12 May 2014, 16:17
އޭއެފްސީ ޗެލެންޖް ކަޕް ފުޓްބޯޅަ މުބާރާތައް ތައްޔާރު ވުމުގެ ގޮތުން ގައުމީ ފުޓްބޯޅަ ޓީމާއި ދެކޮޅަށް ލާއޯސްގެ ގައުމީ ޓީމް މާދަމާ ރޭ ކުޅޭ މެޗްގައި ގައުމީ ޓީމަށް ހިތް ވަރު ދިނުމުގެ ގޮތުން ވީހާވެސް ގިނަ ބަޔަކު މެޗް ބަލަން ދަނޑަށް ވަނުމަށް އެފްއޭއެމްގެ ރައިސް އިލްހާމް އަހުމަދު އެދިވަޑައިގެންފި އެވެ.
މެޗު ފަށާނީ މާދަމާރޭ 9:00ގައި ގަލޮޅު ރަސްމީ ފުޓްބޯޅަ ދަނޑުގަ އެވެ. އަދި ރާއްޖެއާ ދެކޮޅަށް ނިކުންނަ ލާއޯސްގެ ޓީމް ރޭގެ ވަގުތެއްގައި ވަނީ މާލެއައިސްފަ އެވެ. އަދި މެޗުގެ ޓިކެޓުތައް މިރޭ ވިއްކަން ފަށާނެ ކަމަށް އެފްއޭއެމްއިން މައުލޫމާތު ދެއެވެ.
" އަޅުގަނޑު ވަރަށް ބޮޑަށް އެދެން ގައުމީ ޓީމް ކުޅޭ މެޗަށް ވީހާ ވެސް ގިނަ ބަޔަކު ސަޕޯޓްކުރަން އަންނަން. މާދަމާ އަކީ އަޅުގަނޑުމެންގެ ކުޅުންތެރިންނަށް އަޅުގަނޑުމެން އެއްމެންނަކީ އެއް ޓީމެއް ކަން ދައްކައިދޭން ޖެހޭ ދުވަސް. މި މުޅި ރާއްޖެ އަކީ އެއް ޓީމެއް. އަޅުގަނޑުމެންގެ ހުރިހާ އުއްމީދެއް ގުޅިފައި ވަނީ ގައުމީ ޓީމާ. މިއީ މަގޭ ގައުމު މަގޭ ޓީމް އޭ ބުނެ އެއް އަޑަކުން އަޑުއުފުލަންވީ ވަގުތު،" މާދަމާރޭގެ މެޗު ފެށުމުގެ ކުރިން ރާއްޖޭގެ މީޑިއާތަކަށް އެފްއޭއެމްގެ ރައީސް އިލްހާމް ފޮނުވި ކުރު ބަޔާނެއްގައި ބުނެފައި ވެއެވެ.
އަންނަ ހަފްތާގެ ހޯމަދުވަހު ފަށާ ޗެލެންޖް ކަޕަށް ތައްޔާރުވުމުގެ ގޮތުން ދިވެހި ޓީމް ހުސްވި މަހުގެ ފަހު ކޮޅު ތައިލެންޑަށް ކުރި ދަތުރުގައި ވެސް ވަނީ ރަހުމަތްތެރި ކަމުގެ ތިންމެޗެއް ކުލެފައެވެ. އެގޮތުން ތައިލެންޑުގެ އެއްވަނަ ޑިވިޝަނުގެ ކްލަބެއް ކަމަށްވާ އޮސްޓްސްޕާއާ ދެކޮޅަށް ކުޅުނު މެޗުން ރާއްޖެ މޮޅުވީ 1-0 ލަނޑުންނެވެ. ދެވަނަ މެޗު ގައުމީ ޓީމު ނުކުތީ ތައިލެންޑުގެ 19 އަހަރުން ދަށުގެ ގައުމީ ޓީމާ ދެކޮޅަށެވެ. އެ މެޗް ނިމުނީ 1-1 ލަނޑުން ދެޓީމް އެއްވަރު ވެގެންނެވެ.
ތައިލެންޑުގައި ގައުމީ ޓީމު ކުޅުނު ފަހު މެޗުގައި ބައްދަލުކުރީ ތައިލެންޑުގެ ތިންވަނަ ޑިވިޝަނުގެ ކްލަބެއް ކަމަށްވާ ކަސްޓަމްސް ޔުނައިޓެޑާއި ދެކޮޅަށެވެ. އެމެޗުވެސް ނިމިގެންދިޔައީ 1-1 ލަނޑުން އެއްވަރުވެގެންނެވެ.
ޗެލެންޖް ކަޕްގެ ގްރޫޕް އޭގައި ރާއްޖެއާ ވާދަކުރާނީ ފަލަސްތީނާއި މިޔަންމާ އަދި ކިރްގިސްތާނެވެ. މި ގްރޫޕުގައި ރާއްޖެ ކުޅޭ ހުރިހާ މެޗެއް ވެސް ކުޅުމަށް ހަމަޖެހިފައި ވަނީ ރޭނގަޑު 9:00 ގައި ގަލޮޅު ރަސްމީ ފުޓްބޯޅަ ދަނޑުގަ އެވެ.