އޭއެފްސީ ޗެލެންޖް ކަޕުގައި ވާދަކުރާ ލާއޮސް ގައުމީ ފުޓްބޯޅަ ޓީމު އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓަށް މިރޭ އައުމާއެކު، ރާއްޖެއިން އެ ޓީމަށް ކިޔާފައި ވަނީ ހޫނު މަރުހަބާއެކެވެ. އެއީ އެ ޓީމުން އުންމީދު ކުރި ވަރަށް ވުރެ ފުރިހަމަ މެހެމާންދާރީ އެކެވެ. ޗެލެންޖު ކަޕުގައި ވާދަ ކުރާ އަށް ޓީމުގެ ތެރެއިން އެންމެ ފުރަތަމަ ރާއްޖެ އައި ލާއޮސް ޓިމު އެއާޕޯޓުގެ 'އެރައިވަލްސް' ހުށަހަޅައިދިނީ ސަގާފީ ބޮޑުބެރުގެ މަރުހަބާއެކެވެ.

ރާއްޖޭގެ ބޮޑުބެރު ޗެމްޕިއަނުން އަދި ބޮޑުބެރުގެ ރަސްގެފާނު "ހަރުބީ"ގެ ބޮޑުބެރުގެ ހަރާކާތްތައް ލާއޮސް ޓީމަށް ވެގެންދިޔައީ މުޅިން ތަފާތު ކަމަކަށެވެ. ހައިރާންކަމާއެކު ތިބި ޓީމަށް ދެން މަރުހަބާ ކިޔާފައި ވަނީ ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ ބައެއް ވެރިންނާއި ކުޅިވަރުގެ އާއިލާތަކުގެ ބައެއް މީހުންނެވެ.

އޭރު ލާއޮސް ޓީމުގެ ކޮންމެ ކުޅުންތެރިއެއްގެ ވެސް ލޮލަށް އަޅައިގަތް މަންޒަރަކީ އާ މަންޒަރުތަކެއް ކަމުގައިވީ ނަމަވެސް އެ ޓީމު ހުރީ ހިތްހަމަޖެހިފައިކަން އެ މީހުންގެ މޫނުތަކުން އެނގެ އެވެ.

"އަހަރެމެންނަށް ލިބިގެން މިދިޔައީ ބޮޑު ހައިރާންކަމެއް. ރާއްޖެ އާދެވުމުން މިހިރީ ވަރަށް އުފާވެފަ. މިކަހަލަ ހޫނު މަރުހަބާއެއް ކިޔާފާނެ ކަމަކަށް އަހަރެމެން ހިއެއް ނުކުރަން،" 'ސަން' އަށް މައުލޫމާތު ދެމުން ލާއޮސް ޓީމުގެ މެންބަރެއް ބުންޏެވެ.

ބޮޑު މުބާރާތަކަށް ކުރިމަތިލާ އިރު، ކޮންމެ ޓީމެއްގެ ވެސް ދެކެން ބޭނުންވާނެ މަންޒަރަކީ ރަހްމަތްތެރިކަމާއެކު މަރުހަބާ ކިޔާ ތަން ދުށުމެވެ. އަމިއްލަ ގައުމު ދޫކޮށް އެހެން ގައުމުތަކަށް ދާނީ ގިނަ އުފާތަކެއް ވަގުތީ ގޮތުން ދޫކޮށްލުމަށް ފަހު އެވެ. މިއަދު ލާއޮސް ޓީމަށް ލިބިގެންދިޔަ އުފާވެރިކަމުގެ ހައްގުވެރިންނަކީ އެފްއޭއެމެވެ. ލާއޮސް އިން އެކަން ފާހަގަކޮށް އެފްއޭއެމް އަށާއި ދިވެހި ގައުމަށް ޝުކުރު އަދާކުރާނެކަން ކަށަވަރެވެ.

މާލެ ފުރުމުގެ ކުރިން ބޮޑުބެރުގެ ހަރަކާތްތައް ބަލަމުންދިޔަ ލާއޮސް ޓީމުގެ މެންބަރުންނަށް ރަހަ ބަލާލަން ލިބުނު މީރު ދިވެހި ކުރުނބަލަކީ އެމީހުންގެ މޫނުމަތިން ވަރުބަލިކަން ފިލައިގެން ދިޔަ އެއް ރަހަ އެވެ. ކޮންމެ ކުޅުންތެރިއެއް ވެސް ނުވަތަ ޓީމުގެ އޮފިޝަލުން ވެސް އެ މަރުހަބާ ދޫކޮށް ދާން ބޭނުންވާ ކަމުގެ އިޝާރާތެއް ކޮށްފައެއް ނުވެ އެވެ. އެމީހުން ބޭނުންވީ ޝައުގުވެރި ކަމާއެކު ބޮޑުބެރުގެ ހަރަކާތްތައް ބަލާށެވެ. އެ އަޑުތަކާ ދުރަށް ދާން އެމީހުން ބޭނުމެއް ނުވެ އެވެ. އެމީހުން ބަލަން ބޭނުންވީ އެ މަންޒަރެވެ. އެ ކުޅިވަރެވެ.

މޫކައި ހޮޓެލްގައި މިހާރު އަރާމުކުރަމުންދާ ޓީމަށް ލިބޭނެ މަރުހަބާ އަދި އެ ނިމުނީކީ ނޫނެވެ. ގްރޫޕް ބީގައި ވާދަކުރުމަށްޓަކައި އައްޑޫ ސިޓީ އަށް ފުރަންޖެހޭ ލާއޮސް އަށް އެ ސިޓީން ވެސް ވަރަށް ހޫނު މަރުހަބާއެއް ކިޔާނެ އެވެ.

އޭގެ ކުރިން އަންގާރަ ދުވަހު ގަލޮޅު ދަނޑުގައި ގައުމީ ޓީމާ ދެކޮޅަށް ލާއޮސްގެ ޓީމު ނުކުންނާނެ އެވެ.