މާލޭގެ ބާޒާރުގައި ފިޔައާއި އަލުތްވާއި އަދި ބިހުގެ އަގު އުފުލިއްޖެ އެވެ.

މިއަދު މާލޭ ބާޒާރުގެ އަގުތަކަށް ބަލާ އިރު 25 ކިލޯގެ ފިޔާ، ބަސްތާއެއް 45 ރުފިޔާ އަށް އަދި ބަސްތާއެއް ވިއްކަނީ 450 ރުފިޔާ އަށެވެ.

މީގެ ހަފްތާއެއްހާ ދުވަސް ކުރިން ފިޔާބަސްތާއެއް ވިއްކާފައި ވަނީ 250 ރުފިޔާ އާއި 300 ރުފިޔާ އާ ދޭތެރޭ އަގުތަކެއްގަ އެވެ.

ބާޒާރު މަތީގައި ވިޔަފާރި ކުރާ ބައެއް ވިޔަފާރިވެރިން ބުނީ ފިޔާގެ އަގު ބޮޑުވެފައި ވަނީ ބާޒާރުގައި ފިޔައި ލިބެން ނެތުމުން ކަމަށެވެ. އަދި ގިނަ ފިހާރަތަކުން ފިޔާ ބަސްތާ ވިއްކަން ނުހުންނަކަން ފާހަގަވެ އެވެ. ބައެއް ވިޔަފާރިވެރިން ބުނީ މިއަދު ނުވަތަ މާދަމާގެ ވަގުތެއްގައި ރާއްޖެ އިން ބޭރުން ފިޔާ ގެނެސް ބާޒާރަށް ވިއްކަން ނެރެވޭނެ ކަމަށެވެ.

ބާޒާރުގައި ކުރިން 10 ރުފިޔާ އަށް ކިލޯ ވިއްކަން ހުރި އަލުވި ކިލޯއެއްގެ އަގު ވަނީ 40 ރުފިޔާ އަރައިފަ އެވެ. އަދި އަލުވި ބަސްތާއެއް މިއަދު ވިއްކަން ހުރީ 470 ރުފިޔާ އާއި 500 ރުފިޔާއާ ދޭތެރޭ އަގުތަކެއްގަ އެވެ.

މީގެ ކުރިން އަލުވި ބަސްތާއެއް ވިއްކާފައި ވަނީ 190 ރުފިޔާ އަށެވެ.

ބާޒާރުގައި ބިސް ކޭހެއް ކުރިން 280 ރުފިޔާ އަށް ވިއްކި އިރު މިހާރު ބިސް ކޭހެއް ވިއްކަނީ 400 ރުފިޔާ އަށެވެ. ވަކިން ބިހެއް ވިއްކަނީ 2.50 ރުފިޔާ އަށެވެ.

ބާޒާރުގައި އިނގުރު ކިލޯއެއްގެ އަގު 100 ރުފިޔާ އަށް އަރާފައިވާ އިރު ކެރެޓް ކިލޯއެއްގެ އަގު ހުރީ 20 ރުފިޔާ އަށެވެ. އަދި ކެބެޖް ކިލޯއެއްގެ އަގު ހުރީ 40 ރުފިޔާ އާއި 45 ރުފިޔާއާ ދޭތެރޭގެ އަގުތަކެއްގަ އެވެ.

ފިޔައި އަލުވި އަދި ބިހުގެ އަގުތައް ބާޒާރުގައި ބޮޑުވެފައިވާ އިރު އެސްޓީއޯ އިން ބުނެފައި ވަނީ އެ ބާވަތްތައް އެސްޓީއޯ އިން އެތެރެކޮށް އަގު ހެޔޮ ކުރާނެ ކަމަށެވެ.