12 May 2014, 09:08
އެއީ މީގެ ހަ އަހަރު ކުރި އެވެ. ސިޔާސީ ބައިބައިވުންތަކުގައި ގައުމު ބައިބައިވެފައި އޮތް ދަނޑުވަޅެކެވެ. އެ ދުވަހު ހާލަތު ނިޔާ ކުރީ ގައުމު އެދުނު ގޮތަށެވެ. ރަތް ކުލައިން ގައުމު ޖަރީކުރި ސާފު ޗެމްޕިއަންޝިޕުން ގައުމު އެއްވާނެއްގައި އެކަތިގަނޑަކަށް އެ ދުވަހު ވި އެވެ. ގައުމުން ބޭރުގައި ކުޅުނު މެޗުގެ ކާމިޔާބީ، ދިވެހި ފަސްގަނޑުގައި ދިވެހިން ފާހަގަ ކުރީ ވެހުނު ބޯ ވާރޭ ތެރޭގަ އެވެ. ކުދި ބޮޑު އެންމެން، އެ އުފަލުގައި ބައިވެރިވެ، އެ ދުވަހު ގައުމު ހެއްވާލި އެވެ.
އެ ދުވަސް އަނެއްކާވެސް އިޔާދަވާންވީ ވަގުތު ކައިރިވެއްޖެ އެވެ. ކާމިޔާބީގެ "ހަސްމުން" އެއްވާން ވީ ވަގުތު ޖެހިއްޖެ އެވެ. ހަމަނުޖެހުމާއި ދެކޮޅުވެރިކަމުން ދުރުވެ، ގައުމީ ޓީމަށް "އާބަސް ބުނެ" ސަޕޯޓުދޭންވީ ވަގުތު ޖެހިއްޖެ އެވެ.
އަންނަ ހޯމަ ދުވަހު އެ ކަމަށް ތައްޔާރުވާށެވެ. ވެރިރަށް މާލޭގައި އެ ދުވަހު ފަށާ އޭއެފްސީ ޗެލެންޖް ކަޕް ފުޓްބޯޅަ މުބާރާތަކީ ރާއްޖޭގެ ތާރީހުގައި ބާއްވާ އެންމެ ބޮޑު ކުޅިވަރު އީދެވެ. ދިވެހި ފުޓްބޯޅައިގައި އެންމެ ޝަރަފްވެރިއެއް މުބާރާތެވެ. އޭޝިއާގެ ފުޓްބޯޅައިގެ މައި އިދާރާ އިން މި މުބާރާތް މި އަހަރު ރާއްޖޭގައި ބޭއްވުމަށް ފަހު، ދެން އިތުރަށް ކުރިއަށް ނުގެންދާނެ އެވެ. އޭއެފްސީގެ އެގްޒެކެޓިވް ކޮމެޓީން އެގޮތަށް ވަނީ ފާސްކޮށްފަ އެވެ. މުބާރާތުގެ ފަހު ތަށި ދިވެހިންގެ ފަސް ގަނޑުގައި ބަހައްޓަން ލިބޭ މީ ފަހުދަނޑިވަޅެވެ.
ކުރިއަށް އޮތް ހަ ދުވަހަށް ފަހު ފަށާ ޗެލެންޖު ކަޕުގެ ފަހު ތަށި ގައުމުގައި ބެހެއްޓުމށް ކުރެވެން އޮތް ހުރިހާ ކަމެއް ކުރައްވާނެ ކަމަށް އެފްއޭއެމްގެ ރައީސް އިލްހާމް އަހުމަދު ވަނީ ވިދާޅުވެ އެވެ. ގައުމީ ޓީމުގެ އާ ޖާޒީ މިދިޔަ ހުކުރު ދުވަހު އާޓްފިޝަލް ބީޗުގައި ލޯންޗު ކުރި ދުވަހު އިލްހާމް ވިދާޅުވީ ޗެލެންޖު ކަޕަށް ދިވެހި ސަރުކާރުން ފުރިހަމަ އެއްބާރުލުން ލިބެމުންދާ ކަމަށާއި އެކަމުގެ ޝުކުރު ރައީސް އަބްދުﷲ ޔާމީނަށް ހައްގުވާ ކަމަށެވެ.
ސާފު ޗެމްޕިއަންޝީޕްގައި ސަރަހައްދީ ގައުމުތަކަށް ސިއްސުވާލާފައިވާ ޓީމަކަށް ރާއްޖެ ވިޔަސް ޗެލެންޖު ކަޕުގައި ރާއްޖެ އަށް ޗެލެންޖުތަކެއް އެބަހުއްޓެވެ. ނޭޕާލުގައި ބޭއްވި އޭއެފްސީ ޗެލެންޗު ކަޕުގައި ރާއްޖެ ގްރޫޕް ސްޓޭޖުން ކެޓިޔަސް، މިފަހަރު 12 ވަނަ ކުޅުންތެރިޔާގެ ބާރު ގައުމީ ޓީމަށް ލިބޭނެ އެވެ. އެއީ ދިވެހި ފަސްގަނޑުގައި މުބާރާތް ބާއްވާތީ ލިބޭނެ ބާރެކެވެ.
