ޑައިޓް ކެއުންތައް ވިއްކާ ހާއްސަ ކެފޭއެއް މާލޭގައި ހުޅުވައިފި އެވެ.

ރަށްދެބައިމަގުގައި ހުންނަ ބޮޑުފެންވަޅުގޭ ތިރީގައި އިއްޔެ ހުޅުވި "ނޭޗާސް ކޯނާ" ކެފޭއިން ލިބެން ހުންނަނީ މުޅިން ވެސް ޑައިޓް ކެއުންތަކެވެ.

ނޭޗާސް ކޯނާގެ އިސް އޮފިޝަލަކު ސަން އަށް ވިދާޅުވީ އެކެފޭ އިން މުޅިން ވެސް ވިއްކާނީ ހަށިގަނޑަށް ފައިދާ ހުރި ޑައިޓް ކެއުންތައް ކަމަށެވެ.

"އަޅުގަނޑުމެން މުޅިން ވެސް މިވިއްކަނީ ހަށިގަނޑަށް ފައިދާ ހުރި ކާނާ، މި ކެފޭއިން ވިއްކާ ހުރިހާ ކާނާއެއް ވެސް ތައްޔާރުކުރެވިފައި ހުންނާނީ ސިއްހަތު ރަނގަޅު އަދި ފަލަވުމުން ދުރުކޮށްދޭ ކާނާގެ ބާވަތްތައް ހިމަނައިގެން." އޮފިޝަލް ވިދާޅުވި އެވެ.

އެކެފޭ ތައްޔާރު ކޮށްފައި ވަނީ މާލޭގެ ގިނަ އެހެން ކެފޭތައް ފަދައިން އެކުވެރިންނާއި ގޮސް ކެއިންބުއިމުގެ ހިދުމަތް ބޭނުން ކުރެވެ ގޮތަށެވެ. އެކެފޭއިން ހަށިގަނޑަށް ފައިދާކުރާ ފަދަ އެކި ވައްތަރު ތަކުގެ ބުއިންތަކާއި ކެއުންތައް ލިބޭގޮތަށެވެ.

ނޭޗާސް ކޯނާގެ އޮފިޝަލް ވިދާޅުވީ އެތަނުން ވިއްކާ ހުރިހާ ބާވަތްތަކަކީ ވެސް ހެޔޮ އަގުގައި ލިބޭނެ ތަކެތި ކަމަށާއި އެގޮތުން އެންމެ އަގު ބޮޑުކޮށް އެކެފޭއިން ވިއްކާ ތަކެތި ވެސް ވިއްކަނީ 45ރ. އަށް ކަމަށެވެ.

ނޭޗާސް ކޯނާ އިން ކެފޭއެއްގެ ހިދުމަތް ފަށާފައިވާ އިރު އެކުންފުނިން ދަނީ ޑައިޓްފުޑް ގޭގެއަށް ފޮނުވައިދިނުމުގެ ހިދުމަތް ވެސް ދެމުންނެވެ.

ނޭޗާސް ކޯނާގެ މައިގަނޑު އަމާޒަކީ އެތަނުން ހިދުމަތް ހޯދާ ކަސްޓަމަރުންނަކީ ހަށިގަނޑަށް ފައިދާ ކުރާ ކާނާ ގަޑިންގަޑިޔަށް ކާ ބަޔަކަށް ހެދުމެވެ. އަދި އެކާނާ އަކީ ސާފުތާހިރު ކާނާ ކަމުގައި ވުމަށް ވެސް ބޮޑު އިސްކަމެއްދެ އެވެ.