ރާއްޖޭގެ އެކި ހިސާބުތަކުގައި މަސްވެރިކަން ކުރިއެކޭ އެއްގޮތަށް އާދައިގެ މިންވަރެއްގައި ހިފެހެއްޓިފައި ހުރި ނަމަވެސް މަހުގެ ބާވަތްތަކުގެ އަގު މައްޗަށް ޖެހިލައިފި އެވެ.

މާލޭ ބާޒާރުގައި ލިބެން ހުރި މަހުގެ އަގުތަކަށް ބަލާ އިރު، ބަދިގެ ތަކުގައި އެންމެ ގިނައިން ބޭނުންކުރާ ކަންނެލީގެ އަގު މިއަދު ވަނީ، މީގެ ހަފްތާއެއްގެ ކުރިއާ އަޅާ ބަލާއިރު ގާތްކަނޑަކަށް ކިލޯ އަކުން ފަސްރުފިޔާ މައްޗަށް ޖެހިލައިފަ އެވެ. އެގޮތުން ކުރިން 40 ރުފިޔާ އަށް ލިބުނު ބޮޑު ކަންނެލި ކިލޯއެއް މިއަދު ބާޒާރުން ލިބެން ހުރީ ކިލޯއެއް 45 ރުފިޔާ އަށެވެ. އަދި ކުދި ކަންނެލީގެ އަގު 130 ރުފިޔާ އާއި 150 ރުފިޔާއާ ދެމެދުގައި ހުރި އިރު ބުރިކޮށްފައި ހުރި ކަންނެލީގެ އަގުއުޅެނީ 75 ރުފިޔާ އަށް ކިލޯއެކެވެ.

ބާޒާރުގައި ކަނޑުމަހުގެ އަގަށް ބަލާ އިރު، ގާތްގަނޑަކަށް ފޫޓަކަށް ވުރެ ބޮޑު މަހެއް ލިބެނީ 250 ރުފިޔާ އަށެވެ. ރާގޮނޑީގެ އަގު 10 ރުފިޔާ އާއި 5 ރުފިޔާ އާ ދެމެދުގައި ހުރި އިރު ލައްޓިއެއްގެ އަގު އުޅެނީ 30 ރުފިޔާ އަށެވެ.

ފަރުމަހުގެ ބާވަތްތަކަށް ބަލާ އިރު ފަރުމަސް ބާޒާރުން ފެންނަ މިންވަރު ކުރިއާ އަޅާބަލާ އިރު މަދެވެ. އެގޮތުން ރަތްމަހެއްގެ އަގު 80 ރުފިޔާ އާއި 100 ރުފިޔާ އާ ދެމެދު ހުރި އިރު އާދައިގެ މުޑަހަންޖެއްގެ އަގު އުޅެނީ، 60 ރުފިޔާ އަށެވެ. އަދި ބޯވައިގެ އަގުތައް ހުރީ 150 ރުފިޔާ އާއި 100 ރުފިޔާ އާ ދެމެދުގަ އެވެ.

މާރުކޭޓުގައި މަސްވިއްކަން ތިބި ބައެއް މަސްވެރިން ބުނާ ގޮތުން މަސްވެރިކަން ވަނީ އާދައިގެ ވަރެއްގައި ހިފެހެއްޓިފަ އެވެ.