވަރުންގެ ތެރެއިން ފަސް މާއްދާއިން ފާސްވި ނިސްބަތް އުޅެނީ 41 ޕަސެންޓުގަ އެވެ. އެ އަދަދާ އަޅާ ބަލާއިރު މިދިޔަ އަހަރުގެ ވަނީ އެ އަދަދު ދެ ޕަސެންޓަށް އިތުރުވެފަ އެވެ.

އޯލެވެލް އިމްތިހާނުން 2011 ވަނަ އަހަރު 37 ޕަސެންޓް ދަރިވަރުން ފާސްވެފައިވާއިރު، 2010 ވަނަ އަހަރު އޯލެވެލް އިމްތިހާނުން ފާސްވެފައި ވަނީ، 35 ޕަސެންޓް ދަރިވަރުންނެވެ.

ނަޒީރު ވިދާޅުވީ، މިދިޔަ އަހަރު އޯވެލް ގަދަ ދިހައެއްގައި ހިމެނުނު ކުދިންގެ އަދަދު ވެސް 2012 ވަނަ އަހަރާއި އަޅާ ބަލާއިރު އިތުރުވެފައިވާ ކަމަށެވެ. އެގޮތުން 2012 ވަނަ އަހަރާއި އަޅާ ބަލާއިރު މިދިޔަ އަހަރު ގަދަ ދިހައަކުން އިތުރު 53 ދަރިވަރަކު ޖާގަ ހޯދާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

މިދިޔަ އަހަރު އޯލެވެލް އިމްތިހާނުން އެންމެ ރަނގަޅު ނަތީޖާ ހޯދައިގެން ގަދަ ދިހައެއްގައި 478 ދަރިވަރަކު ވަނީ ހިމެނިފަ އެވެ. އަދި 2012 ވަނަ އަހަރު ގަދަ ދިހައެއްގައި ހިމެނިފައިވަނީ، 426 ދަރިވަރުންނެވެ.

ނަޒީރު ވިދާޅުވީ، މިދިޔަ އަހަރު އޯލެވެލް އިމްތިހާނުން އެންމެ ރަނގަޅު ނަތީޖާ ހޯދައިގެން ގަދަ ދިހައެއްގައި 284 އަންހެން ދަރިވަރުން ހިމެނޭއިރު، 194 ފިރިހެން ދަރިވަރުން ގަދަ ދިހައެއްގައި ހިމެނޭ ކަމަށެވެ.

މިދިޔަ އަހަރުގެ އޯލެވެލް އިމްތިހާނުން ޔޫ ގްރޭޑް ލިބުނު ދަރިވަރުންގެ ނިސްބަތް ވެސް ވަނީ 2012 ވަނަ އަހަރު ދަށްވެފަ އެވެ.

މިދިޔަ އަހަރު އޯލެވެލް އިމްތިހާނުން ޔޫ ގްރޭޑް ހޯދި ދަރިވަރުންގެ ނިސްބަތް އުޅެނީ 11.8 ޕަސެންޓުގަ އެވެ. އަދި 2012 ވަނަ އަހަރު އެ ނިސްބަތް 13 ޕަސެންޓުގައި އުޅޭއިރު 2011 ވަނަ އަހަރު ޔޫ ގްރޭޑް ލިބުނު ކުދިންގެ ނިސްބަތް އުޅުނީ 17 ޕަސެންޓްގަ އެވެ. 2010 ވަނަ އަހަރު އެ ނިސްބަތް އުޅުނީ 19 ޕަސެންޓްގަ އެވެ.

މިދިޔަ އަހަރުގެ އޯލެވެލް އިމްތިހާނުގައި، ރާއްޖޭގެ 194 ސްކޫލަކުން 6181 ދަރިވަރަކު ބައިވެރިވެފައިވެ އެވެ. އެއީ އަތޮޅު ތެރޭގެ 172 ސެންޓަރަކާއި މާލޭގެ 22 ސްކޫލެކެވެ.