11 May 2014, 23:25
ދެވަނަ ފަހަރަށް އިނގިރޭސި ޕްރިމިއާ ލީގުގެ ޗެމްޕިއަންކަން މެންޗެސްޓާ ސިޓީން ކާމިޔާބުކޮށްފި އެވެ.
ސިޓީ ހޯދި ދެވަނަ ޕްރިމިއާ ލީގު އެ ޓީމަށް ކަށަވަރުވީ، މިރޭ ވެސްޓް ހޭމް އަތުން 2-0 ލަނޑުން މޮޅުވެގެންނެވެ. ތިން އަހަރު ތެރޭ ހޯދިި ދެވަނަ ލީގު ތަށި އެ ޓީމު ކާމިޔާބުކުރީ ދެ ހާފުގައި ކާމިޔާބުކުރި ދެ ލަނޑުންނެވެ.
ސިޓީއާއެކު ލިބުނު ކާމިޔާބަކީ 2004 ވަނަ އަހަރު ދެކުނު އެމެރިކާ ދޫކޮށް، ޔޫރަޕަށް ކޯޗުކޮށްދޭން ފެށި ފަހުން ކޯޗު މެނުއެލް ޕެލެގްރިނީ އަށް ލިބުނު ފުރަތަމަ ކާމިޔާބެކެވެ. އަދި މިއީ މި ސީޒަނުގައި ސިޓީއަށް ޕެލެގްރިނީ ހޯދައިދިން ދެވަނަ ކާމިޔާބެވެ. އޭނާ ވަނީ ސިޓީ އަށް މިސީޒަނުގެ ކެޕިޓަލް ވަން ތަށި ވެސް ކާމިޔާބުކޮށްދީފަ އެވެ.
ސީޒަނުގެ އެންމެ ފަހު މެޗުން ސިޓީއަށް ލީގު ތަށި ލިބުނީ ފުރަތަމަ ހާފުގައި ފްރާންސް މިޑްފީލްޑަރު ސާމިރް ނަސްރީ އާއި ދެވަނަ ހާފުގައި ކެޕްޓަން ވިންސެންޓް ކޮމްޕަނީ ކާމިބުކޮށްދިން ލަނޑުންނެވެ. މި ސީޒަނުގައި ސިޓީ ކުޅުނު 38 މެޗުން އެ ޓީމަށް ލީގު ކަށަވަރުވީ ލިބުނު 86 ޕޮއިންޓާއެކު އެވެ.
ޕްރިމިއާ ލީގު ތައްޓާއި ސިޓީއާ އެންމެ ކައިރިން ވާދަކުރީ 38 މެޗުން 84 ޕޮއިންޓް ހޯދި ލިވަޕޫލް އެވެ. ލިބުނު 82 ޕޮއިންޓާއެކު ލީގުގެ ތިންވަނައިގައި ޗެލްސީ އޮތް އިރި، އާސެނަލް ނިންމާލީ ހަތަރުވަނަ މަގާމުގައި އޮވެގެންނެވެ. އާސެނަލް އަށް 38 މެޗުން ލިބުނީ 79 ޕޮއިންޓުންނެވެ.
މިރޭ ޕްރިމިއާ ލީގު ނިމުނު އިރު، ރެލިގޭޓް ވެގެންދިޔައީ ލީގުގެ 18 ވަނައިގައި އޮތް ނޮވިޗް ސިޓީ އާއި 19 ވަނައިގައި އޮތް ފުލަމް އާއި ލީގުގެ އެންމެ ފުލުގައި އޮތް ކާޑިފް ސިޓީ އެވެ.