12 May 2014, 16:25
ނައިޖީރިއާގެ ހަނގުރާމަވެރި ގްރޫޕް ބޮކޯހަރާމް އިން ވަގަށް ނަގާފައިވާ ސްކޫލްކުދިންތައް ފެންނަ ވީޑިއޯއެއް އެގްރޫޕުން އާއްމުކޮށްފި އެވެ.
މުސްލިމް ޖަމާއަތެއްގެ ނަމުގައި މަސައްކަތްކުރާ އެ ޖަމާއަތުން އާއްމުކުރި ވީޑިއޯއިން ވަގަށް ނަގާފައިވާ 100 ކުދިން ފެންނާނެ ކަމަށް އެ ޖަމާއަތުން ބުނެފައިވާ ކަމަށް ބީބީސީ ބުންޏެވެ.
ބޮކޯހަރާމް ގްރޫޕުން ބުނެފައި ވަނީ ނައިޖީރިއާ ސަރުކާރުން ހައްޔަރުކޮށްފައިވާ އެ ގްރޫޕްގެ އެންމެން ދޫކުރަންދެން ސްކޫލް ކުދިންތައް ދޫނުކޮށް ހިފަހައްޓާނެ ކަމަށެވެ. ވަގަށް ނެގި އަންހެން ކުދިންތައް އިސްލާމްވެފައިވާ ކަމަށް ވެސް ވަނީ ބުނެފަ އެވެ.
ފްރާންސްގެ ނިއުސް އެޖެންސީ "އޭޖެންސެ ފްރާންސް ޕްރެސް (އޭއެފްޕީ) އިން ހޯދާފައިވާ 15 މިނެޓްގެ ވީޑިއޯގައި ކިޑްނެޕްކޮށްފައިވާ ބައެއް ކުދިން ވާހަކަ ދައްކާ މަންޒަރު ފެނެ އެވެ. އޭގެ ތެރެއިން ބައެއް ކުދިން ބުނެފައި ވަނީ އެކުދިންނަކީ ކުރިން ނަސޯރާއިން ކަމަށާއި މިހާރު އިސްލާމްވެފައިވާ ކަމަށެވެ.
ބޮކޯހަރާމް ގްރޫޕަކީ މުސްލިމުންގެ ތަސައްވުރު ހުތުރުކުރަން އުޅޭ ބައެއް ކަމަށް ސައުދީ އަރަބިއްޔާގެ އެންމެ އިސް މުފްތީ މިދިޔަ ހަފުތާގައި ވަނީ ވިދާޅުވެފަ އެވެ.
"...މިއީ އިސްލާމްދީނުގެ ތަސައްވުރު ހުތުރުކުރަން އުފައްދާފައިވާ ގްރޫޕެއް. މި މީހުންނަށް ނަސޭހަތްދޭން ޖެހޭ. އެ މީހުން ތިބީ ނުބައި މަގުގައި ކަން ދައްކައި، އެމީހުންނާ ދެކޮޅު ހަދަން ޖެހޭ،" އަލް ހައިއަތު ނަމަކަށް ކިޔާ ނޫހަކަށް ދެއްވި އިންޓަވިއުއެއްގައި މުފްތީ ޝެއިޚު އަބުދުލް އަޒީޒު އާލް ޝެއިޚު ވިދާޅުވެފައި ވެ އެވެ.
ބޮކޯ ހަރާމް ގްރޫޕުން ނައިޖީރިއާގެ ސްކޫލަކުން 200 އަންހެންކުދިން ވަގަށް ނަގައިގެން ގެންދިޔައީ މިދިޔަ އޭޕްރިލް މަހުގެ 14 ވަނަ ދުވަހު އެވެ.
ކިޑްނެޕް ކުރި ކުދިން ފެންނަ ވީޑިއޯ ބީބީސީން އާންމުކޮށްފައި:
https://www.youtube.com/watch?v=DsxGjAsOaNg