ޑްރޯން އުފައްދާ ފަރަންސޭސިވިލާތުގެ މަޝްހޫރު ކުންފުންޏެއް ކަމަށްވާ ޕެރޮޓް އިން އެ ކުންފުނީގެ އައު ޑްރޯން ‘ބީބޮޕް’ ދައްކާލައިފި އެވެ.

އޮކިއުލަސް ރިފްޓް ވާޗުއަލް ރިއާލިޓީ ހެޑްސެޓްއާ ގުޅާލެވޭގޮތަށް އުފައްދާފައިވާ ބީބޮޕް އަކީ، ކުރީގެ ޑްރޯން ތަކަށް ވުރެ މަގުބޫލު އެއްޗަކަށް ވާނެ ކަމަށް ބޮޑެތި ނޫސްތަކުން ދަނީ ބުނަމުންނެވެ.

މިދިޔަ މާޗް މަހުގެ ފަހުކޮޅު ފޭސްބުކް އިން ގަނެފައިވާ އޮކިއުލަސް ކުންފުނިން އުފައްދާ އޮކިއުލަސް ރިފްޓް ހެޑްސެޓް އަކީ އޭތި އަޅާލުމުން ވާޗުއަކް ރިއާލިޓީ - ނުވަތަ ކޮމްޕިއުޓަރުން އުފައްދާފައިވާ ދުނިޔެއެއް –ފެންނާނެހެން އުފައްދާފައި ހުންނަ އައިނެކެވެ. ބީބޮޕް އުދުއްސާލާ މީހަކު، އޮކިއުލަސް ރިފްޓް ހެޑްސެޓްއެއް އެޅުމުން، އުދުހިފައިދާ ޑްރޯން ގެ ކެމެރާ އިން ފެންނަ ތަންތަން ހެޑްސެޓްއިން ފެންނާއެވެ.

ފެރޮޓް ކުންފުނިން ތައާރަފް ކުރި ބީބޮޕް އަކި ހަތަރު ފިޔަގަނޑު ލާފައި ހުންނަ ކުޑަ ހެލޮކޮޕްޓަރެކެވެ. މި ޑްރޯން ގެ މެދުގައި ހުންނަ ކެމެރާ އަކީ 180 ޑިގްރީ ފެންނަ ފިޝް އައި ލެންސް އަކާ އެކު، 14 މެގަޕިކްސެލްގެ 1080 ޕީ ގެ ކެމެރާއެކެވެ. މި ޑްރޯން އުދުހޭ އިރު، އޭގައިވާ ހާއްސަ ސޮފްޓްވެއާއެއްގެ ސަބަބުން، ރެކޯޑްވަމުންދާ ވީޑިއޯތައް އާދަޔާ ހިލާފަށް ސާފުވެފައި އޮމާންވާނެ ކަމަށް ޕެރޮޓް ކުންފުނިން ބުނެއެވެ.

ބީބޮޕް ޑްރޯން އުދުހެމުން ދާއިރު ކޮންޓްރޯލަރ އަށް ސިގްނަލް ފޮނުވަނީ ޑްރޯންގައި ހަރުކޮށްފައިވާ 4 އެންޓެނާއެއް ބޭނުންކޮށްގެން، ވައިފައި މެދުވެރިކޮށެވެ. އަދިބީބޮޕް އާއި އެކު ލިބޭ ސްކައި ކޮންޓްރޯލަރ ބޭނުންކުރާ ނަމަ،2 ކިލޯމީޓަރުގެ ދުރުމިނަށް ބީބޮޕް އުދުއްސާލެވެއެވެ. ނަމަވެސް ބީބޮޕް ޑްރޯންއަށް އުދުހެވޭނީ 12 މިނެޓުގެ ކުޑަ ވަގުތުކޮޅަކަށެވެ.

ސްކައި ކޮންޓްރޯލަރ ގެ އިތުރުން އައިޕެޑް، އައިފޯން އަދި އެންޑްރޮއިޑް ސްމާޓްފޯނު ތަކާ ޓެބްލެޓް ތަކުންވެސް ބީބޮޕް ކޮންޓްރޯލް ކުރެވެއެވެ. އަދި ޑްރޯގައި ހަރުކޮށްފައި ހުންނަ ޖީޕީއެސް އެއްގެ ސަބަބުން، ބީބޮޕް އުދުއްސާލުމަށްފަހު ކޮންޓްރޯލަރުން އަތް ދޫކޮށްލިނަމަވެސް، ވައިގެ ތެރޭގައި، އެއް ތަނެއްގައި، ޑްރޯން މަޑުކޮށްލައިގެން ހުރެއެވެ.

އުދުއްސާލަން ހިޔާރުކުރާ މަގު ރާވާލުމަށްފަހު ޑްރޯން އަށް ފީޑްކުރުމުން، ޖީޕީއެސް ގެ އެހީގައި ޑްރޯން ދަތުރު ކުރަމުން ގެންދާނެއެވެ. އަދި ދަތުރު ނިމުމުން، ނުވަތަ ކޮންޓްރޯލަރ ގައި ވާ ބަޓަން އަކަށް ފިތާލުމުން، އުދުއްސާލި ދިމާލަށް އަނބުރާ އަންނަ ގޮތަށްވެސް ބީބޮޕް ޑްރޯން ޕްރޮގްރާމް ކުރެވިދާނެއެވެ.

މި އަހަރު ފަހުކޮޅު ނެރެން ހަމަޖެހިފައިވާ ބީބޮޕް ބާޒާރަށް ނުކުންނާނޭ އަގެއްހާމައެއް ނުކުރެއެވެ. ޕެރޮޓް އިން 2012 ވަނަ އަހަރު ތައާރަފް ކުރި އޭއާރ ޑްރޯން 2.0 އަށް ވުރެ ބީބޮޕްގެ އަގު ބޮޑުވާނެ ކަމަށް ލަފާ ކުރެވެއެވެ. އޭއާރ ޑްރޯން 2.0 ބާޒާރުގައި އުޅެނީ 300 އެމެރިކާ ޑޮލަރަށެވެ.

ބީބޮޕް ފަދަ ޑްރޯންތަކަކީ އާއްމުގޮތެއްގައި މީހުންގެ ހިތްހަމަޖެހުމަށް ގެންގުޅޭ ތަކެތި ކަމުގައި ވިޔަސް، ފަހަކަށް އައިސް މިފަދަ ޑްރޯންތަކުގައި އެކުލެވިގެން އަންނަ ކެމެރާތަކައި، ސޮފްޓްވެއާ، އަދި އެނޫންވެސް ޓެކްނޮލޮޖީތަކުގެ ސަބަބުން ފޮޓޯގްރާފަރުންނާ ފިލްމު އުފައްދާ މީހުންގެ އިތުރުން ގައުމުތަކުގެ އަސްކަރިއްޔާއާއި، ތަހުގީގީ އަދި ޖާސޫސީ އިދާރާތަކުންވެސް މިފަދަ ޑްރޯންތައް ބޭނުންކުރަން ވަނީ ފަށާފައެވެ.
https://www.youtube.com/watch?v=ayqUjVgZWuI