ތެހެރާން (މޭ 12) : އީރާނުން އެގައުމުގެ މިސައިލް ޕްރޮގްރާމް މަޑުޖައްސާލާފާނެ ކަމަށް ހުޅަނގުން ހީކުރުމަކީ މޮޔަ ކަމެއް ކަމަށް އެގައުމުގެ ދީނީ މުރްޝިދު އާޔަތުﷲ އަލީ ޚަމަނާއި ވިދާޅުވެއްޖެ އެވެ.

ޚަމަނާއި އާ ޙަވާލާދީ އީރާނުގެ ރަސްމީ ނޫސްއެޖެންސީ ބުނީ ހުޅަނގުން އީރާނަށް ޢަސްކަރީ ގޮތުން ބިރު ދައްކަމުން ގެންދާއިރު އީރާނުގެ މިސައިލް ޕްރޮގްރާމް މަޑުޖައްސާލަފާނެ ކަމަށް ހީކުރުމަކީ ބޮޑު މޮޔަކަމެއް ކަމުގަ އެވެ. އަދި ހުޅަނގުގެ ގައުމުތަކުން ވެސް އެގައުމުތަކަށް ބޭނުންވާ ހަތިޔާރު ތަރައްގީ ކުރަމުން ގެންދާ އިރު އީރާނުން ވެސް އެގައުމުގެ މިސައިލް ޕްރޮގްރާމް ތަރައްގީ ކުރުމަށް ކުރެވެންއޮތްހާ މަސައްކަތެއް ކުރަމުން ގެންދާނެކަން ހުޅަނގުން ގަބޫލުކުރަން ޖެހޭނެ ކަމަށް ޚަމަނާއި ވިދާޅުވި އެވެ.

އީރާނުގެ ރިވެލިއުޝަނަރީ ގާޑުންގެ ލަޝްކަރުތަކުން އިންތިޒާމުކުރި އޭވިއޭޝަނާބެހޭ މައުރަޒަކަށް ޒިޔާރަތް ކުރައްވައި ދެއްވި ބަޔާނެއްގައި ޚަމަނާއި ވިދާޅުވީ އީރާނުގެ ނިއުކްލިޔާ މައްސަލައާ ބެހޭ ގޮތުން ހުޅަނގުގެ ބާރުތަކާ އީރާނާ ދެމެދު ކުރިޔަށްދާ ވާހަކަތަކަކީ އީރާނުގެ މިސައިލް ޕްރޮގްރާމާ އެއްވެސް ގުޅުމެއް ހުރި ވާހަކަތަކެއް ނޫންކަމުގަ އެވެ. ނިއުކްލިޔާ ވާހަކަތަކުގެ ތެރެއަށް އީރާނުގެ މިސައިލް ޕްރޮގްރާމް ވެއްދިދާނެ ކަމަށް ހުޅަނގުން ލަފާކުރާ ކުރާ ނަމަ އެއީ މޮޔަކަމެއް ކަމަށާ އެކަން އެގޮތަށްވުމުގެ ކުޑަވެސް ފުރްސަތެއް އީރާނުން ނުދޭނެ ކަމަށް ޚަމަނާއި ވިދާޅުވި އެވެ. ޚަމަނާއިގެ ވާހަކާގައި އީރާނުގެ މިސައިލް ޕްރޮގްރާމް އިތުރަށް ތަރައްގީކުރުމަށާ އެކި ރޭންޖްތަކުގެ މިސައިލްތައް ގިނައިން އުފެއްދުމަށް އެގައުމުގެ ޢަސްކަރީ އިންޑަސްޓްރީގެ އިސްފަރާތްތަކަށް ގޮވާލެއްވި އެވެ.

ޚަމަނާއި މިމޭރުމުން ވާހަކަ ދައްކަވާފައި މިވަނީ އީރާނާއި ހުޅަނގުން ޖެނީވާގައި ކުރިޔަށްގެންދާ އީރާނުގެ ނިއުކްލިޔާ ވާހަކަތަކުގައި އެގައުމުގެ މިސައިލް ޕްރޮގްރާމް ކޮންޓްރޯލް ކުރުމުގެ ވާހަކަތައް ވެސް ހިމެނުމަށް އެމެރިކާއާއި ވިލާތުގެ ތިންބާރުން ބޭނުންވާ ކަމުގެ ޚަބަރުތަކެއް ފެންމަތިވުމާ ގުޅިގެންނެވެ. ނަމަވެސް މިކަމާބެހޭ ގޮތުން އެމެރިކާ ވެސް އަދި ވިލާތުގެ ތިންބާރު ކަމަށްވާ ފަރަންސޭސިވިލާތާއި އިނގިރޭސިވިލާތާ އަދި ޖަރުމަނުވިލާތުން ވެސް ފާޅުގައި އެއްވެސް ވާހަކައެއް ދައްކާފައެއްނުވެ އެވެ.

