މޯލްޑިވްސް އޮލިމްޕިކް ކޮމިޓީން ފުރަތަމަ ފަހަރަށް ކަނޑައެޅި ރާއްޖެ ކުޅިވަރު އެމްބެސެޑަރަކަށް ގައުމީ ފުޓްބޯޅަ ޓީމުގެ ކެޕްޓަން އަލީ އަޝްފާގް (ދަގަނޑޭ) ހަމަޖައްސައި، އޭނާ އަށް މަގާމްގެ ފިލާ އަރުވައިފި އެވެ.

ގައުމީ ކެޕްޓަން ދަނގަޑޭއަށް އެމަގާމް ރަސްމީކޮށް ހަވާލުކޮށްދެއްވީ ޓްރޭޑާސް ހޮޓަލުގައި މިއަދު ބޭއްވި އޮލިމްޕިކް ކޮމިޓީގެ އަހަރީ އާންމު ޖަލްސާގެ ކުރިންއޮތް، ކުޑަ ރަސްމިއްޔާތެއްގައި އެ ކޮމިޓީގެ ރައީސް މުހައްމަދު ޝަވީދެވެ.

ސަންއަށް ދެއްވި ކުރު އިންޓަވިއުގައި ގައުމީ ޓީމްގެ ކެޕްޓަން ދަނގަޑޭ ބުނީ، ފުރަތަމަ ފަހަރަށް ރާއްޖޭގެ ކުޅިވަރު އެމްބެސެޑަރަކަށް އޮލިމްޕިކް ކޮމެޓީގެ ފަރާތުން ހަމަޖެއްސުމުން އެއިދާރާގެ އެންމެހާ ވެރިންނަށް ޝުކުރު ދަންނަވާ ކަމަށާއި މިލިބުނު މަގާމަކީ ވަރަށް ޝަރަފްވެރި މަގާމެއް ކަމަށެވެ. އަދި މަގާމުގެ މައްސޫލިއްޔަތު އެންމެ ހެޔޮގޮތުގައި ހިފާނެ ކަމަށް އޭނާ ވިދާޅުވި އެވެ. ކުރިއަށް އޮތްތާގައި ރާއްޖޭގައި ކުޅިވަރު ދިރުވާ އާލާކުރުމަށް ކުޅިވަރުގެ ހުރިހާ އެސޯސިއޭޝަންތަކާ ގުޅިގެން މަސައްކަތް ކޮށްދެއްވާނެ ކަމަށް ވެސް ދަނގަޑޭ ބުންޏެވެ.

"މިއީ ލިބުނު ވަރަށްބޮޑު ކާމިޔާބީއަކާއި ޝަރަފެއް. ކުރިއަށް އޮތް ދުވަސްތަކުގައި ރާއްޖޭގައި ކުޅިވަރު ދިރުވާ އާލާކުރުމަށް ސަރުކާރާއި ކުޅިވަރު އެސޯސިއޭޝަންތަކާ ގުޅިގެން މަސައްކަތް ކޮށްދޭނަން. ލިބުނު ކާމިޔާބީއާކު އޮލިމްޕިކް ކޮމެޓީގެ އެންމެހާ ވެރިންނަށް ޝުކުރު އަދާކުރަން. މިމަގާމް ލިބުމުން ވަރަށް އުފާވެއްޖެ" ދަނގަޑޭ ބުންޏެވެ.

ރާއްޖެ ކުޅިވަރު އެމްބެސެޑަރަކަށް ގައުމީ ފުޓްބޯޅަ ޓީމުގެ ކެޕްޓަން އަލީ އަޝްފާގް (ދަގަނޑޭ) އޮލިމްޕިކް ކޮމެޓީން ހަމަޖެއްސުމާއި ގުޅިގެން ސަންއަށް ދެއްވި އިންޓަވިއުގައި ކުޅިވަރާ ބެހޭ ވަޒީރު މުހައްމަދު މަލީހް ޖަމާލް ވިދާޅުވީ، އަޝްފާގަށް އެމަގާމު ލިބުމުން އޭނާއަށް މަރުހަބާ ކިޔާކަމަށާއި ކުރިއަށް އޮތްތާގައި އެފަދަ އިތުރު މަގާމްތަކަށް ރާއްޖޭގެ ކުޅިވަރުގެ ދާއިރާއިން ރީތި ނަން ހޯދައިފަވާ ކުޅުންތެރިނަށް ފުރުސަތު އޮންނާނެ ކަމަށެވެ.

ގައުމީ ކެޕްޓަން ދަގަނޑޭގެ ރާއްޖޭގެ ކުޅިވަރުގެ އެމްބެސެޑަރަކަށް ވުމުން ، އޭނަގެ ޒިންމާއަކަށް ވެފައިވަނީ ރާއްޖެއާއި ރާއްޖެއިން ބޭރުގެ ކުޅިވަރު ދަނަޑުގައި ރާއްޖެއަށް ކާމިޔާބީ ހޯދާދިންުން ކަމަށާއި ރާއްޖޭގެ ކުޑަކުދިންނާއި ޒުވާނުންގެ މެދުގައި ކުޅިވަރުގެ ރޫހު ކުރިއެރުވުމަށް މަސައްކަތް ކޮށްދިނުމެވެ.