ރާއްޖޭގައި އެންމެ ފުރަތަމަ ހުޅުވި މަތީ ތައުލީމުދޭ ސެންޓަރު، ސެންޓަރު ފޯ ހަޔާ ސެކަންޑަރީ އެޑިއުކޭޝަން (ސީއެޗްއެސްއީ) އަށް މި އަހަރު އަލަށް ގުޅުނު 566 ދަރިވަރުންނާ އެކު އެ ސްކޫލުގެ ކިޔެވުން އިއްޔެ ފަށައިފި އެވެ.

ސީއެޗްއެސްސީގެ ކިޔެވުން އިއްޔެ ފަށާފައިވާ އިރު، އަލަށް އެ ސްކޫލާ ގުޅުނު ކުދިންނަށް މިދިޔަ ހަފްތާ އިން ފެށިގެން އަންނަނީ ލައިފް ސްކިލް ޕްރޮގްރާމްތަކެއް ހިންގަމުންނެވެ. އަދި އެ ސެޝަންތައް އަންނަ އާދީއްތަ ދުވަހުގެ ނިޔަލަށް ކުރިއަށްދާނެ ކަމަށް އެ ސްކޫލުން ބުންޏެވެ.

ސީއެޗްއެސްއީ އިން ބުނީ، މި އަހަރު ސީއެޗްއެސްއީ އަލަށް ވަނުމަށް ފޯމް ހުށަހެޅި ދަރިވަރުންގެ ތެރެއިން 982 ދަރިވަރަކު ޝަރުތު ހަމަވި ނަމަވެސް، ސްކޫލްގެ ޖާގަ އޮތް މިންވަރުން ދަރިވަރުންގެ މާކްސް އަށް ބެލުމަށް ފަހު، ޖާގަ ދީފައި ވަނީ 566 ދަރިވަރަކަށް ކަމަށެވެ.

އޭގެ ތެރޭގައި ހިމެނެނީ، 314 އަންހެން ދަރިވަރުންނާއި 252 ފިރިހެން ދަރިވަރުންނެވެ. އަތޮޅުތަކުގެ ސްކޫލްތަކުން ސާނަވީ އިމްތިހާނު ނިންމި 169 ދަރިވަރަކު މި އަހަރު އަލަށް ސީއެޗްއެސްއީއާ ވަނީ ގުޅިފަ އެވެ.

ސީއެޗްއެސްސީ އަކީ ޖީސީއީ އޭ ލެވެލް އިމްތިހާނަށް ދަރިވަރުން ތައްޔާރުކުރުމަށް ޓަކައި ސަރުކާރުން 1979 ވަނަ އަހަރު ހުޅުވި މަތީ ތައުލީމްދޭ ފުރަތަމަ ސްކޫލެވެ.