ރާއްޖެ އިން މީހުން ހައްޖަށް ގެންދިއުމަށް ހަތަރު ކުންފުންޏަކާ ހަވާލުކޮށްފި އެވެ.

ނުވަ ކުންފުނީގެ މެދުގައި މިއަދު ބޭއްވި ގުރުއަތުލުމަކުން ހައްޖަށް މީހުން ގެންދަން ހޮވުނު ހަތަރު ކުންފުންޏަކީ އަލްފަތުހް ހައްޖް އެންޑް އުމުރާ ގުރޫޕާއި ސިސިލްފަރު ހައްޖު އެންޑް އުމުރާ ގުރޫޕުގެ އިތުރުން މިރާ ހައްޖު އެންޑް އުމްރާ ގުރޫޕާއި އެކްރޯ ޕްރައިވެޓް ލިމިޓެޑް އެވެ.

އެކުންފުނިތައް ހޮވާފައި ވަނީ ހައްޖަށް މީހުން ގެންދިއުމަށް ކުރިމަތިލި 17 ކުންފުނީގެ ތެރެއިން އެންމެ މަތިން މާކުސް ލިބުނު ނުވަ ކުންފުނީގެ މެދުގައި ނެގުނު ގުރުއަތުލުމަކުންނެވެ.

އެ ހަތަރު ކުންފުއްޏަށް ދީފައި ވަނީ ކޮންމެ ކުންފުންޏަކުން 100 މީހުން ހައްޖަށް ގެންދިއުމުގެ ހުއްދަ އެވެ.

ޖުމުލަ 800 މީހުން ހައްޖަށް ގެންދިއުމަށް ރާއްޖެ އަށް ކޯޓާ ލިބިފައިވާ އިރު އޭގެ ތެރެއިން 400 މީހުން ހައްޖަށް ގެންދަނީ ހައްޖު ކޯޕަރޭޝަންއިންނެވެ.