މޯލްޑިވްސް އެއާޕޯޓްސް ކޮންޕެނީ ލިމިޓެޑް (އެމްއޭސީއެލް) ގެ ކުރީގެ ޗެއާމަން މއ. ބަންދުގޭ އިބްރާހީމް ސަލީމްގެ މައްޗަށް އެ ކުންފުނިން ކުރި ދައުވާ ކުރިއަށް ގެންދެވޭނެ ކަމަށް ސިވިލް ކޯޓުން ކަނޑައަޅައިފި އެވެ.

ސިވިލް ކޯޓުން އެގޮތަށް ކަނޑައަޅާފައި ވަނީ އެމްއޭސީއެލް އިން ބަންދު ސަލީމްގެ މައްޗަށް ދައުވާކުރުމުން، އެ ދައުވާ އޭނާގެ މައްޗަށް ނުކުރެވޭނެ ކަމަށް ކަނޑައަޅައިދިނުމަށް ސަލީމް ނެންގެވި އިޖުރާއީ ނުކުތާއާ ގުޅިގެންނެވެ.

އެމްއޭސީއެލް އިން ސަލީމްގެ މައްޗަށް ދައުވާ ކުރީ ޖީއެމްއާރުން އެމްއޭސީއެލް އަށް ދައްކަން ޖެހޭ ފައިސާގެ ތެރެއިން އެއާޕޯޓް ޑިވެލޮޕްމަންޓް ޗާޖް (އޭޑީސީ) އާއި އިންޝުއަރެންސް ފީގެ ގޮތުގައި 27 ޑޮލަރު އުނިކުރަން ހުއްދަދެއްވި ސިޓީގައި ބަންދު އިބްރާހީމް ސަލީމް ސޮއިކުރައްވާފައިވާތީ، އެކަމުގެ ޒިންމާ ފަރުދީގޮތުން އޭނާ ނަގަންޖެހޭނެ ކަމަށް ބުނެއެވެ.

ސިވިލް ކޯޓުގެ ނިންމުމުގައި ބުނެފައި ވަނީ އެ ދައުވާ އަކީ ބަންދު އިބްރާހީމް ސަލީމް އެމްއޭސީއެލްގެ ޗެއާމަން ކަމުގެ މަގާމުގައި ހުރެ ކުރި ކަމަކާ ގުޅިގެން ކޮށްފައިވާ ދައުވާއަކަށްވީއިރު، ކުންފުންޏެއްގެ ޑިރެކްޓަރެއްގެ މައްޗަށް ދައުވާ ނުކުރެވޭނެ ކަމަށް ކުންފުންޏާ ބެހޭ ގަނޫނުގައި ބުނެފައިނުވާ ކަމަށެވެ.

".... މައްސަލައިގައި ފައިސަލާ ކުރެވޭހިނދު، ހުށަހަޅާފައިވާ އިޖުރާއީ ނުކުތާގެ އެއްވަނަ ނަންބަރަށް ރިއާޔަތް ކުރެވޭނެތީ، މި ދައުވާ މިގޮތަށް ކުރިއަށް ގެންދެވޭނެ ކަމަށް ކަނޑައަޅައިފީމެވެ،" ސިވިލް ކޯޓުގެ ހުކުމްގައި ބުނެފައި ވެއެވެ.