ގައުމީޓީމުގެ ރަމްޒީ "އެއް ނަމްބަރު" ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް އިއްޔެ ވިދާޅުވެފައި ވަނީ، މި ވަގުތު ރާއްޖޭގައި މި އޮތް ގައުމީ ފުޓްބޯޅަ ޓީމަކީ ވަރަށް ފެންވަރު ރަނގަޅު ޓީމެއް ކަމަށާއި މިފަހަރުގެ މުބާރާތުގައި ރާއްޖޭގެ ޓީމުން ރަނގަޅު މޮޅު ކުޅުމެއް ދައްކާނެ ކަމާ މެދު ވަރަށް ބޮޑު އުންމީދެއް އެބައޮތް ކަމަށެވެ. އަދި ވިދާޅުވީ، މިފަހަރުގެ މުބާރާތުން އެއް ވަނަ ހޯދައިގެން އަންނަ އަހަރު އޮސްޓޭލިއާގައި އޮންނަ އޭޝިއަން ކަޕަށް ގައުމީ ޓީމް ދަތުރު ކުރުމަކީ، ގައުމަށް ލިބޭނެ ރީތި ނަމަކާއި ޝަރަފެއް ކަމަށެވެ. އަދި ގައުމީ ޓީމަށް ސަޕޯޓް ކުރުމަށް ރަތް ކުލައިގެ ޖާޒީ ތުރުކުރައްވައިގެން ވަޑައިގަންނަވާނެ ކަމަށް ވެސް މައުމޫން އިއްޔެ ވިދާޅުވި އެވެ.
ގައުމީ ޓީމުގެ ރަމްޒީ "10 ނަމްބަރު" ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ، ދިވެހި ރާއްޖޭގެ ގައުމީ ޓީމް ކުޅޭ މެޗުތައް ބެލުމަށް ވީހާ ވެސް ގިނަ ދިވެހި ސަޕޯޓަރުން ދަނޑަށްވަދެ، ދިވެހި ޓީމަށް ހިތްވަރުދިނުން ވަރަށް މުހިންމު ކަމަށާއި އެކަން ކުރުމަށް އެމަނިކުފާން ވެސް ވަޑައިގަންނަވާނެ ވާހަކަ އެވެ.
ސިޔާސީ ދެ ވާދަވެރިންގެ މެދުން ދައުލަތުގެ ތިން ވަނަ ބާރު ވެސް މިއަދު އޮތީ ގައުމީ ޓީމާއެކުގަ އެވެ. މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދު ވެސް ވިދާޅުވެފައި ވަނީ، ދިވެހި ގައުމީ ޓީމުގެ 12 ވަނަ ކުޅުންތެރިއަކީ ކޮންމެ ދިވެހި ރައްޔިތެއް ކަމަށާއި ދިވެހިންގެ އުއްމީދު މިހާރު ވަނީ ގައުމީ ޓީމާ އެކުގައި ކަމަށެވެ. އަދި އުއްތަމަ ފަނޑިޔާރު އަހުމަދު ފާއިޒް ވިދާޅުވީ ގައުމީ ޓީމުގައި "ހީރޯއިން" އެބަތިބި ކަމަށާއި އެކަން ސަރަހައްދީ ގައުމުތަކަށް އިނގޭނެ ކަމަށެވެ.
"މިފަދަ ބޮޑު މުބާރާތެއް ރާއްޖޭގައި ބޭއްވުމަކީ މުޅި ގައުމަށް ލިބުނު ބޮޑު ޝަރަފެއް. އެގޮތުން މުޅި ޖުޑީޝަރީ އޮތީ ގައުމީ ޓީމާއެކުގަައި. މިވަގުތު ގައުމީ ޓީމަށް ބޭނުންވަނީ ދިވެހިންގެ ސަޕޯޓް. ދިވެހީންގެ ފުރިހަމަ އެއްބާރުލުން،" އުއްތަމަ ފަނޑިޔާރު ވިދާޅުވި އެވެ.
ދައުލަތުގެ ބާރުތައް މިއަދު އޮތީ ގައުމީ ޓީމާއެކުގަ އެވެ. ދައުލަތުގެ ވެރިންގެ ތިބީ ގައުމީ ޓީމަށް ބާރުވެރިކަން ދީގެންނެވެ. އެ ބޭފުޅުންގެ ފަހަތްޕުޅުން ދިވެހި ސަޕޯޓަރުން އެއް ކުލައެއްގައި ނުކުންނަން ތައްޔާރެވެ. ނަތީޖާ ނެރެ ދެއްކައިފި ނަމަ އެ ދުވަސް އަނެއްކާ ވެސް ދިވެހި ސަޕޯޓަރުން އިޔާދަ ކުރާނެ އެވެ.