އައްޑޫ ސިޓީގައި 2000 އެނދުގެ ގެސްޓްހައުސްތައް ތަރައްގީ ކުރުމުގެ ފުރުސަތު މިއަދު ހުޅުވާލައިފި އެވެ.

ސަން އަށް މިއަދު ދެއްވި އިންޓަވިއުއެއްގައި އައްޑޫ ސިޓީގެ މޭޔަރު އަބްދުﷲ ސޯދިގް (ސޯބެ) ވިދާޅުވީ އެ ސިޓީގެ ހަ ސަރަހައްދެއްގައި ގެސްޓް ހައުސް ތަރައްގީ ކުރުމަށް ޝައުގުވެރިވާ އަމިއްލަ ފަރާތްތަކަށައި ރާއްޖެއާއި ރާއްޖެއިން ބޭރުގެ އިންވެސްޓަރުންނަށް އެ ފުރުސަތު ހުޅުވާލެވިފައިވާ ކަމަށެވެ.

"އައްޑޫ ސިޓީ އަށް ލިބޭ އާންމުދަނީ އިތުރުކޮށް އައްޑޫ ސިޓީގައި ވަޒީފާގެ ފުރުސަތުތައް އިތުރުކޮށް އައްޑޫ ސިޓީ އިޮތުރަށް ތަރައްގީ ކުރުމަށްޓަކައި އަޅުގަނޑުމެން މިއަދު މިވަނީ އައްޑޫ ސިޓީގައި ގެންސްޓް ހައުސް ތަރައްގީ ކުރުމުގެ ފުރުސަތު ހުޅުވާލާފަ. އެގޮތުން އައްޑޫ ސިޓީގެ ހަ ސަރަހައްދެއްގައި 2000 އެންދުގެ ގެސްޓް ހައުސް ތަރައްގީ ކުރުމުގެ ފުރުސަތުލިބިގެންދާނެ،" ސޯބޭ ވިދާޅުވި އެވެ.

އައްޑޫ ސިޓީގައި ގެސްޓް ހައުސް ތަރައްގީ ކުރުމުގެ ފުރުސަތު ހުޅުވާލާފައިވާ ގޮތާއި ބެހޭ ގޮތުން މައުލޫމާތު ދެއްވަމުން ސޯބެ ވިދާޅުވީ ގެސްޓް ހައުސް ތަރައްގީ ކުރުމަށް ހަމަޖެހިފައިވަނީ އަމިއްލަ ފަރާތްތަކުގެ ބިންތައް ކުއްޔަށްދީގެން ކަމަށެވެ. އެގޮތުން މީހުން ދިރިނޫޅޭ ބޮޑެތި ބިންތަކުގެ ވެރިންނާއި ވާހަކަ ދައްކައިގެން އެ ބިންތައް ދިގުމުއްދަތަކަށް ކުއްޔަށް ނަގައި އެތަންތަނުގައި ގެސްޓް ހައުސް ތަރައްގީ ކުރުމުގެ ފުރުސަތު ހުޅުވާލާނެކަމަށް މޭޔަރު ވިދާޅުވި އެވެ.

"އައްޑޫ ސިޓީގައި ބޮޑެތި ބިންތައް ހުރި ފަރާތްތަކަށް ކައުންއިލް މެދުވެރިކޮށް ބެންކާއި ވާހަކަ ދައްކައިގެން އެ ބިންތައް މޯގޭޖް ކޮށް އިންވެސްޓަރުން ހޯދައިދޭނެ،" ސޯބެ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އަމިއްލަ ފަރުދުންނަށް ވެސް ބިންތައް މޯގޭޖް ކޮށްގެން ގެސްޓްހައުސް ތަރައްގީ ކުރުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ. އަދި ކައުންސިލުން ކުއްޔަށް ނަގާ ބިންތައް ރާއްޖެއާއި ރާއްޖެއިން ބޭރުގެ އިންވެސްޓަރުންނަށް ހުޅުވާލައި އެތަންތަން ގެސްޓްހައުސްގެ ގޮތުގައި ތަރައްގީ ކުރުމުގެ ފުރުސަތުި ލިބިގެންދާނެ ކަމަށް ސޯބެ ވިދާޅުވި އެވެ.

ގެސްޓަހައުސް ތަރައްގީ ކުރުމަށްޓަކައި ކުއްޔަށްދޭ ބިންތައް 4000 އަކަފޫޓަށްވުރެ ބޮޑުވާނެ ކަމަށާއި އެއިން ކޮންމެ ގެސްޓްހައުސްއެއްގައި 100 ކޮޓަރި ހުންނާނެ ކަމަށް ސޯބެ ވިދާޅުވި އެވެ. އަދި ގެސްޓް ހައުސް ތަރައްގީ ކުރެވޭ ސަރަހައްދު ތަކުގައި ރެސްޓޯރެންޓް ހޮޓާ ފަދަ ތަންތަން ވެސް ތަރައްގީ ކުރެވިގެންދާނެ ކަމަށް މޭޔަރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެ ޕްރޮޖެހްޓަކީ އައްޑޫ ސިޓީގެ ރައްޔިތުންނާއި ސަރުކާރާއި މަޝްވަރާ ކޮށްގެން ކުރިއަށް ގެންދާ ޕްރޮޖެކްޓެއް ކަމަށާއި އެކަމަށް ސަރުކާރާއި އައްޑޫ ސިޓީގެ ރައްޔިތުންގެ ކިބައިން ވަރަށް ބޮޑު އެއްބާރުލުމެއް ލިބެމުންދާ ކަމަށެވެ.