11 May 2014, 21:53
ޓެރަރިޒަމްގެ ކުށްތައް ރާއްޖޭގައި ހިންގުމަށް "ސީދާ އަދި ނުސީދާ ގޮތަކަށް ވެސް" ރާއްޖޭގައި ފައިސާ ފަންޑްކުރާކަން އެނގިފައި ނުވާ ކަމަށް މަރުކަޒީ ބޭންކް، އެމްއެމްއޭ އިން ބުނެފި އެވެ.
އެމްއެމްއޭ އިން މިހެން ބުނެފައި މި ވަނީ އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ނެރުނު "ކަންޓްރީ ރިޕޯޓްސް އޮން ޓެރަރިޒަމް 2013"ގައި ޓެރަރިޒަމް އަށް ތާއީދުކުރާ އަދި މަސައްކަތް ކުރާ ފަރާތްތައް ރާއްޖޭގައި އުޅޭ ކަމަށާއި އެކަން އެމްއެމްއޭ އަށް އެނގޭ ކަމަށް ބުނެފައިވާ ރިޕޯޓަކާ ގުޅިގެންނެވެ.
ސްޓޭޓް ޑިޕާޓްމަންޓްގެ ރިޕޯޓްގައި އެކަން ހުއްޓުވުމަށް އެމްއެމްއޭ އިން ރަނގަޅު ދިރާސާއެއްކޮށްފައި ނުވާ ކަމަށް ވެސް ބުނެފައިވެ އެވެ. އަދި ޓެރަރިޒަމްގެ އަމަލުތައް ހިންގުމަށް ފައިސާގެ މުއާމަލާތްތައް ކުރާކަން އެމްއެމްއޭ އަށް ނުބެލޭ ކަމަށް ވެސް އެރިޕޯޓްގައި ބުނެފައިވެ އެވެ.
އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓްގެ ރިޕޯޓަށް ރައްދުދީ އެމްއެމްއޭ އިން މިރޭ ނެރެފައިވާ ބަޔާނެއްގައި ބުނެފައި ވަނީ ޓެރަރިޒަމްގެ އަމަލުތަކަށް ރާއްޖޭގައި ފައިސާގެ މުއާމަލާތްތައް ހިންގާކަމެއް އެމްއެމްއޭ އަށް އެނގިފައިނެތް ކަމަށެވެ. އަދި ޓެރަރިޒަމްގެ އަމަލުތައް ހުއްޓުވުމަށް އެންޓި މަނީލޯންޑްރިން ގާނޫނުގެ ދަށުން އެމްއެމްއޭ އަށް މަސައްކަތް ކުރެވޭނެ ކަމަށް ބުނެފައިވެ އެވެ.
އެމްއެމްއޭ އިން މިހާރު އަަލުކުރަން ފަށާފައިވާ އެންޓި މަނީ ލޯންޑްރިން ގާނޫނުގެ ސަބަބުން ޓެރަރިޒަމް ކުށްތައް ހުއްޓުވުމަށް ބޮޑެތި ބާރުތަކެއް ލިބިފައިވެ އެވެ.