މޯލްޑިވްސް ހައްޖު ކޯޕަރޭޝަން ލިމިޓެޑް (އެމްއެޗްސީއެލް) މެދުވެރިވެގެން މި އަހަރުގެ ރަމަޟާން މަހު އުމުރާ އަށް ދިއުމަށް ބޭނުންވާ މީހުން ފައިސާ ދެއްކުމަށް ހުޅުވާލި މުއްދަތުގައި އެކަށީގެންވާ އަދަދަކަށް މީހުން ފައިސާ ދައްކާފައި ނުވާތީ، ފައިސާ ދެއްކުމުގެ މުއްދަތު އެ ކޯޕަރޭޝަނުން އިތުރުކޮށްފި އެވެ.

ސަން އަށް މައުލޫމާތު ދެއްވަމުން ހައްޖު ކޯޕަރޭޝަންގެ މެނޭޖިންްގް ޑިރެކްޓަރު ޔާމީން އިދުރީސް މިރޭ ވިދާޅުވީ، އެމްއެޗްސީއެލްގެ ބެލުމުގެ ދަށުން އުމުރާ އަށް ދިއުމަށް ބޭނުންވާ މީހުން ނަން ނޯޓު ކުރުމަށް މިދިޔަ މާޗު މަހުގެ 20 އިން މިދިޔަ މަހުގެ 10ގެ ނިޔަލަށް ހުޅުވާލި ފުރުސަތުގައި 38 މީހަކު ނަން ނޯޓު ކުރި ކަމަށެވެ.

ނަމަވެސް ނަން ނޯޓް ކުރި މީހުންގެ ފައިސާ ބަލައިގަތުމަށް މިދިޔަ މަހުގެ 23 އިން މިދިޔަ ބުރާސްފަތި ދުވަހުގެ ނިޔަލަށް ހުޅުވާލި ފުރުސަތުގައި ފައިސާ ދައްކާފައި ވަނީ 27 މީހުން ކަމަށް އޭނާ ވިދާޅުވި އެވެ.

އެގޮތުން، އެމްއެޗްސީއެލް އިން މިއަހަރު ހައްޖަށް ގެންދިއުމަށް ނިންމާފައިވާ އަދަދަށް މީހުން ފައިސާ ދައްކާފައިނުވާތީ، ފައިސާ ދެއްކުމުގެ މުއްދަތު އަންނަ ހަފްތާގެ ބުރާސްފަތި ދުވަހާ ހަމައަށް ހުޅުވާލީ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އުމުރާ އަށް ދިއުމަށް ނަން ނޯޓުކުރި ބައެއް މީހުން ނަން ފަހުން ކެންސަލްކުރި. މިދިޔަ ބުރާސްފަތި ދުވަހުގެ ނިޔަލަށް ފައިސާ ދައްކާފައި ވަނީ 27 މީހުން. ނަމަވެސް އަޅުނގަޑުމެންގެ ޓާގެޓަކީ 44 މީހުން. އެހެންވީމާ އަންނަ ބުރާސްފަތި ދުވަހާ ހަމައަށް މުއްދަތު އިތުރުކުރީ،" އޭނާ ވިދާޅުވި އެވެ.

ހައްޖު ކޯޕަރޭޝަނުގެ ބެލުމުގެ ދަށުން މިއަހަރު ރަމަޟާން މަހު އުމުރާ އަށް ގެންދަން ނިންމާފައި ވަނީ، 50 މީހުންނެވެ. އަދި އެ މީހުންނާ އެކު ހައްޖު ކޯޕަރޭޝަންގެ ބެލުމުގެ ދަށުން ހަ އެހީތެރިން ވެސް ދާނެކަމަށް އެ ކޯޕަރޭޝަނުން ބުންޏެވެ.

ޔާމީން ވިދާޅުވީ މިހާތަނަށް ނަން ނޯޓު ނުކުރާ މީހުންނަށް ވެސް، ވަގުތުން ނަންނޯޓުކޮށް ފައިސާ ދެއްކޭނެ ކަމަށެވެ.

މި އަހަރު އުމުރާ އަށްދާ މީހެއްގެ އަތުން އެ ކޯޕަރޭޝަނުން ނަގަނީ 34،850ރ. އެވެ.

އުމުރާގެ އަޅުކަން އަދާކުރުމަށް ހައްޖު ކޯޕަރޭޝަންގެ ބެލުމުގެ ދަށުން ދާ މީހުން ފުރާނީ އަންނަ ޖުލައި މަހުގެ 14 ގަ އެވެ. އަދި އުމުރާ އިން އެނބުރި އެމީހުން އަންނާނީ ޖުލައި މަހުގެ 28 ވަނަ ދުވަހު އެވެ.