އުތުރުކޮރެޔާއަކީ ނިއުކްލިޔާ ބާރެއް ކަމަށާއި އަހަރު މަދުވެގެން ނިއުކްލިޔާ އެއްބޮން އުފެއްދުމުގެ ޤާބިލްކަން އުތުރު ކޮރެޔާގެ ކިބައިގައި އެބަހުރި ކަމަށް އެމެރިކާގެ ކުރީގެ ދިފާއީ ވަޒީރެއް ކަމަށްވާ ވިލިޔަމް ޕެރީ ވިދާޅުވެއްޖެ އެވެ. ޖަޕާނުގެ ނޫހަކަށް ދެއްވި ބަސްދީގަތުމެއްގައި ޕެރީ ވިދާޅުވީ އެމެރިކާ މިހާރު ކުރާ މަސައްކަތުން އުތުރު ކޮރެޔާގެ ޢަސްކަރީ ނިއުކްލިޔާ ޕްރޮގްރާމް ހުއްޓުވޭނެ ކަމަށް ޤަބޫލުނުކުރައްވާކަމުގަ އެވެ. އުތުރުކޮރެޔާގެ ޢަސްކަރީ ނިއުކްލިޔާ ޕްރޮގްރާމް ހުއްޓުވުމަށްޓަކައި އެމެރިކާ ބުރަ މަސައްކަތްތަކެއްކޮށް އަދި އުތުރު ކޮރެޔާއަށް ހަމައެކަނި ބިރުދެއްކުމުގެ ބަދަލުގައި އިންޓެންސިވް ދިނުންވެސް މުހިއްމު ކަމަށް ޕެރީ ވިދާޅުވިއެވެ.


އުތުރު ކޮރެޔާވަނީ ލައިޓްވޯޓާ ނިއުކްލިޔާ ރިއެކްޓަރެއް ދާދިފަހުން ބިނާކޮށް އެއީ އެޤައުމުގެ މަދަނީ ނިއުކްލިޔާ ޕްރޮގްރާމްގެ ބައެއްކަން ހާމަކޮށްފަ އެވެ. އުތުރުކޮރެޔާއިން ލައިޓްވޯޓާ ނިއުކްލިޔާ ޓެކްނޮލޮޖީ ޙާސިލްކުރުމަކީ ނިއުކްލިޔާ ސައެންސްގައި އެޤައުމު ކުރިޔަށް ގޮސްފައިވާ މިންވަރު ހާމަކޮށްދޭކަމެއް ކަމަށް ތަޖްރިބާކާރުން ދެކެއެވެ. ޕެރީއަކީ ބިލްކްލިންޓަންގެ ދައުރުގައި އެމެރިކާގެ ދިފާއީ ވަޒީރުކަން ކުރެއްވި ބޭފުޅެކެވެ. އޭނާ ވިދާޅުވީ އުތުރުކޮރެޔާ އަލަށް ބިނާކުރި ނިއުކްލިޔާ ރިއެކްޓަރާބެހޭ މަޢްލޫމާތު އެމެރިކާއަށް ލިބިފައިވާ ކަމުގައެވެ.


އަދި މި ރިއެކްޓަރަކީވެސް ނިއުކްލިޔަރ ހަތިޔާރު އުފެއްދުމުގައި އުތުރުކޮރެޔާއަށް ބޭނުންކުރެވޭނެ ތަނެއްކަމަށް ޕެރީ ވިދާޅުވިއެވެ. އުތުރުކޮރެޔާ މިހާރުވެސް ގެންދަނީ ނިއުކްލިޔާ ތަޖްރިބާއަކަށް ތައްޔާރުވަމުންކަމަށް ޚަބަރުތައް ބުނެއެވެ. އަދި އެޤައުމުގައި މަދުވެގެން ދިހަވަރަކަށް ނިއުކްލިޔަރ ބޮން އެބަހުރި ކަމަށްވެސް ހުޅަނގާއި ދެކުނު ކޮރެޔާގެ ޖާސޫސީ ފަރާތްތަކުން ބުނެއެވެ.