29 Dec 2010, 16:58
ޓޯޗާސް ވިކްޓިމްސްއިން އިންތިޒާމް ކޮށްގެން ކުރީގެ ރައީސް މައުމޫނާ ދެކޮޅަށް މިރޭ ލޮނު ޒިޔާރަތް ކޮޅުގައި ފަށަން އުޅުނު މުޒާހަރާގެ ތެރެއަށް އެމްޑީޕީގެ ގިނަ އަދަދެއްގެ އެކްޓިވިސްޓުން ވަދެ، އެއްވުން ހަމަނުޖެހުމަކަށް ބަދަލުވެ، އެންމެ ފަހުން މުޒާހަރާ ނުކޮށް ނިންމާލައިފި އެވެ.
ކުރީގެ ރައީސް މައުމޫނު އަބްދުލް ގައްޔޫމަކީ އަނިޔާވެރިއެއް ކަމަށާއި އެމަނިކުފާނު ހައްޔަރު ކުރުމަށް ގޮވައިލަމުން މިރޭ 9:00 ޖަހާ އެހާކަންހާއިރު ސުނާމީ ބިނާ ކައިރީގައި ޓޯޗާސް ވިކްޓިމްސް ގެ ފަރާތުން އެމްޑީޕީގެ އެކްޓިވިސްޓުންތަކެއް ބާއްވަން އުޅުނު މުޒާހަރާ ނުފެށި ގަޑިއެއް ހާއިރަށް ދެމިގެންދިޔައީ އެމްޑީޕީގެ އެކްޓިވިސްޓުންގެ މެދުގައި އުފެދުނު ހިޔާލު ތަފާތުވުންތަކާ ގުޅިގެންނެވެ.
އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ރައީސް، ހުޅުހެންވޭރު ދާއިރާގެ މެންބަރު ރީކޯ މޫސާ މަނިކުގެ މަސްއޫލުވެރިކަމުގެ ދަށުގައި އުފައްދާފައިވާ ޖަމިއްޔާގެ އެއްވުން ބޭއްވުމަށް ފޮނުވާފައި މެސެޖަތަކުގައި ވަނީ "އަނިޔާވެރިކަމާ ދެކޮޅަށް" ކުރާ މުޒާހަރާއެއް ކަމަށެވެ.
ނަމަވެސް އެއްވުން ފަށަން އުޅުނީ ރައީސް މައުމޫން އަނިޔާވެރި އަމަލުތައް ހިންގާފައިވާ ކަމަށް ބުނެ މައުމޫނާ ދެކޮޅަށް އަޑު އުފުލަމުންނެވެ.
ޓޯޗާސް ވިކްޓިމްސް އެއްވުން ފަށަން ތައްޔާރުވެ ކުރީގެ ރައީސް މައުމޫނާ ދެކޮޅަށް އަޑު އުފުލަން ފެށުމާއެކު ކުއްލިއަކަށް ފެނުނީ އެމްޑީޕީގެ އެކްޓިވިސްޓުންތަކެއް ހިންހަމަނުޖެހި އެއްވުމުގެ ތެރެއަށްވަދެ އެއްވުމާ ދެކޮޅަށް އަޑު އުފުލަން ފެށިތަނެވެ. އެއާއެކު ސަރަހައްދުން ކަރަންޓުވެސް ކަނޑައިލި އެވެ.
އެމީހުން ގޮވަމުން ދިޔައީ "މާޒީގެ ވާހަކަތައް ކިޔައިގެން މި ގައުމު އިސްލާހު ކުރެވެން މިއަދު ނެތް" ކަމަށާއި "މި ގައުމު ހަލާކުވެގެން މިދަނީ މަޖިލިސް މެންބަރުންގެ އިހުމާލުން" ކަމަށެވެ. "މައުމޫނާ ދެކޮޅަށް އަޑު އުފުލުމުގެ ބޭނުމެއް ނެތް" ކަމަށެވެ.
