އަންނަ މަހު ބްރެޒިލްގައި ބާއްވާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގައި ވާދަކުރާ ޖަރުމަންގެ 23 ކުޅުންތެރިންގެ ފައިނަލް ސްކޮޑް ވަރަށް އަވަހަށް އިއުލާން ކުރާނެ ކަމަށް އެ ޓީމުގެ ކޯޗް ޔޯކިމް ލޯ ބުނެފި އެވެ.

ކުރިއަށް އޮތް ވޯޅްޑް ކަޕް ފުޓްބޯޅަ މުބާރާތުގައި ޖަރުމަން ވާދަކުރަނީ ގްރޫޕް ޖީ ފަޅީގައެވެ. ޖަރުމަންއާ އެކު ދެން ވާދަކުރާ ގައުމު ތަކަކީ ގާނާ އާއި ޕޯޗިގަލް އަދި ޔޫއެސްއޭ އެވެ.

ޖަރުމަންގެ ކޯޗް ލޯ ބުނީ، ވޯލްކަޕަށް ތައްޔާރު ވުމުގެ ގޮތުން ޕޮލެންޑާ ދެކޮޅަށް ޖަރުމަން ކުޅޭ އެކުވެރި ކަމުގެ މެޗަށްފަހު، ޖަރުމަންގެ ފައިނަލް ސްކޮޑް އެކުލަވާލުމުގެ މަސައްކަތް ކުރެވިގެން ދާނެ ކަމަށާއި މިވަގުތު ޓީމުގައި ހިމަނާފައި ވަނީ ޖުމްލަ 30 ކުޅުންތެރިންގެ ސްކޮޑެއް ކަމަށެވެ.

މީޑިއާ ރިޕޯޓްތައް ބުނާގޮތުން ޖަރުމަންގެ ކޯޗް ލޯ، އޭނާގެ ސްކޮޑަށް ގިނަ ޒުވާން ކުޅުންތެރިތަކެއް ނަގާނެ ކަމަށް ބެލެވިފައި ވާއިރު، ސްޑުން އެންމެ ވަރުގަދަ ކުޅުންތެރިންގެ ގޮތުގައި ޖާގަ ހޯދާފައި ވަނީ އާސެނަލްގެ އޮޒިލް އާއި މަޓަސެކާ އާއި ޕޮޑޮލްސްކީގެ އިތުރުން ޗެލްސީގެ ޒުވާން ފޯވާޑް އެންދްރޭ ޝޫލާވެސް ސްކޮޑުގެ ވަރުގަދަ ކުޅުންތެރިންގެ ގޮތުގައި ހިމެނޭ ކަމަށް ރިޕޯޓްތައް ބުނެއެވެ.

މިދިޔަ ހުކުރުދުވަހު ޖަރުމަންގެ ބައެއް ނޫސްތަކަށް ކޯޗް ލޯ ދީފައިވާ އިންޓަވިއުގައި ބުނެފައި ވަނީ، ފިއޮރެންޓީނާއަށް ކުޅެމުން އަންނަ ހުނަރުވެރި ފޯވާޑް މާރިއޯ ގޮމޭޒް ސްކޮޑުން ބާކީ ކުރަންޖެހުމަކީ މައްސަލައެއް ނޫން ކަމަށާއި އޭނަ ސްކޮޑުން ބާކީ ކުރަންޖެހުނީ ސީޒަންގެ ބޮޑު ބައެއްގައި އަނިޔާގައި ހުރުމުގެ ސަބަބުން ގިނަ މެޗްތަކުގައި އޭނައަށް ނުކުޅެވިފައި ވުމުން ކަމަށެވެ.

އިނގިރޭސި، ދަގާޑިއަން ނޫހުގައި މިދިޔަ ހުކުރު ދުވަހު ޝާއިރު ކޮށްފައިވާ ހަބަރެއްގައި ބުނެފައި ވަނީ، ވޯލްޑް ކަޕަށް ޖަރުމަންގެ ކޯޗް ލޯ ނަގާ 23 ކުޅުންތެރިންގެ ސްކޮޑުގައި މިހާރުވެސް ހިމަނާފައިވާ ކީޕަރުންނަށް ބަލާއިރު ނޯޔާގެ އިތުރުން ޑޯޓުމަންޑްގައި މޮޅުކުޅުމެއް ދައްކަމުން އަންނަ ވީޑެންފިލާ ހިމެނޭ ކަމަށް ބެލެވޭއިރު، ޕިލިޕް ލާމްގެ އިތުރުން ޒުވާން ދެ މިޑުފީލްޑަރުން ކަމަށްވާ ޝާލްކޭ އަށް ކުޅެމުން އަންނަ 18 އަހަރުގެ މޭޔާ އާއި 19 އަހަރުގެ ގޮރެޒާ ހިމެނޭ ކަމަށް ކޯޗް ލޯއާ ހަވާލާދީ އެނޫހުގައި ބުނެފައި ވެއެވެ. އަދި މާކޯ ރުއިސް އާއި ޝްވޭންސްޓައިގާ އާއި ޓޯނީ ކުރޫސް އަދި މުލާވެސް ކޯޗް ލޯގެ 23 ކުޅުންތެރިންގެ ސްކޮޑުގައި ހިމަނާނެ ކަމަށް އެނޫހުގައި ބުނެފައި ވެ އެވެ.