ޗެލްސީގެ ސްޕެއިން ފޯވަޑް ފެނާންޑޯ ޓޮރޭސް އަށް އެކްލަބުގައި ކުރިމަގެއް އެބައޮތް ކަމުގައި އެ ޓީމުގެ ކޯޗު ހޯޒޭ މޮރީނިއޯ ބުނެފި އެވެ.

މީޑިއާ ރިޕޯޓްތަކުން ބުނާ ގޮތުގައި ޗެލްސީ އަށް 41 މިލިއަން ޕައުންޑްގެ އަގަކަށް އެތުލެޓިކޯ މެޑްރިޑްގެ ޑިއެގޯ ކޮސްޓާ ގެންނާނެ ކަމަށާއި އޭނާ އައުމުން ޗެލްސީން ޓޮރޭސް ދޫކޮށްލާނެ ކަމަށެވެ. ނަމަވެސް ޗެލްސީގައި އަދިވެސް ޓޮރޭސްގެ ދައުރު ބޮޑު ކަމުގައި މޮރީނިއޯ ދެކެ އެވެ.

"އަހަރެން ކުރިއަށް އޮތް ސީޒަނަށް ރާވާފައިވާ ރޭވުންތަކުގެ ތެރޭގައި ޓޮރޭސް ހިމެނޭ،" މޮރީނިއޯ ބުންޏެވެ. "އޭނާ އަކީ މޮޅު ކުޅުންތެރިއެއް. އޭނާ އަކީ ހަމައެކަނި އެހެން ކުޅުންތެރިއެއް ގޯލުގެ ކައިރިން ބޯޅައެއް ދިނުމުން ލަނޑު ޖަހާ ކުޅުންތެރިއެއް ނޫން. އާނާ އަކީ ބުރަ މަސައްކަތެއް ކުރާ، ޓީމެއްގެ ގޮތުގައި ކުޅޭ ކުޅުންތެރިއެއް،"

ލިވަޕޫލް އަށް ކުޅުމަށްފަހު، 2011 ވަނަ އަހަރުގެ ޖެނުއަރީ މަހު 50 މިލިއަން ޕައުންޑަށް ޗެލްސީއާ ގުޅުނު ފަހުން ޓޮރޭސް އަށް މޮޅު ކުޅުމެއް ދެއްކިފައެއް ނުވެ އެވެ. ކުރިން އެތުލެޓިކޯ މެޑްރިޑުން ވިދާލި ޓޮރޭސް، ޗެލްސީއަށް ކުޅުނު 172 މެޗުން ކާމިޔާބުކުރެވުނީ 46 ލަނޑެވެ.