12 May 2014, 15:24
އަންނަ ހޯމަ ދުވަހު ރާއްޖޭގައި ފަށާ އޭއެފްސީ ޗެލެންޖް ކަޕަށް ތައްޔާރުވުމުގެ ގޮތުން ދިވެހި ރާއްޖޭގެ ގައުމީ ޓީމާއި ލާއޯސްގެ ގައުމީ ޓީމް ކުޅޭ އެކުވެރިކަމުގެ މެޗުގެ ޓިކެޓް މިރޭ ވިއްކަން ފަށާނެ ކަމަށް ފުޓްބޯޅަ އެސިސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ބުނެފި އެވެ.
މެޗު ފަށާނީ މާދަމާރޭ 9:00ގައި ގަލޮޅު ރަސްމީ ފުޓްބޯޅަ ދަނޑުގަ އެވެ. އަދި ރާއްޖެއާ ދެކޮޅަށް ނިކުންނަ ލާއޯސްގެ ޓީމް ރޭގެ ވަގުތެއްގައި ވަނީ މާލެއައިސްފަ އެވެ.
އެފްއޭއެމްގެ ނާއިބް ރައީސް އަބްދުލް މުހުސިން ހަމީދު (ޖޭފޯ) "ސަން"އަށް މިއަދު ވިދާޅުވީ، މާދަމާ ރޭ ކުޅޭ މެޗުގެ ޓިކެޓް ޕްރިންޓު ކުރަން ދީފައިވާ ކަމަށާއި ދަނޑުގެ ކެޕޭސިޓީ އޮތް ވަރަށް މިފަހަރު ވެސް ޓިކެޓް ވިއްކުމަށް ހަމަޖެހިފައިވާ ކަމަށެވެ. އަދި ޓިކެޓް އިރުއޮއްސުމުގެ ކުރިން ޕްރިންޓުކޮށް މުޅިން ނިމިއްޖެ ނަމަ މިރޭވެސް ޓިކެޓް ވިއްކަން ފަށާނެ ކަމަށާއި ޓިކެޓް ވިއްކުމަށް އަދި ހަމަޖެހިފައި ވަނީ ރާޅުގަނޑު ސަރަހައްދުންނާއި އެފްއޭއެމްއިން ކަމަށް ޖޭފޯ ވިދާޅުވި އެވެ.
ޖޭފޯ ވިދާޅުވީ ޓިކެޓުގެ އަގުތަކަކީ ގޮނޑި ބަރިން 50 ރުފިޔާ އަށް އަދި ސިޑިބަރިން 25 ރުފިޔާ އަށް ކަމަށެވެ.
އޭއެފްސީ ޗެލެންޖް ކަޕަށް ތައްޔާރު ވުމުގެ ގޮތުން ގައުމީ ޓީމު ވަނީ ތައިލެންޑްގައި ވެސް ތަމްރީންތަކެއް ހަދާ މެޗްތަކެއް ކުޅެފަ އެވެ.
ޗެލެންޖް ކަޕްގެ ގްރޫޕް އޭގައި ރާއްޖެއާ ވާދަކުރާނީ ފަލަސްތީނާއި މިޔަންމާ އަދި ކިރްގިސްތާނެވެ. މި ގްރޫޕުގެ މެޗުތައް ކުޅޭނީ ގަލޮޅު ރަސްމީ ފުޓްބޯޅަ ދަނޑުގަ އެވެ. އަދި މުބާރާތުގައި ލާއޯސް ވާދަކުރާ ގްރޫޕް ބީފަޅިން ހިމެނޭ ޓީމް ތަކަކީ ތުރުކުމަނިސްތާނާއި ފިލިޕިންސް އަދި އަފްގާނިސްތާނެވެ.