އޭއެފްސީ ކަޕަށް ތައްޔާރުވުމުގެ ގޮތުން ރާއްޖެއާ ދެކޮޅަށް ކުޅޭ އެކުވެރިކަމުގެ މެޗަށް ނުކުންނައިރު، ބިރެއް އެބައޮތް ކަމުގައި ލާއޮސް ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗު ކޮކިޗީ ކިމޫރާ ބުނެފި އެވެ.

ފުޓްބޯޅަ އެސޯސިއޭޝަނު އޮފް މޯލްޑިވްސް (އެފްއޭއެމް) ހައުސްގައި މިއަދު ހަވީރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަމުން ކިމޫރާ ބުނީ، އޭނާ އަށް އެހާ ރަނގަޅަކަށް ރާއްޖޭގެ ފުޓްބޯޅަ ނޭނގޭ ކަމަށް ވިޔަސް ރާއްޖެއަކީ ފުޓްބޯޅައަށް ލޯބިކުރާ ބަޔަކު އުޅޭ ތަނެއްކަން އެނގޭ ކަމަށެވެ.

"މިއީ އަހަރެން ރާއްޖެއަށް ޒިޔާރަތްކުރި ފުރަތަމަ ފަހަރު. އަހަރެންގެ ޓީމެއް އެއްވެސް އިރެއްގައި ރާއްޖޭގެ ޓީމާ ދެކޮޅަށް ކުޅެފައެއް ވެސް ނުވާނެ. އެހެން ކަމުން އަހަރެންނަށް ރާއްޖޭގެ ފުޓްބޯޅައާ ބެހޭ މާބޮޑު މައުލޫމާތެއް ނޭނގޭ. އަހަރެންނަށް ހީވަނީ ރާއްޖޭގައި ގިނަ ބަޔަކު ފުޓްބޯޅަ ކުޅޭހެން. ފަހަރެއްގައި ރާއްޖޭގެ މީހުން ފުޓްބޯޅައަށް ލޯބިކުރާ ކަމަށް ވެދާނެ. އަހަރެމެން ރާއްޖެއާ ދެކޮޅަށް ނުކުންނައިރު، ބިރެއް އޮތީ އެހެންވެ،" ލާއޮސްގެ ޖަޕާނު ކޯޗު ބުންޏެވެ.

ލާއޮސްއަކީ ޗެލެންޖް ކަޕްގެ ގްރޫޕް ބީގައި ހިމެނޭ އެއް ޓީމެވެ. އެ ގްރޫޕްގައި ލާއޮސްއާއެކު ދެން ހިމެނެނީ ތުރުކުމެނިސްތާނާއި ފިލިޕީންސް އަދި އަފްގާނިސްތާނެވެ. ލާއޮސް ޓީމަކީ ޗެލެންޖް ކަޕްގައި ވާދަކުރާ ޓީމުތަކުގެ ތެރެއިން ރާއްޖެ އެންމެ ފުރަތަމަ އައި ޓީމުގައިވިޔަސް، އެއީ ފައިދާއެއް ކަމުގައި ލާއޮސް ޓީމުގެ ކޯޗު ނުދެކެ އެވެ.

"އަހަރެމެންނަށް ވަކި ފައިދާއެއް ނޯންނާނެ. ކުރީ ބައިގައި ރާއްޖެ އައުމަކީ އަހަރެންގެ ވިސްނުމުގައި ހުރި ގޮތެއް ނޫން. އަހަރެން ބޭނުންވީ ޓީމުގެ އަހްލާގީ މިންގަނޑު ހިފަހައްޓައި، ޓެކްޓިކްސްތައް ރަނގަޅުކުރުމަށް ފަހު، މުބާރާތް ފެށެން ދެ ދުވަހަށްވީމަ ރާއްޖެ އަންނަން. އަސްލު މިއީ އަހަރެންގެ ވިސްނުމަކީ. މި ތަނުގައި ހަފްތާއެއް މަޑުކުރަން ޖެހުމުން ކުޅުންތެރިންނަށް އޭގެ އަސަރުތަކެއް ކުރާނެ. މިކަހަލަ ރީތި މަންޒިލަކަށް އާދެވުމުން ކުޅުންތެރިން އުފަލުގައި ހުރުމަކީ އެކަށީގެންވާ ކަމެއް،" ކިމޫރާ ބުންޏެވެ.

ލާއޮސް ޓީމުގެ ކޯޗު ބުނީ، ރާއްޖެ އައުމުގެ ކުރިން އެ ޓީމު ތައިލެންޑުގައި އެކުވެރިކަމުގެ ދެ މެޗެއް ކުޅުނު ކަމަށާއި އެ ޓީމު ރާއްޖެ އައި އިރު، އެ ޓީމުގެ ދެ ކުޅުންތެރިއަކު ތައިލެންޑުގައި ތިބި ކަމަށެވެ.

"އަހަރެމެން ރާއްޖެ އައުމުގެ ކުރިން ތައިލެންޑުގައި ދެ މެޗެއް ކުޅުނިން. އަހަރެމެން ތައިލެންޑުގެ ޕްރޮފެޝަނަލް ލީގުގެ ދެ ޓީމަކާ ދެކޮޅަށް ކުޅުނިން. ހުރިހާ ކުޅުންތެރިން އިސް ކަމެއް ދެނީ ލާއޮސް ލީގާއި މެދު. އެހެންވުމުން، އެ ކުޅުންތެރިންނަށް ގައުމީ ޓީމަށް ގިނަ ވަގުތުތަކެއް ނުދެވުން. ގައުމީ ޓީމާއެކު އެ ކުޅުންތެރިންނަށް ފަރިތަކުރަން ލިބުނީ އެންމެ ފަސް ދުވަސް. ތައިލެންޑުގައި ވެސް ޓީމުގެ ދެ ކުޅުންތެރިއަކު އެބަތިބި،" އޭނާ ބުންޏެވެ.

އޭއެފްސީ ޗެލެންޖް ކަޕާއި ކުރިމަތިލުމުގެ ކުރިން ރާއްޖެ އާއި ލާއޮސް ކުޅޭ އެންމެ ފަހު މެޗަކަށް ވާނީ މާދަމާ ރޭ 9:00 ގައި މި ދެ ޓީމްގެ މެދުގައި ކުޅޭ ވާދަވެރި މެޗެވެ.