12 May 2014, 12:53
މީޑިއާ ކައުންސިލްގެ މެމްބަރު އަބްދުﷲ މުއާޒް އެ ކައުންސިލާ ދެކޮޅަށް ދައުވާ ކުރި މައްސަލައިގެ އަޑުއެހުމަށް މިއަދު އޭނާ ހާޒިރުނުވެގެން އެ މައްސަލަ ސިވިލް ކޯޓުން މިއަދު ބޭރުކޮށްލައިފި އެވެ.
މީޑިއާ ކައުންސިލްގެ ނައިބު ރައީސް އަލީ ރަޝީދު މިއަދު ސަން އަށް ވިދާޅުވީ މުއާޒް ދައުވާ ކުރެއްވި މައްސަލަ މިއަދު 11:45ގައި ބޭއްވުމަށް ޝެޑިއުލްކޮށްފައި އޮތް ކަމަށާއި ނަމަވެސް ދައުވާ ކުރި ފަރާތުން ގަޑިއަށް ހާޒިރުނުވެގެން އެ މައްސަލަ ކޯޓުން ބޭރުކޮށްލީ ކަމަށެވެ.
"ދައުވާ ކުރެއްވި ފަރާތުން ގަޑިއަށް ހާޒިރުނުވެގެން އެ މައްސަލަ މިއަދު ކޯޓުން ބާތިލު ކުރީ. އަޅުގަނޑުމެން މިހާރު މި މަޑު ކުރަނީ ހުކުމް ލިބޭތޯ،" އަލީ ރަޝީދު ވިދާޅުވި އެވެ.
ގަޑިއަށް ހާޒިރު ނުވެއްޖަ ނަމަ ދައުވާ ކޯޓުން ބޭރު ކޮށްލުމުގެ އިހްތިޔާރު ކޯޓަށް ލިބިގެންވެ އެވެ.
މީޑިއާ ކައުންސިލާ ދެކޮޅަށް މުއާޒް ދައުވާ ކޮށްފައި ވަނީ އެ ކައުންސިލުގެ ރައީސްގެ މަގާމު އޭނާ އަށް ގެއްލުމުންނެވެ. ރައީސްގެ މަގާމު މުއާޒަށް ގެއްލުނީ އޭނާ ރައީސް ކަމަށް ހަމަޖެއްސި ޖަލްސާއަކީ އިޖުރާއަތުތައް ފުރިހަމަނުކޮށް ބޭއްވި ޖަލްސާއެއް ކަމަށް ބުނެ އެ ޖަލްސާއަކީ ބާތިލު ޖަލްސާއެއް ކަމަށް ކަނޑައެޅުމުންނެވެ.
މުއާޒު މިއަދު ސަން އަށް ވިދާޅުވީ އޭނާ އަށް ގަޑިއަށް ކޯޓަށް ވަޑައިނުގެންނެވުނީ އެ ގަޑީގައި ދުއްވާ އެއްޗެއް ނުލިބިންގެން ކަމަށާއި އަލުން މާދަމާ މަައްސަލަ ކޯޓަށް ވައްދަވާނެ ކަމަށެވެ.