12 May 2014, 15:22
ބްރާވިއާ އައިޑިއާސް ކަޕްގައި އިއްޔެ ކުޅުނު މެޗުތައް ކާމިޔާބުކޮށް ހިތާދޫގެ ބަރާބަރު، ރައީސް އޮފީސް އަދި މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ތިން ޕޮއިންޓް ކަށަވަރުކޮފި އެވެ.
ބްރާވިއާ އައިޑިއާސް ކަޕުގައި ރޭ 8:00 ގައި ބައްދަލުކުރީ މާފަރާއި ބަރާބަރު ޓީމެވެ. މި މެޗު ބަރާބަރު ކާމިޔާބުކުރީ 7-2 ލަނޑުންނެވެ. ބަރާބަރުގެ ހުޒައިމަތު ރަޝީދާއި ހުސާމް އިބްރާހިމް ރަޝީދު، މިއިން ކޮންމެ ކުޅުންތެރިއެއް ދެ ލަނޑު ކާމިޔާބުކޮށްދިން އިރު، އެ ޓީމުގެ ބާކީ ލަނޑުތައް ކާމިޔާބުކޮށްދިނީ އަލީ ހައިޝަމް އާއި އަހްމަދު ހުސައިން އާއި މުހައްމަދު އައްޒާމެވެ.
މާފަރުގެ ލަނޑުތައް ކާމިޔާބުކޮށްދިނީ އިރުޝާދު އަދުނާނާއި އަބްދުލް ރަހްމާނެވެ. މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ މެޗުގައި ދެ ލަނޑު ކާމިޔާބުކުރި ބަރާބަރުގެ ޖާޒީ ނަންބަރު ފަހެއް ހުޒައިމަތު ރަޝީދެވެ.
މި މުބާރާތުގައި ރޭ 9:00 ގައި ބައްދަލުކުރީ ރައީސް އޮފީހާއި އަޔާޑީ ޓަކަފުލް އެވެ. މި މެޗު 3-2 ލަނޑުން ކާމިޔާބުކުރީ ރައީސް އޮފީހެވެ. މެޗުގައި ރައީސްގެ އޮފީހުގެ ލަނޑުތައް ކާމިޔާބުކޮށްދިނީ އަލީ އަހްތަރާއި އަނަސް މުހައްމަދު އަދި އިބްރާހިމް ޝިފާގު އެވެ. ރައީސް އޮފީސް ކޮޅަށް އަޔާޑީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ މުހައްމަދު ހައްސާނާއި މުހައްމަދު އަލާއުއްދީނެވެ. މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ރައީސް އޮފީހުގެ ޖާޒީ ނަންބަރު 14 އަލީ އަހްތަރެވެ.
މުބާރާތުގައި ރޭ ކުޅުނު ފަހު މެޗުގައި ބައްދަލުކުރީ އެމްއޭސީއެލް އާއި ވިންސެންޑޯ އެވެ. މި މެޗު 5-4 ލަނޑުން ކާމިޔާބުކުރީ އެމްއޭސީލް ޓީމުންނެވެ. މެޗުގައި އެމްއޭސީއެލްގެ ސައްޔާހު އައްބާސް ދެ ލަނޑު ކާމިޔާބުކޮށްދިން އިރު، އެ ޓީމުގެ ބާކީ ލަނޑުތައް ކާމިޔާބުކޮށްދިނީ އަހްމަދު ނިޝާނާއި އިސްމާއިލް މުހައްމަދު އަދި އިބްރާހިމް ލަތީފެވެ.
އެމްއޭސީއެލް ކޮޅަށް ވިންސެންޑޯގެ ލަނޑުތަކުގެ ތެރެއިން ދެ ލަނޑު މުހައްމަދު ސަލަފު ކާމިޔާބުކޮށްދިން އިރު، މުހައްމަދު އިމްރާނާއި އަލީ ޝިފާއު ވެސް ލަނޑެއް ކާމިޔާބުކޮށްދިނެވެ. މެޗުގެ މޮޅު ކުޅުންތެރިންއަކަށް ހޮވުނީ ވިންސެންޑޯގެ ޖާޒީ ނަންބަރު 10 އަބްދުﷲ ޝިހަފް އެވެ.
ބްރާވިއާ އައިޑިއާސް ކަޕްގައި މިރޭ ވެސް ތިން މެޗެއް ކުރިއަށް ދާނެ އެވެ. މާފަންނު މިނީ ދަނޑުގައި ކުޅޭ މި މެޗުތަކުގެ ތެރެއިން މިރޭ 8:00 ގައި ބައްދަލުކުރާނީ ރައްޔިތުންގެ މަޖިލީހާއި ފިނޭންސް މިނިސްޓްރީ އެވެ. މިރޭ 9:00 ގައި ނަސަންދުރައާ ދެކޮޅަށް ކިހައްޑިހަ ނުކުންނަ އިރު، މިރޭގެ ފަހު މެޗުގައި ބައްދަލުކުރާނީ ތުރާކުނު އައިލެންޑް ޑިވެލޮޕްމެންޓް ސޮސައިޓީ (ޓިޑްސް) އާއި ސޮސައިޓީ ފޯ އަލިފުށީ ޔޫތު (ސޭ) އެވެ.
އައިޑިއާސް ކަޕުގެ މެއިން ސްޕޮންސަރުންނަކީ ރީފްސައިޑް އެވެ. ކޯ ސްޕޮންސަރުންނަކީ އެލައިޑް އިންޝުއަރެންސް އެވެ. މި މުބާރާތުގެ މީޑިއާ ޕާޓްނަރުންނަކީ ސަން އޮންލައިން އެވެ. އަދި ޕްރިންޓިންގް ޕާޓްނަރުންނަކީ އެމް ސެވަން ޕްރިންޓް އެވެ.