"ދައުލަތުގެ ހުރިހާ ލާރިއެއް އަނެއްކާ ވެސް ލިބޭނެ މަގު އަމިއްލައަށް މަޖިލިސް މެންބަރުން އެވަނީ މަގުފަހި ކޮށްފައި. އެ މީހުން ވަނީ މިގައުމު ބަނޑުއަޅާލާފަ." ޓޯޗާސް ވިކްޓިމްސް މުޒާހަރާއަށް ހުރަސްއެޅި މީހުން ގޮވަމުން ގެންދިޔަ އެވެ.
މިއަހަރުގެ މާޗް މަހުގެ 21 ވަނަ ދުވަހު އިފުތިތާހުކުރި ޖަމިއްޔާގެ މުޒާހަރާއަށް ހުރަސް އެޅުމަށް އިސްކޮށް ހަރަކާތްތެރިވެފައި ވެފައިވަނީ އެމްޑީޕީގެ ޓިކެޓްގައި ލޯކަލް ކައުންސިލްގެ އިންތިހާބުގައި ހެންވޭރު މެދު ދާއިރާއަށް ކުރިމަތިލެއްވި ފިލްމީ ތަރި ލުފުޝާން ޝަކީބު (ލޫއްޕެ) އެވެ. އޭނާ ވަނީ މޫސައަށް ވަރަށް ބޮޑަށް ފާޑު ކިޔައިފަ އެވެ.
އެއްވުން އަރައިރުމަކަށް ބަދަލުވެގެންދިޔަ ވަގުތު ލުފުޝާން ބުނަމުން ދިޔައީ "މި ސަރުކާރުގެ ބައެއް ވަޒީރުންގެ މަގާމު 'ލުހިގެން' ދިޔައީ ރީކޯ މޫސާމަނިކުގެ އިހުމާލުން" ކަމަށެވެ.
"ރައީސް މައުމޫންގެ ވާހަކަތައް ނުދައްކައި އެމްޑީޕީ މިއަދު މަސައްކަތް ކުރަންވީ ރީކޯ މޫސާމަނިކު ހަމަޔަކަން އެޅުވޭތޯ،" އެއްވެ، އަރައިރުންވި މީހުންނާ ދިމާއަށް ލޫއްޕެ ބުނެފައި ވެއެވެ. މޫސާމަނިކު ދިރިއުޅުއްވާ ގޭ ދޮށަށް އެއްވުމަށް ވެސް ލުފްޝަން ގޮވާލި އެވެ.
މައުމޫނާ ދެކޮޅަށް އަޑު އުފުލަން އެއްވުމަށް ފަހު، އެމްޑީޕީއަށް ނިސްބަތްވާ މެންބަރުންގެ މެދުގައި އިރުގަނޑެއް ވަންދެން ޒުވާބު ކުރުމަށް ފަހު ދެން ފެނުނީ މަޖިލިސް މެންބަރުނާ ދެކޮޅަށް އަޑު އުފަލަން ފެށިތަނެވެ. އޭގެ އިރުކޮޅެއް ފަހުން ފެނުނީ މައުމޫނާ ނިސްބަތްކޮށް ވާހަކަތައް ދެއްކުމަށް ތައްޔާރުކޮށްފައި ހުރި ސައުންޑު ސިސްޓަމްތަކުގެ މައިކު ވެސް ހަލާކުކޮށްލި މަންޒަރެވެ. މައިކް ހަލާކު ކޮށްލުމާއެކު ސައުންޑް ސިސްޓަމް ހަރުކޮށްފައިހުރި ވެހިކަލް އެ ސަރަހައްދުން ބޭރުވެސް ކޮށްލި އެވެ.
