ފުވައްމުލަކުގައި ދެ ސައިކަލެއް ޖެހި މިރޭ ހިނގި އެކްސިޑެންޓެއްގައި ދެ މީހަކަށް އެކިވަރުގެ އަނިޔާތަކެއް ލިބިއްޖެ އެވެ.

ފުލުހުން ބުނީ، ފުވައްމުލަކު ގާޒީ މަގުގައިމިރޭ 8:50 ހާއިރު، ދެ ސައިކަލެއް ޖެހި އެކްސިޑެންޓެއް ހިނގިކަމުގެ މައުލޫމާތެއް ލިބިފައިވާ ކަމަށާއި އެ ދެމީހުންނަށް ވެސް ފުވައްމުލަކު ހޮސްޕިޓަލުން ފަރުވާދަމުން އަންނަ ކަމަށެވެ.

ޏ. އަތޮޅު ހޮސްޕިޓަލުގެ މެނޭޖަރު މުހައްމަދު އިސްމާއިލް ވިދާޅުވީ، ފުވައްމުލަކުގައި މިރޭ ހިނގި އެ އެކްސިޑެންޓުގައި އަނިޔާ ލިބި، އައިސީޔޫގައި ފަރުވާދެމުންދަނީ، ސ. ހިތަދޫ ގުލްކަނދުގޭ ހަސަން ނަޒީފު، 24، އަށާއި ފުވައްމުލަކު ކާނިމާގޭ އިބްރާހިމް ސޮބާހު، 34، އަށް ކަމަށެވެ.

އޭނާ ވިދާޅުވީ، ދެ މީހުން ވެސް ހެޔަށް ގޮތް ނުވާ ކަމަށާއި ނަމަވެސް ނަޒީފަށް ސީރިއަސް އަނިޔާތަކެއް ލިިބިފައިވާ ކަމަށެވެ. އަދި ސޮބާހުގެ މޫނު މައްޗާ ގައިގެ ބައެއް ތަންތަން މަށައިގެން ގޮސްފައިވާ ކަމަށް ވެސް އިސްމާއިލް ވިދާޅުވި އެވެ.

"ނަޒީފްގެ ބޮލަށް ސީރިއަސް އަނިޔާތަކެއް ލިބިފައިވަނީ. ނަމަވެސް ސިކުނޑިއަށް ލޭ އެޅިފައިވާ ކަމެއް އަދި ނޭންގޭ، އަދި އޭނަގެ ކޮނޑު ކަށިގަނޑުގައި ރެނދުލާފަވާ ކަމަށް ލަފާ ކުރެވޭ ކަމަށް ޑޮކްޓަރުން ބުނޭ،" އިސްމާއިލް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެ ދެމީހުންވެސް މާލެ ފޮނުވުމަށް ހޮސްޕިޓަލުގެ ޑޮކްޓަރުން ލަފާދެއްވާފައިވާތީ، އެ ދެމީހުން މާލެ ފޮނުވުމުގެ މަސައްކަތް އާއިލާއާއި ގުޅިގެން ކުރަމުންދާ ކަމަށެވެ.