ހަށިވިއްކުމާއި މަސްތުވާތަކެތި ބޭނުންކުރުމުގެ ތުހުމަތުގައި އއ. ތޮއްޑޫން މީގެ ކުރިން ހައްޔަރުކުރި ބަޔަކު މަސްތުވާތަކެއްޗާ އެކު އަނެއްކާ ވެސް އަތުލައިގެންފި އެވެ.

ފުލުހުން ބުނީ އެ މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ އއ. ތޮއްޑުއަށް ނިސްބަތްވާ 33 އަހަރުގެ ފިރިހެނަކާއި ގދ. ރަތަފަންދޫއަށް ނިސްބަތްވާ 26 އަހަރުގެ އަންހެނެއްގެ އިތުރުން ކ. ކާށިދޫއަށް ނިސްބަތްވާ 27 އަހަރުގެ އަންހެނެއް ކަމަށެވެ.

ސަން އަށް މައުލޫމާތު ދެއްވަމުން ތޮއްޑޫ ކައުންސިލްގެ ރައީސް ހަސަން އިބްރާހިމް ވިދާޅުވީ ރޭގެ ވަގުތެއްގައި އެ ރަށުން ހައްޔަރުކޮށްފައި ވަނީ މީގެ ކުރިން ވެސް އެ ރަށުން ހަށިވިއްކުމާއި މަސްތުވާތަކެތި ބޭނުންކުރާ ކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ ތިން މީހުން ކަމަށެވެ.

ފުލުހުން ބުނީ ރަސްދޫ ޕޮލިސް ސްޓޭޝަނުން ހިންގި އޮޕަރޭޝަނެއްގައި ރޭ ތޮއްޑޫން ބްލެޓް ސައިޒުގެ މަސްތުވާ ތަކެތި ކަމަށް ބެލެވޭ އެއްޗަކާ އެކު ތިން މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.