މުޒާހަރާ ނުފެށި ދެބައި މީހުންގެ އަރައިރުން ވުމަށް ފަހު މައުމޫނުގެ ބަދަލުގައި މަޖިލީސް މެންބަރުނާ ދެކޮޅަށް އަޑު އުފުލުމަށް އެއްބަސްވެގެން ބައެއް މީހުން މިސްރާބު ޖެހީ މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދު ދިރިއުޅުއްވާ ގޭ ދޮށަށް އެއްވުމަށެވެ. ނަމަވެސް އެ ދިމާލަށް ދިޔަ މީހުންގެ އަދަދު މަދުކަމުން ފަހުން އެމީހުން ވަނީ އަނބުރާ އައީ އެވެ.
އަނެއް ބަޔަކު އަޑު އުފުލީ އެމްޑީޕީގެ ޗެއާޕާސަން މާރީޔާ އަހުމަދު ދީދީ ދިރިއުޅުއްވާ ގޭ ދޮށަށް އެއްވުމަށާއި ރީކޯ މޫސަގެ ގޭ ދޮށަށް އެއްވުމަށެވެ. ނަމަވެސް މުޒާހަރާ ނިމިގެން ދިޔައިރު ވެސް އެމްޑީޕީގެ މެންބަރުން އެއިން އެއްވެސް ދިމާލަށް މިސްރާބު ޖަހާފައެއް ނުވެ އެވެ. ޒުވާބު ކުރި ދެބައި މީހުން ވެސް ބުނެފައި ވަނީ ދެން އެއްވާނީ ރައްޔިތުން މަޖިލިސްކުރާ ގޭދޮށަށް ކަމަށެވެ.
----
22:25
- ކުރީގެ ރައީސް މައުމޫނާ ދެކޮޅަށް އަޑު އުފުލަން ރޭވި އެއްވުން ނުފެށި، އެ އެއްވުން ރޭވި އެމްޑީޕީއަށް ނިސްބަތްވާ ފަރާތްތަކާއި އެޕާޓީގެ ގިނަ އަދަދެއްގެ އެކްޓިވިސްޓުންނާ ދެމެދު ގިނަ އިރުތަކެއް ވަންދެއް އަރައިރުންތައް ވުމަށް ފަހު އެއްވުން ރޫޅާލައިފި އެވެ. ދެބައި މީހުން ވެސް އެކި ދިމަދިމާއަށް ދިޔައީ މާދަމާ ރައްޔިތުންގެ މަޖިލިސް ކައިރިއަށް އެއްވުމަށް ގޮވައިފަ އެވެ.
22:25- ރީކޯ މޫސަގެ ޖަމިއްޔާގެ ފަރާތުން އެއްވުން ރޭވި ފަރާތްތަކާއި އެމްޑީޕީގެ އެކްޓިވިސްޓުންނާ ދެމެދު ހިޔާލު ތަފާތުވެ އެއްބަޔަކު އަނެއްބަޔަކަށް އަޑުގަދަ ކުރަމުން އެބަދެ އެވެ. މައިކް ސިސްޓަމާ ތާޅަފިލިތައް އެ ސަރަހައްދުން ގެންގޮސްފައިވާއިރު ސަރަހައްދަށް އެއްވި މީހުން މިހާރު ދަނީ މަދުވަމުންނެވެ. މިހާރު ޝުއޫރު ފާޅު ކުރުމުގެ ބަދަލުގައި ދެބައި މީހުން ބޮނޑިވެގެން އަރައިރުން ވަނީ އެވެ. ދެބައި މީހުންނަކީ ވެސް އެމްޑީޕީއަށް ނިސްބަތްވާ މީހުންނެވެ.
22:21- ކުރީގެ ރައީސް މައުމޫނާ ދެކޮޅަށް އަޑު އުފުލައި މައުމޫން ހައްޔަރު ކުރުމަށް ގޮވައިލަމުން ފެށި އެއްވުން ރޭވި، ޓޯޗާސް ވިކްޓިމްސް އެސޯސިއޭޝަކީ އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު ރީކޯ މޫސާމަނިކުގެ މަސްއޫލުވެރި ކަމުގައި މިއަހަރުގެ މާޗް މަހުގެ 21 ވަނަ ދުވަހު އިފުތިތާހުކޮށްފައިވާ ޖަމިއްޔާއެކެވެ.
