ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުގެ ވަކީލުން ކޯޓުތަކަށް ހާޒިރުވުމަށް ސުޕްރީމް ކޯޓުން އަމުރެއް ނެރެފި އެވެ.

ސުޕްރީމް ކޯޓުން މިއަދު ނެރުނު އަމުރުގައި ދައުލަތުގެ ނަމުގައި ޖިނާއީ ދައުވާތައް އުފުލުމަށް ވެސް ވަނީ އަމުރުކޮށްފަ އެވެ.

ސުޕްރީމް ކޯޓުގެ އަމުރުގައި ބުނެފައި ވަނީ ޕްރޮސިކިއުޓާ ޖެނެރަލް އާއި އޭނާގެ ނައިބުގެ މަގާމަށް މީހަކު އައްޔަންކުރެވިފައި މިވަގުތު ނެތްކަމުގައިވިޔަސް، ހާލަތުއް ޟަރޫރާ އާއި ކޮންޓިނިއުޓީ އޮފް ލީގަލް ގަވާމެންޓްގެ މަބްދައުގެ ދަށުން، ޖިނާއީ ދައުވާތައް އުފުލުމާއި އެދައުވާތަކާ ގުޅިގެން ކުރަންޖެހޭ އެންމެހައި އިންތިޒާމްތައް ހަމަޖައްސަން ޖެހޭނެ ކަމަށެވެ.

ޕީޖީގެ މަގާމުގައި ބޭފުޅަކު ނެތަސް ޖިނާއީ މައްސަލަތައް ކުރިއަށް ގެންދެވޭނެ ކަމަށް އަންގައި ސުޕްރީމް ކޯޓުން މީގެކުރިން ނެރެފައިވާ ކޯޓު އަމުރަށް، އެއްވެސް އުޒުރެއް ދެއްކުމެއް ނެތި އަމަލު ކުރުމަށް ވެސް ސުޕްރީމް ކޯޓުން ވަނީ ޕީޖީ އޮފީހުގެ ވަކީލުންނާއި ދައުލަތުގެ ކަމާބެހޭ ފަރާތްތަކަށް އަމުރުކޮށްފަ އެވެ.

އެ އަމުރުގައި ބުނެފައި ވަނީ މުޖުތަމައުގެ ހައްގުތައް ނިގުޅިގެންގޮސް އެ މުޖުތަމައެއްގެ އަމަންއަމާންކަމަށް ބުރޫއަރާފަދަ އެއްވެސް ކަމެއް ދުސްތޫރީ ވެރިކަމެއް ހިނގާ ދީމިގުރާތީ މުޖުތަމައެއްގައި ހުއްދަކުރެވިދާނެ ޝަރުއީ އަދި ގާނޫނީ ހަމައެއްނެތް ކަމަށެވެ.

ދިވެހި ދައުލަތް ދެމިއޮތްހައި ހިނދަކު، ރާއްޖޭގެ ޖިނާއީ އަދުލުގެ ނިޒާމް ހުއްޓުމަކަށްނައިސް ހިނގަހިނގާއޮތް ގޮތުގެމަތިން ހިނގަހިނގާ އޮތުމަކީ ދިވެހިރާއްޖޭގައި ގާނޫނުގެ ވެރިކަން ނެގެހެއްޓުމަށާއި ދިވެހި ދައުލަތާއި ރައްޔިތުންގެ ހައްގުތައް ހިމާޔަތްކޮށް ދެމެހެއްޓުމަށްޓަކައި ކޮންމެހެން ބޭނުންތެރިކަމެއް ކަމަށް ވެސް ސުޕްރީމް ކޯޓުގެ އަމުތުގައި ވަނީ ބުނެފަ އެވެ.

"ދިވެހިރާއްޖޭގެ ޕްރޮސިކިއުޝަން އޮތޯރިޓީގެ މަސްއޫލިއްޔަތުގެ ތެރޭގައި ހިމެނޭ ޖިނާއީ ދައުވާތަށް އުފުލުމާއި އަދި އެފަދަ ދައުވާތަކަށް ޖަވާބުދާރީވުމަށްޓަކައި ޖިނާއީ މައްސަލަތައް ބެލުމުގެ އިޚްތިސާސް ލިބިފައިވާ ކޯޓުތަކަށް ހާޒިރުވުމަށާއި އަދި އެކަމާ ގުޅިގެން ޕްރޮސިކިއުޓަރ ޖެނެރަލް އޮފީހުގެ ފަރާތުން އިންތިޒާމްކުރަންޖެހޭ އެންމެހައި ކަންތައްތައް އިންތިޒާމްކުރުމާއެކު އިތުރު އެއްވެސް އުޒުރެއް ކުރިމަތިކުރުމަކާނުލައި ސުޕްރީމް ކޯޓުގެ ނަންބަރު 2014/SC-SJ/02 ކޯޓު އަމުރާ އެއްގޮތްވާ ގޮތުގެމަތީން މަގާމުގެ މަސްއޫލިއްޔަތު އަދާކުރަމުން ގެންދިއުމަށާއި ދިވެހިރާއްޖޭގެ އަދުލު އިންސާފް ގާއިމްކުރުމުގެ ބާރުގެ އެންމެ އިސްފަރާތުގެ ހައިސިއްޔަތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ލިބިދޭ ގާނޫނުއަސާސީ އާއި ގާނޫނުތަކުގެ ބެލެނިވެރިޔާގެ ހައިސިއްޔަތުން ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ކަމާބެހޭ ޕްރޮސިކިއުޓަރުންނާއި ދައުލަތުގެ ކަމާބެހޭ އެންމެހައި ފަރާތްތަކަށް އަންގާ އަމުރުކޮށްފީމެވެ،" ސުޕްރީމް ކޯޓުގެ އަމުރުގައި ބުނެފައި ވެއެވެ.