ޖެނީވާގައި ކުރިޔަށްގެންދާ އީރާނުގެ ނިއުކްލިޔާ ވާހަކަތަކުގައި އެގައުމުގެ މިސައިލް ޕްރޮގްރާމުގެ މައްސަލަ ހިމަނަން ހުޅަނގުން މަސައްކަތް ކޮށްފި ނަމަ އެވާހަކަތައް ރޫޅިގެން ހިނގައިދާނެކަން ހުޅަނގަށް ވެސް ގަބޫލުކުރެވޭ ކަމަށް ރިޕޯޓްތައްބުނެ އެވެ. ހުޅަނގުން އަދި ވެސް ގެންގުޅެނީ ފިއްތުންތައް ކުރިމަތިކޮށްގެންނާއި ބިރު ދައްކައިގެންވިޔަސް ހުޅަނގުގެ ފިކުރާއި ފަލްސަފާތައް އެހެން ގައުމުތަކަށް އެކްސްޕޯޓްކުރުމުގެ ވިސްނުން ކަމަށާ މިއީ ފިނި ހަނގުރާމައިގެ ދުވަސްވަރުގެ ބޯދާ ވިސްނުމެއް ކަމަށް އީރާނުގައި ޝާއިޢުކޮށްފައިވާ މީޑިޔާ ރިޕޯޓްތައް ބުނެ އެވެ.

މީގެ އިތުރުން އިސްލާމީ ގައުމުތަކުން ނިއުކްލިޔާ ޓެކްނޮލޮޖީއާއި މިސައިލް ޓެކްނޮލޮޖީއާއި ފަޒާގެ ޓެކްނޮލޮޖީ ފަދަ ޒަމާނީ ޢިލްމުތަކުގެ ޓެކްނޮލޮޖީ ތަރައްގީ ކުރިޔަނުދިނުމަށް ހުޅަނގަށް ކުރެވެންއޮތް ހުރިހާ ކަމެއް ކުރަމުން ގެންދާއިރު އިސްލާމީ ގައުމުތަކަށް ބިރުދެއްކުމަށާ އިސްލާމީ ގައުމުތަކާ ދިމާކުރުމަށް ހުޅަނގުންނާއި އިސްރާއީލުން މިފަދަ ހުރިހާ ޓެކްނޮލޮޖީއެއް ބާރުމިނުގައި ތަރައްގީ ކުރަމުން ގެންދާ ކަމަށް ވިދާޅުވެ އީރާނުގެ ރިވޮލިއުޝަނަރީ ގާޑުންގެ ކޮމާންޑަރު ދާދިފަހުންވަނީ ވާހަކަ ދައްކަވާފަ އެވެ.

އީރާނުގެ މިސައިލް ޕްރޮގްރާމަކީ މެދުއިރުމަތީގައި ކުރިޔަށްގެންދާ އެންމެ ކާމިޔާބު އަދި ޓެކްނޮލޮޖީގެ ގޮތުން އެންމެ ބޮޑަށް ކުރިއަރާފައިވާ އެއްޕްރޮގްރާމް ކަމަށް ކާމާބެހޭ ފަންނީ ދިރާސާތައްބުނެ އެވެ. އީރާނުގެ އިތުރުން އިސްރާއީލުން ވެސް ޓެކްނޮލޮޖީގެ ގޮތުން މަތީފެންވަރުގެ މިސައިލް ޕްރޮގްރާމާއި ނިއުކްލިޔާ ހަތިޔާރުގެ ޕްރޮގްރާމްތައް ތަރައްގީ ކުރިޔަށްގެންދާ އިރު އިސްރާއީލަކީ ފަލަސްތީނުގެ ބިންތައް ގަދަބާރުން ހިފައިގެން ފަލަސްތީނުގެ ބިމަށް ވެރިވެގަނެގެން އުޅޭ އިސްތިއުމާރީ ބާރެކެވެ.

މީގެ އިތުރުން އިސްރާއީލަކީ އީރާނަށް އަސްކަރީ ގޮތުން ޙަމަލާތައްދޭނެ ކަމުގެ އިންޒާރުތައް ވެސް ދެމުން ގެންދާ ހަރުކަށި ގައުމެއްވެސްމެ އެވެ. އީރާނުގެ ނިއުކްލިޔާ ޕްރޮގްރާމާއި މިސައިލް ޕްރޮގްރާމާ މެދު ހުޅަނގުން ކަންބޮޑުވަނީ މިދެޕްރޮގްރާމުގެ ސަބަބުން އިސްރާއީލާ ތިލަފަތް ހަމަވާވަރުގެ ޢަސްކަރީ ބާރަކަށް އީރާން ވެގެން ހިނގައިދާނެތީ ކަމަށް މުޙައްލިލުން ދެކެ އެވެ.
ނިއުކްލިޔާ މައްސަލާގައި ހުޅަނގާ އެކު ވާހަކަ ދެއްކި ނަމަވެސް އީރާނުން ވަނީ އެގައުމުގެ ނިއުކްލިޔާ އެއްވެސް ހައްގެއް ދުކޮށްނުލާނެ ކަމަށް ބުނެފަ އެވެ. އަދި ނިއުކްލިޔާ މައްސަލާގައި ހުޅަނގާއެކު ވާހަކަ ދެއްކުމުގެ ބޭނުމަކީ އީރާނުގެ ނިއުކްލިޔާ ޕްރޮގްރާމަކީ ސުލްޙަވެރި މަދަނީ ޕްރޮގްރާމެއްކަން ހުޅަނގަށް ކަށަވަރުކޮށްދިނުން ކަމަށާ ނިއުކްލިޔާ ޕްރޮގްރާމު ވެސް ކުޑަކޮށް ވެސް މަޑުޖައްސާނުލާނެ ކަމަށް އީރާނުން ބުނެ އެވެ. (ނޫސްއެޖެންސީތައް)