22:15- މައުމޫނާ ދެކޮޅަށް އަޑު އުފުލުމަށް ގެނައި ސައުންޑް ސިސްޓަމްވެސް ބޭރުކޮށްފި އެވެ. މިކަމުގައި އިސްކޮށް ހަރަކާތްތެރިވަމުން ދަނީ ލޯކަލް ކައުންސިލްގެ އިންތިހާބުގައި ހެންވޭރު މެދު ދާއިރާއަށް އެމްޑީޕީން ކުރިމަތިލެއްވި ފިލްމީ ތަރި ލުފުޝާން ޝަކީބު (ލޫއްޕެ) އެވެ. އޭނާ ފާޅުގައި ގޮވައިލަމުން ދަނީ މޫސާ މަނިކަކީ އެމްޑީޕީގެ ހަލާކު ކަމަށެވެ. ލޫއްޕެއާއެކު އެމްޑީޕީގެ ވަރަށް ގިނަ އެކްޓިސްޓުން ދަނީ ހަރަކާތެރިވަމުންނެވެ.
22:06- ކުރީގެ ރައީސް މައުމޫނާ ދެކޮޅަށް ވާހަކަ ދެއްކުމަށާއި މައުމޫން ހައްޔަރު ކުރުމަށް ގޮވައިލުން ހުއްޓައިލުމަށް ފަހު މަޖިލިސްގެ ރައީސް އަބްދުﷲ ޝާހިދުގެ ގެކޮޅު ކައިރީގައި އިސްތިއުފާއަށް ގޮވުމަށް ދާން ތައްޔާރުވަމުން އެބަދެ އެވެ. އެއްބަޔަކު ފުރަތަމަ ބޭނުންވީ ހުޅުހެންވޭރު ދާއިރާގެ މެންބަރު މޫސާ މަނިކުގެ ގެކޮޅު ކައިރިޔަށް ދިއުމަށެވެ. އެކަމުގައި ހިޔާލު ތަފާތުވެ މިހާރު މަސައްކަތް ކުރަމުންދަނީ ޝާހިދުގެ ގެކޮޅު ކައިރިޔަށް ދިއުމަށެވެ. މައުމޫނާ ދެކޮޅަށް އަޑު އުފުލުމަށް ފެށި އެއްވުމުގައި މިހާރު މައުމޫނާ ދެކޮޅަށް އަޑު އުފުލުން ވަނީ ހުއްޓިފަ އެވެ. މީހުން ދަނީ ޖަމާވަމުންނެވެ.
22:03- އެމްޑީޕީގެ ގިނަ މެންބަރުން ބުނަނީ މައުމޫނަކީ މާޒީ ކަމަށާއި މައުމޫނާ ދެކޮޅަށް އަޑު އުފުލައިގެން ނުވާނެ ކަމަށެވެ. އިސްތިއުފާއަށް ގޮވަން ޖެހޭނީ މަޖިލިސް މެންބަރުންގެ ގޭ ދޮށަށް ގޮސް ކަމަށެވެ. އެއްވުމުގައި މައުމޫނާ ދެކޮޅަށް ވާހަކަ ދައްކަން ތައްޔާރުކޮށްފައިވާ މައިކު ދާދި ދެންމެއަކު ހަލާކުކޮށްލައިފި އެވެ.
22:02- ޓޯޗާސް ވިކްޓިމްސްގެ ފަރާތުން ކުރީގެ ރައީސް މައުމޫނާ ދެކޮޅަށް ލޮނު ޒިޔާރަތް ކޮޅުގައި ފެށި އެއްވުމެއްގެ ތެރެއަށް އެމްޑީޕީގެ ގިނަ އަދަދެއްގެ އެކްޓިވިސްޓްން ވަދެ، އެއްވުން ބޮޑު ހަމަނުޖެހުމަކަށް ބަދަލުވެއްޖެ އެވެ.