12 May 2014, 13:10
ހއ. އުލިގަމުގެ އަތިރިމަތީގައި އިއްޔެ ހަވީރު ހެދުނު ފުން ވަޅުގަނޑަކީ ބާރުގަދަ އަޑަކާ އެކު ހެނދުނު ވަޅުގަނޑެއް ނޫން ކަމަށް އުލިގަމު ކައުންސިލުން ބުނެފި އެވެ.
އުލިގަމު ކައުންސިލްގެ ނައިބް ރައީސް ޒިޔާދު ހަސަން މިއަދު "ސަން" އަށް ވިދާޅުވީ، އިއްޔެ އިވުނު ބާރު ގަދަ އަޑަކީ އެ ރަށުގެ އުތުރުގައި ކުނި އެންދުމަށް ޖަހާފައި ހުރި އަލިފާންގަނޑުގެ ތެރެއިން ފުޅިއެއް ގޮވި އަޑެއް ކަމަށް ރަށުގެ ބައެއް މީހުން ބުނެފައިވާ ކަމަށެވެ.
"އެ އަލިފާން ގަނޑަށް ބައެއް ރައްޔިތުން ހުރީ ބޮޑީ ސްޕްރޭ ފަދަ ފުޅި އަޅާފައި. އެ ގޮވި އަޑު އެ އިވުނީ. އެ ސަރަހައްދުގައި ގާއިމްކޮށްފައި ހުރި އެމްއެންޑީއެފްގެ މަރުކަޒުން ވެސް ވިދާޅުވީ އެހެން. އަދި ބައެއް އާއްމުން ވެސް އެހެން ބުނެފަ އެބަހުރި،" އޭނާ ވިދާޅުވި އެވެ.
ޒިޔާދު ވިދާޅުވީ، އުލިގަމު އަތިރިމަތީގައި ހެދިފައި ހުރި ފުން މިނުގައި ތިން ފޫޓް އަދި ފުޅާ މިނުގައި ދެ ފޫޓު ހުރި އެ ވަޅުގަނޑަކީ ކުރިން އިންދާފައި ހުރި ރުކެއްގެ ބުޑެއް ފީވެގެން ހެދިފައި ހުރި ވަޅުގަނޑެއް ކަމަށެވެ. އަދި އެ ވަޅުގެ އެތެރޭގައި ރުކުގެ މޫތައް ވެސް ފެންނަން ހުރި ކަމަށް އޭނާ ވިދާޅުވި އެވެ.
"އެއީ ކުރިން ބުޑަކާ ހަމައަށް ކަނޑާލާފައި ހުރި ރުކެއް. ދެން ދުވަސް ތަކެއްވީމާ ބުޑު ފީވެގެން ގޮސްފައި ވަޅުގަނޑެއް ހެދިފައި ހުރީ،" ޒިޔާދު ވިދާޅުވި އެވެ.