ސްރީލަންކާގައި މެލޭރިޔާ ފެތުރެމުންދާ ނިސްބަތް އިތުރުވަމުންދާތީ ކަންބޮޑުވާކަން އެ ޤައުމުގެ ސިއްހާތާބެހޭ ވުޒާރާއިން ދާދިފަހުން ވަނީ ހާމަކޮށްފަ އެވެ. ސްރީލަންކާގެ ސިއްޙަތާބެހޭ ވުޒާރާއިން ބުނީ 2009 އަހަރާއި 2010 ވަނަ އަހަރާ ދެމެދު ސްރީލަންކާގައި މެލޭރިޔާ ފެތުރޭ ނިސްބަތް 25 ޕަސެންޓް އިތުރުވެފައިވާ ކަމުގައެވެ.


ދެހާސް ނުވަވަނަ އަހަރާއި 2010 އަހަރާ ދެމެދު ސްރީލަންކާގައި މެލޭރިޔާ ފެތުރޭ ނިސްބަތް 25 ޕަސެންޓް އިތުރުވި ނަމަވެސް މި މުއްދަތުގައި މެލޭރިޔާއަށް ޕޮޒިޓިވް ވެފައިވާ ކަމަށް ތަފާސް ހިސާބުތަކުން ދައްކަނީ ހަމައެކަނި 580 މީހުންނެވެ.


ސްރީލަންކާގައި މެލޭރިޔާ ކޮންޓްރޯލް ނުވުމުގެ ފަހަތުގައިވަނީ އެޤައުމުގެ ދާޚިލީ ގަޑުބަޑުތަކާއި ސިޔާސީ ކޯޅުންތަކާގުޅިގެން ސިއްޙީ ދާއިރާއަށް ކުރިމަތިވެގެންދިޔަ ހީނަރުކަމާއި އިހުމާލް ކަމަށް ސްރީލަންކާގެ ސިއްޙަތާބެހޭ ތަޖްރިބާކާރުން ވިދާޅުވެއެވެ.


ނަވާރަސަތޭކަ ސާޅީސް އަށެއްގައި ސްރީލަންކާއަށް މިނިވަންކަން ލިބުނުއިރު އެޤައުމުގައި މެލޭރިޔާ ޖެހިފައިވާ މިލިޔަނެއްހާ މީހުން ތިއްބެވެ. ނަމަވެސް މެލޭރިޔާ ފަތުރާ މަދިރި ނައްތާލުމަށްޓަކައި ޑީ.ޑީ.ޓީ ބޭނުންކޮށްގެން ސްރީލަންކާގެ ސިއްޙީ ދާއިރާއިން ކުރި ބުރަމަސައްކަތްތަކުގެ ނަތީޖާއެއްގެ ގޮތުން އޭގެ 14 އަހަރުފަހުން 1963 ގައި މެލޭރިޔާ ޖެހިފައިވާ މީހުންގެ ޢަދަދު 18 ދަށަށްދިޔަ އެވެ. ނަމަވެސް ސިންގަޅައިންނާއި ތަމަޅައިންނާ ދެމެދު އުފެދިފައިވާ ނަސްލީ ދެކޮޅުވެރިކަން އިތުރުވެ ބައިމަދު ތަމަޅައިންނާ ދެކޮޅަށް ސިންގަޅައިން ހިންގާ ނަސްލީ ތަފާތުކުރުންތައް އިތުރުވުމުގެ ސަބަބުން ފެށުނު އަހްލީ ހަނގުރާމަ 30 އަހަރަށް ދިގުދެމިގެން ދިޔުމުން މެލޭރިޔާ ނައްތާލުމުގައި ސްރީލަންކާ ނާކާމިޔާބުވެގެން ދިޔައެވެ.


ސިއްޙީ ދާއިރާގެ އިތުރުން، ފަންސާހާއި ފަސްދޮޅަހާ ހަތްދިހައިގެ އަހަރުތަކުގައި ސްރީލަންކާ ހޯދަމުން ގެންދިޔަ އިންސާނީ ތަރައްޤީގެ އެހެން ދާއިރާތަކުގެ ކުރިއެރުންތައްވެސް އަހްލީ ހަނގުރާމައިގެ ސަބަބުން ވިއްސިވިހާލިވެގެން ދިޔައެވެ. ސްރީލަންކާގެ ސިއްޙަތާބެހޭ ތަޖްރިބާކާރުން ވިދާޅުވާގޮތުގައި އެޤައުމުން މެލޭރިޔާ ނައްތާލުމަކީ އަދިވެސް ކުރެވިދާނެ ކަމެކެވެ.


ވޭތުވެދިޔަ އަހަރުތަކުގައިވެސް މިކަން ނުކުރެވުނީ އަހްލީ ހަނގުރާމައާގުޅިގެން ޤައުމުގެ އިރުމަތީގެ ބައެއް ސަރަޙައްދުތަކާއި އުތުރުގެ ސަރަޙައްދުތަކުގެ ކޮންޓްރޯލް ސަރުކާރަށް ގެއްލި ތަމަޅަ ހަނގުރާމަވެރިންގެ އަތްދަށަށް މިސަރަޙައްދުތައް ދިޔުމުގެ ސަބަބުންނެވެ.


ތިރީސް އަހަރުގެ އަހުލީ ހަނގުރާމަ ނިމުމަކަށް އައިސްފައިވާތީ ޤައުމުން މެލޭރިޔާ ނައްތާލުމަކީ މިހާރު ސްރީލަންކާ ސަރުކާރަށް ކުރެވިދާނެ ކަމެއްކަމަށް އެޤައުމުގެ ސިއްޙަތާބެހޭ ތަޖްރިބާކާރުން ދެކެއެވެ.