29 Dec 2010, 18:16
ރަޝިޔާގެ ކާގޯ މަތިންދާބޯޓެއް ވެއްޓި އެއިން ދަތުރުކުރި އެންމެން މަރުވެއްޖެ އެވެ.
ރަޝިޔާގެ ދިފާޢީ ވުޒާރާއާ ހަވާލާދީ އިޓާ ޓާސް ނޫސް އެޖެންސީ ބުނިގޮތުގައި އެންޓަނޯފް އައި އެން 22 މަރުކާގެ މި މަތިންދާބޯޓު ވެއްޓުނީ ރަޝިޔާގެ ފޮރޮނިޝް އިން ޓައިފާ އަށް ކާގޯ ހިފައިގެން މިއަދު ކުރި ދަތުރެއްގަ އެވެ. މިއީ މޮސްކޯގެ ދެކުނުން 200 ކިލޯމީޓަރާއި ހުޅަނގު ދެކުނުން 360 ކިލޯމީޓަރު ދުރުގައިވާ ހިސާބެކެވެ. މިބޯޓުން ދަތުރުކުރީ ޕައިލެޓާއި ފަޅުވެރިންނާއެކު ޖުމްލަ 11 މީހުންނެވެ.
މި ބޯޓު ވެއްޓުނުކަން އެނގުނީ ރާޑަރަށް ގެއްލުމާއެކު ބޯޓަށް ވީގޮތެއް ބެލުމަށް ކުރި މަސައްކަތުންނެވެ.
އެންޓަނޯވް މަރުކާގެ މި މަތިންދާބޯޓަކީ ކުރީގެ ސޮވިއެޓް ޔުނިޔަންގެ ދުވަސްވަރު ރަޝިޔާގައި އުފައްދާފައިވާ މަތިންދާބޯޓެކެވެ. މިބާވަތުގެ މަތިންދާބޯޓުތަކަށް ޓެކްނިކަލް މައްސަލަތައް ދިމާވެގެން ވަރަށް ގިނައިން ވެއްޓެއެވެ. ޓެކްނިކަލް މައްސަލަތައް ދިމާވަނީ ކުރީގެ ސޮވިއެޓް ޔުނިޔަންގެ ދުވަސްވަރު އުފައްދާފައިވާ މަތިންދާބޯޓުތަކަށް އެކަށީގެންވާ ގޮތެއްގައި ސަރވިސް ނުދެވި މަރާމާތު ނުކުރެވުމުގެ ސަބަބުންނެވެ.
އަދި ރަޝިޔާގެ މަތިންދާބޯޓު އުފެއްދުމުގެ ކުރީގެ ސިނާޢަތަށް މިހާރު ބޮޑެތި ބަދަލުތަކެއް އައިސްފައިވާތީއާއި ކުރީގެ ބޯޓުތަކަށް ޓެކްނިކަލް ޚިދްމަތްތައް ފޯރުކޮށްދޭ މަރުކަޒުތައް ބާވުމާއެކު މިކަމުގައި ރަޝިޔާގެ ކަމާބެހޭ ފަރާތްތައް އިހްމާލް ވެފައިވުމުން ކަމަށް ތަޖްރިބާކާރުން ވިދާޅުވެއެވެ. ރަޝިޔާގެ މަތިންދާބޯޓު އުފައްދާ ކުންފުނިތަކުން މިހާރު ގެންދަނީ ކުރިޔަށްވުރެ މަތީ ފެންވަރުގެ ޓެކްނޮލޮޖީގައި މަތިންދާބޯޓު އުފެއްދުމަށް މަސައްކަތް ކުރަމުންނެވެ. - ޖަވާދު