12 May 2014, 17:00
ޖާޒީއެއް ގަތުމުން އަންނަ ޖޫން މަހު ބްރެޒިލްގައި ފަށާ ވޯލްޑް ކަޕުގެ ކުއާޓާ ފައިނަލްގެ މެޗެއް ބަލާލުމުގެ ފުރުސަތު ލިބޭ ޕްރޮމޯޝަނެއް ފަށައިފި އެވެ.
"ވިން ޓްރިޕް ޓު ބްރެޒިލް"ގެ ނަމުގައި އެ ޕްރޮމޯޝަން ކުރިއަށްގެންދާ، ކްރޮސްޕޯލް ކޯޕަރޭޝަން ޕްރައިވެޓް ލިިމިޓެޑްގެ މާކެޓިން އެގްޒެކެޓިވް މުހައްމަދު ފައިސަލް ވިދާޅުވީ، ޖާޒީއެއް ގަނެގެން ބައިވެރިވެވޭ، އެ ޕްރޮމޯޝަން ކުރިއަށް ދާނީ އަންނަ މަހުގެ 20 ވަނަ ދުވަހުގެ ނިޔަލަށް ކަމަށެވެ.
"މާވެޔޮމަގުގައި ހުންނަ ޓްވިޓާ ފިހާރައިން ވޯލްޑް ކަޕްގައި ބައިވެރިވާ ޓީމުތަކުގެ ކޮލިޓީ ޖާޒީ ލިބޭނެ. އަދި އެ ގައުމުތަކުގެ ފޭން ޓީޝާޓް. ކޮންމެ އެއްޗެއްވެސް ގަންނަ ލިބޭނީ 200 ރުފިޔާ. އެ އެއްޗެއް ގަތުމުން ޕްރޮމޯޝަންގައި ބައިވެރިވުމަށް ކޫޕަން ކޮޅެއް ލިބޭނެ،" އޭނާ ވިދާޅުވި އެވެ.
މީގެ އިތުރުން، 7995520 ނުވަތަ 9101199 ގުޅާލުމުން މާލޭގެ ކޮންމެ ގެއަކަށް ވެސް ޖާޒީ އަދި ޓީޝާޓް ހިލޭ ޑެލެވަރީ ކޮށްދޭނެ ކަމަށް ވެސް ފައިސަލް ވިދާޅުވި އެވެ.
ކްރޮސްޕޯލް އިން ބުނީ ޕްރޮމޯޝަންގައި ފަސް މީހުން ހޮވުމަށް ހަމެޖެހިފައިވާ ކަމަށެވެ. ޕްރޮމޯޝަން ފެށުމަށް މިދިޔަ ހުކުރު ދުވަހު އާޓިޝަލް ބީޗުގައި ބޭއްވި ރަސްމިއްޔާތުގައި ޓީޝާޓް ވިއްކައިގެން، ގުރުއަތުން ފުރަތަމަ ނަސީބުވެރިޔާ ވަނީ ހޮވާފަ އެވެ.
ޕްރޮމޯޝަންގެ ފުރަތަމަ ނަސީބުވެރިއަކަށް ހޮވިފައިވަނީ ތ. މަޑިފުށި ރިވެލި، އަހުމަދު ތޮލްހަތެވެ. އޭނާއަށް ބްރެޒިލް އަށް ދިއުމުގެ ފުރުސަތު ލިބުނު ކަމުގެ ލިޔުން ހަވާލުކޮށްދިނީ، ރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓީމުގެ ކުރީގެ ކެޕްޓަން އައްސަދު އަބްދުލް ގަނީ އެވެ.
މީގެ އިތުރުން އަންނަ މަހުގެ ފަސް ވަނަ ދުވަހު ދެވަނަ ނަސީބުވެރިޔާ ހޮވާ، ޕްރޮމޯޝަން ނިމޭ ދުވަހު ބާކީ ތިން ނަސީބުވެރިން ހޮވާނެ ކަމަށް އެ ކުންފުނިން ބުންޏެވެ.
ފައިސަލް ވިދާޅުވީ، އެ ޕްރޮމޯޝަން އަތޮޅު ތެރޭގެ ބައެއް ރަށްރަށުގައި ވެސް ކުރިއަށް ގެންދާނެ ކަމަށާއި އެގޮތުން އައްޑޫ ސިޓީ، ޏ. ފުވައްމުލަކު، ހދ. ކުޅުދުއްފުށި އަދި ބ. އޭދަފުށީގައި އަންނަ މަހުގެ ފަސް ވަނަ ދުވަހުގެ ކުރިން ޕްރޮމޯޝަންތައް ހިންގާނެ ކަމަށެވެ.