12 May 2014, 13:15
ވިމެންސް ފުޓްބޯލް ޗެމްޕިއަންޝިޕްގައި ވާދަކުރާ އެންމެ ފަހުގެ ޗެމްޕިއަން ސަން ހޮޓެލްސް އެންޑް ރިޒޯޓްސް ޕްރައިވެޓް ލިމިޓެޑް (ސަން) ޓީމުގެ ހެޑް ކޯޗަކަށް ރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓީމުގެ ގޯލްޑް ކެޕްޓަން އައްސަދު އަބުދުލްޣަނީ ހަމަޖައްސައިފި އެވެ.
ސަން ޓީމުގެ އިސް އޮފިޝަލަކު ވިދާޅުވީ، މުބާރާތަށް ތައްޔާރުވުމުގެ ގޮތުން ޓީމުގެ ފަރިތަކުރުންތައް ފަށާފައިވާ ކަމަށާއި މިފަހަރުގެ މުބާރާތަށް ވެސް ސަން ޓީމުން ނިކުންނާނީ ވަރުގަދަ ސްކޮޑެއް ކަމަށެވެ. އަދި އެންމެ ފަހުން ބޭއްވި މުބާރާތުން ލިބުނު ކާމިޔާބީ ހޯދުމަށް މިފަހަރު ވެސް ސަން ޓީމުން ގަދަ އަޅާ މަސައްކަތް ކުރާނެ ކަމަށް ވެސް އޮފިޝަލް ވިދާޅުވި އެވެ.
އެފްއޭއެމް އިން ބުނީ، މިއަހަރުގެ މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލާފައިވާ ކަމަށާއި އެގޮތުން މުބާރާތުގައި ބައިވެރިވެވޭނީ ސަރުކާރު އޮފީސްތަކާއި ސަރުކާރު ހިއްސާވާ ކުންފުނިތަކާއި އަމިއްލަ ކުންފުނިތަކުގެ އިތުރުން ކުލަބް ޖަމިއްޔާ ތަކަށް ކަމަށެވެ. އަދި މުބާރާތުގައި ބައިވެރިވުމުގެ އެންމެ ފަހު ތާރީހަކީ އަންނަ ބުރާސްފަތި ދުވަސް ކަމަށް ވެސް އެފްއޭއެމްއިން މައުލޫމާތުދެ އެވެ.
ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން އިންތިޒާމްކޮށްގެން ބާއްވާ މިމުބާރާތް ފެށުމަށް މިހާރު ހަމަޖެހިފައިވާ ތާރީހަކީ އަންްނަ ޖޫން މަހުގެ އަށް ވަނަ ދުވަހެވެ.